މިދިއަ ޖެނުއަރީ މަސް ނިމުނުއިރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 14.3 ޕަސެންޓް އިތުރު ވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ޖެނުއަރީ މަހުގެ ޓޫރިސްޓު އެރައިވަލް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް 177،140 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 154،169 މީހުންނާ އަޅާ ބަލާއިރު 14.3 ޕަސެންޓް އިތުރު ވުމެކެވެ.
މިދިޔަ މަހު ރާއްޖެއަށް ވައިގެ މަގުން 173،347 މީހުން އައިސްފައިވެ އެވެ. އަދި ކަނޑުގެ މަގުން އައިސްފައިވަނީ 3،793 މީހުންނެވެ.
މިދިޔަ މަހު އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ ޔޫރަޕުންނެވެ. އެ ސަރަހައްދުން އައި ޓޫރިސްޓުން ރާއްޖޭގެ ޓޫރިޒަމްގެ 54.4 ޕަސެންޓް ހިއްސާ ކުރިއިރު، ޖުމްލަ 94،725 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 13.4 ޕަސެންޓުގެ އިތުރު ވުމެކެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އައި އޭޝިއާ ޕެސިފިކް ގައުމުތަކުން 61,888 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 11.9 ޕަސެންޓުގެ އިތުރު ވުމެކެވެ.
އެންމެ ގިނަ މީހުން އައީ ޗައިނާ އިން
މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން 31,744 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 25,804 މީހުންނާ އަޅާ ބަލާއިރު 18.3 ޕަސެންޓުގެ އިތުރު ވުމެކެވެ. ދެވަނަ އަށް އެންމެ ގިނައިން މީހުން އައީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 10,734 މީހުން އައިސްފައި ވެއެވެ. މިއީ މިދިޔަ އަހަރު އައި 10,175 މީހުންނާ އަޅާ ބަލާއިރު 6.2 ޕަސެންޓުގެ އިތުރު ވުމެކެވެ.
މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގައި ޓޫރިސްޓުން ބޭތިއްބުމަށް 51،958 އެނދު ރަޖިސްޓްރީ ކޮށްފައިވެ އެވެ. މިދިޔަ މަހު ރާއްޖޭގެ ޓޫރިޒަމްގެ ޖުމްލަ އޮކިއުޕެންސީއަކީ 70 ޕަސެންޓެވެ.
ޖެނުއަރީ މަހު ޓޫރިސްޓުން އައި އަދަދު އިތުރުވީ ނަމަވެސް ކުރިއަށް އޮތް ހައެއްކަ މަހު ޓޫރިސްޓު އެރައިވަލަށް އަސަރު ކުރާނެ ކަމަށް ވަނީ ބެލިފަ އެވެ. ސަބަބަކީ މިދިޔަ މަހުގެ ފަހުކޮޅު ދުނިޔޭގައި ފެތުރެން ފެށި ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާ އިން ރާއްޖެއަށް އަންނަ ހުރިހާ ފްލައިޓެއް ހުއްޓާލާފައި ވުމެވެ، އޭގެ ސަބަބުން ރާއްޖެއަށް އެންމެ ގިނަ މީހުން އަންނަ ޗައިނާ އިން ޓޫރިސްޓުން އައުން ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ.