ހަބަރު

މައީޝާ ލަވަ ކިޔަނިކޮށް ހުރަސް އަޅައިފި، ގިނަ ބަޔަކު ރަތަށް!

Feb 25, 2020
23

ކެފޭތަކުގައި ލައިވް މިޔުޒިކް ކުޅުމުގައި އާންމުންގެ މަގުބޫލުކަން ލިބިފައިވާ މަރިޔަމް މައީޝާ (ރާޅު މަރިޔަބު) ލަވައެއް ކިޔަނިކޮށް މީހަކު ހުރަސްއެޅި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިކަން ހިނގާފައިވަނީ ކޮފީ ސްޓޭޓް އެމްވީ ކެފޭގައި ރޭގަ އެވެ. ރޭ މައީޝާ ވަނީ އެ ކެފޭގައި ލަވަ ހުށަހަޅައިދީފަ އެވެ. އޭނާ ލަވައެއް ކިޔަމުން ދަނިކޮށް ފިރިހެނަކު އައިސް މައިކް އަނބުރާލަ އެވެ. އެކަމުން މައީޝާއަށް ސިހުން ލިބެ އެވެ.

މައީޝާ ލަވަ ކިޔަމުންދަނިކޮށް މައިކް އަނބުރާލައި ހުއްޓުވީ އޭނާއަށް އުނދަގޫވާ ކަމަށް ބުނެ އެވެ.

މައީޝާ ވަނީ އެފަދަ ކަންކަމުން އޭނާ ކުރާ މަސައްކަތް ނުހުއްޓުވޭނެ ކަމަށް ބުނެފަ އެވެ. އަދި، އެ ކެފޭގައި ތިބި މީހުން އެކަމާ ދެކޮޅަށް ތެދުވެ މައީޝާ ސަޕޯޓްދިންކަން އޭނާ ފާހަގަކޮށްފަ އެވެ.

މިކަން ހިނގުމުން ފުލުހުން ވެސް އެކަމަށް އެޓެންޑްވި އެވެ. އަދި އެކަން ސުލްހަކުރުމަށް މަސައްކަތް ކުރި އެވެ. މައީޝާ ވަނީ ފުލުހަށް ވެސް ޝުކުރު އަދާކޮށްފަ އެވެ. މައީޝާއަށް ހުރަސް އެޅި މީހާއާމެދު ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ހާދިސާގެ ވީޑިއޯ މައީޝާ މިއަދު ޓްވީޓާގައި އާންމު ކުރުމާއެކު ގިނަ ބަޔަކު އަންނަނީ އެމީހާއާ މެދު ނުރުހުން ފާޅު ކުރަމުންނެވެ. އަދި އާޓިސްޓުންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށް ދިނުމަށް ގޮވާލަމުންނެވެ.

މިކަމާ ގުޅިގެން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ އެމީހާގެ އަމަލަކީ ވަރަށް ދަށު ދަރަޖައިގެ، އެއްގޮތަކަށް ވެސް ބަލައިނުގަނެވޭނެ އަމަލެއް ކަމަށެވެ. އަދި މައީޝާއަށް މަހުލޫފް ހިތްވަރު ވެސް ދެއްވާފައިވެ އެވެ.

މައީޝާއަކީ މޯލްޑިވިއަން އައިޑޮލްގެ ސީޒަން ތިނަކުން މަޝްހޫރުވި ލަވަކިޔުންތެރިއެކެވެ. އައިޑޮލްއަށް ފަހު ވެސް އޭނާ ގެންދަނީ މިޔުޒިކްގެ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.