ސިއްރު ހެކި ނެގޭނެ ގޮތެއް ގާނޫނުގައި ނެތް ކަމަށް ހައިކޯޓުން ކަނޑައެޅި ކަނޑައެޅި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުށަހެޅުއްވި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި އެ މައްސަލަ ބަލައިގެންފައިވަނީ އިއްޔެ އެވެ.
ސިއްރު ހެއްކާ ގުޅޭ ގޮތުން އާ ނިންމުމެއް އައީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިނިވަންކުރި ހުކުމްގަ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާގައި ބުނަނީ ހެކިބަސް ނަގަންވާނީ ޝަރީއަތުގެ މަޖިލީހަށް ހެކީން ހާޒިރުކޮށްގެން ކަމަށް އެ ގާނޫނުގައި ބަޔާން ކޮށްފައިވީ ނަމަވެސް، ހެއްކާބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި، އަދި އެ ގާނޫނުގައި ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހަވާލާދީފައިވާ ހެއްކާ ބެހޭ ގާނޫނަކީ 1976 ވަނަ އަހަރުގެ ގާނޫނެކެވެ. އެ ގާނޫނަށް އެއްވެސް އިސްލާހެއް ވެސް ގެނެސްފައެއް ނުވެ އެވެ.
ހައިކޯޓުން ކޮށްފައިވާ ހުކުމްގައި ބުނީ ހެއްކާ ބެހޭ ގާނޫނުގައި ހެކި ބަސް ދޭ މީހުން ހިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތަކަށް ހެކި ބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނެތް ކަމަށެވެ. މިއީ މީގެ ކުރިން ސިއްރުން ހެކި ބަސް ނެގުމާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ވަރަށް ގިނަ ވަކީލުން ފާހަގަ ކުރައްވާފައިވާ ނުކުތާއެކެވެ.
ހައިކޯޓު ހުކުމްގައި ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސިއްރުން ހެކި ބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކަމަށް ބުނާއިރު އެ ގޮތްތައް އެ ގާނޫނުގައި ނެތުމަކީ އެ އިޖުރާއަތް ފުރިހަމަ ކުރެވިފައިވާ ކަމަށް ބެލެވެން ނެތް ހާލަތެއް ކަމަށެވެ.
މި ނިންމުމާ ގުޅޭ ގޮތުން ޕީޖީ ޝަމީމް ވިދާޅުވެފައިވަނީ އިޖުރާތު ގާނޫނުގެ 149 ވަނަ މާއްދާގެ (ހ) އާއިއެކު، އެ ގާނޫނުގެ 119، 131 އާއި 134 ހިމަނައި، މުޅި ގާނޫނު އެކުގައި ކިޔާއިރު ހައިކޯޓުގެ ހުކުމުން ކަނޑައެޅި ސިއްރު ހެކިބަހުގެ އުސޫލު ރަނގަޅު ކަމަށް ނުފެންނަ ކަމަށެވެ.
ޝަމީމް ވިދާޅުވީ އެ ހުކުމް އޮތް ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 14 ވަނަ ބާބުގެ ބޭނުން ކެނޑިގެންދާ ކަމަށެވެ. ގާނޫނުގެ 119، 131 އަދި 134 ވަނަ މާއްދާގައި ސިއްރު ހެކި ބަސް ނެގޭނެ ގޮތް އެބަ އޮތް ކަމަށެވެ. އަދި 126 ވަނަ މާއްދާ ބެލުމުން ވެސް ސިއްރުން ހެކި ބަސް ނެގުމުގެ އުސޫލަކީ އިޖުރާއަތު ގާނޫނު ދަންނަ އުސޫލެއްކަން ކަށަވަރުވާ ކަމަށެވެ.