މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ގެ ޗެއާމަން އަބްދުއްރަޝީދު އަވަހާރަވެއްޖެ އެވެ.
އަބްދުއްރަޝީދަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އާދަމް އާޒިމްގެ ބައްޕާފުޅެވެ.
އަބްދުއްރަޝީދު އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ. މީގެ ދެ ދުވަހެއް ކުރިން ފެށިގެން ރަޝީދުގެ އާލާސްކަންފުޅު ބޮޑުވުމުން މިއަދު ހެނދުނު ވަނީ ލަންކާއަށް ވަޑައިގެންނެވުމަށް އެއާޕޯޓަށްވެސް ވަޑައިގެންފައެވެ. އަވަހާރަވީ އެއާޕޯޓްގައި ހުންނަވަނިކޮށެވެ.
ޑިފެންސް މިނިސްޓަރު ކަމުގައި ނާޒިމް ހުންނަވަނިކޮށް އެއް ރެއެއްގެ ދަންވަރު ވަގުތު، ފުލުހުންގެ ބަޔަކު އެމަނިކުފާނު ދިރިއުޅުއްވާ ގެއަށް ވަދެ އެގެ ބަލާ ފާސްކޮށް، އޭގެ ފަހުން އެމަނިކުފާނުގެ މައްޗަށް ގިނަ ތުހުމަތުތަކެއްކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާ، ޖަލުގައި ބަންދުކުރުމުން އަބްދުއްރަޝީދަށް ލިބިވަޑައިގެން ހިތާމާގައި ވަރަށް ބޮޑަށް ހާލުކޮޅު ގޯސްވެގެން ދިޔަ އެވެ.
އޭގެ ފަހުން އުޅުއްވީ ވަރަށް ބޮޑަށް އާލާސްކަންފުޅާ އެވެ. އަބްދުއްރަޝީދު ވަނީ އާލާސްކަންފުޅަށް އަވައްޓެރި ސްރީ ލަންކާއިން ވެސް ވަރަށް ގިނައިން ފަރުވާ ހޯއްދަވާފަ އެވެ.
އެންމެ ފަހުން އެމަނިކުފާނު އާންމުންނަށް ފެނިފައިވަނީ އާރްސީސީގެ އެހީގައި ހުޅުމާލޭގައި އިމާރާތް ކޮށްދޭ މިސްކިތެއްގެ ބިންގާ އެޅުމަށް މިދިޔަ މަހުގެ 16 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަަ ދައްކަވަމުން އަބްދުއް ރަޝީދުގެ ދަރިކަލުން އަދި އާރްސީސީގެ ޑިރެކްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ ބައްޕަގެ އެންމެ ބޮޑު އުންމީދަކީ މިސްކިތެއް ބިނާ ކުރެއްވުން ކަމަށެވެ.
"އަޅުގަނޑުގެ ބައްޕަ [އަބްދުއް ރަޝީދު] އާއި ބޮޑުބޭބެގެ އުއްމީދެއް އަބަދު ވެސް މިސްކިތެއް އެޅުން. އެހެން ނަމަވެސް މިހާތަނަށް އާއި އިރު އެކަން ކުރުމުގެ ފުރުސަތެއް ނުލިބޭ... އެކަމަކު މިއަދު މިވަނީ އެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި މިސްކިތެއްގެ ބިންގާ އެޅިފައި،" ނާޒިމް ވިދާޅުވި އެވެ.
އާރްސީސީއަކީ 1950 ގައި "ރަޝީދު ކާޕެންޓަރީ" ގެ ނަމުގައި ފެށި ކުޑަ ވަޑާން ގެއަކުން އުފެދުނު ވިޔަފާރިއެއްގެ ތެރެއިން އައި ކުންފުންޏެކެވެ. ކުންފުނީގެ ޗެއާމަން އަބްދުއް ރަޝީދު ފެއްޓެވި އެ މަސައްކަތް ބޮޑު ކުންފުންޏަކަށް ބަދަލުވެ ކުންފުނީގެ މަސައްކަތްތައް މިހާރު ބަލަހައްޓަނީ އޭނާގެ ކޮއްކޮ އިބްރާހިމް ރަޝީދާއި އޭނާގެ ދަރިކަލުން ނާޒިމާއި އާއިލާގެ ބައެއް އެހެން މަންބަރުންނެވެ.
އަބްދުއްރަޝީދު އަވަހާރަވުމާއި ގުޅިގެން އާއިލާގެ އެންމެހާ ފަރާތްތަކަށް ތައުޒިޔާ ކިޔަމެވެ. އަދި އެމަރުހޫމްގެ ފުރާނައަށް ހެޔޮ ރަހުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރަމެވެ.