ހަބަރު

އައިޖީއެމްއެޗަށް ގޯސްވީ ކަށުނަމާދު ޕޭޖް

އައިޖީއެމްއެޗްގައި ކައިރި ކައިރީ ކުޑަކުދިންތަކެއް މަރުވުމުން އެ ހޮސްޕިޓަލްގެ އިތުބާރު ގެއްލިގެން ދިޔަ މައްސަލާގައި އައިޖީއެމްއެޗް އިން ކަށުނަމާދު ޕޭޖާ މެދު ނުރުހުން ފާޅުކޮށްފި އެވެ.

މިދިޔަ އަހަރު ނޮވެންބަރު މަހުގެ 15 ވަނަ ދުވަހު އައިޖީއެމްއެޗްގައި ވިހޭ ތިން ކުއްޖަކު މަރުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެ ހޮސްޕިޓަލަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި އެވެ. އެގޮތުން އައިޖީއެމްއެޗްގެ ލޭބާ ރޫމްގެ މެޝިންތައް ހަލާކުވެފައި ހުރި ކަމަށާއި ހިދުމަތްތަކުގެ ފެންވަރު ދަށް ކަމަށް ބުނެ އެ ހޮސްޕިޓަލުގެ މެނޭޖްމެންޓަށް ވަނީ ފާޑު ކިޔައިފަ އެވެ.

އެ މައްސަލާގައި ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އާއި އައިޖީއެމްއެޗްގެ އިސް ބޭފުޅުންނާ ވަނީ ބައްދަލުޗކޮށްފަ އެވެ. ކޮމިޓީގައި އައިޖީއެމްއެޗްގެ ހެޑް އޮފް ޑިޕާޓްމަންޓް ޑރ. މުހައްމަދު އަސީލް ޖަލީލް ވިދާޅުވީ ސޯޝަލް މީޑިއާގައި ހިންގާ ކަަށު ނަމާދު ޕޭޖްގައި އެ ކުދިން މަރުވިކަން އާންމު ކުރާއިރު އެއީ ކިހިނެތް މަރުވި ކުދިންތަކެއް ކަމެއް އެނގެން ނުހުންނަ ކަމަށެވެ. -- ކަށު ނަމާދު ޕޭޖަކީ މަރުވާ މީހުންގެ ވަނަވަރާއި ކަށު ނަމާދު ކުރުން އޮންނަ ވަގުތުގެ މައުލޫމާތު އަރުވާ ޕޭޖެކެވެ. އެއްވެސް މީހަކު މަރުވި ސަބަބު އެ ޕޭޖުގައި ހިމަނާފައެއް ނުހުރެ އެވެ --

"މި މައްސަލައާ ގުޅިގެން ފާހަގަވެގެން ދިޔައީ ސޯޝަލް މީޑިއާގައި ހިންގާ ކަށުނަމާދު ޕޭޖުގައި، ބައިގެންދާ ކުދިންވެސް ހިމެނޭކަން. ސައިންޓިފިކް ޑެފިނިޝަންގައި މި ގެންގުޅެނީ ބަނޑަށް 28 ހަފުތާ ނުވެ ވިހާ ކުދިން ވެއްޖިއްޔާ އެއީ ބައިގެންދާ ކުދިންގެ ގޮތުގައި. އަދި 500 ގްރާމަށް ވުރެ ބަރުދަން ދަށް ނަމަ ސަވައިވަލް ދަށް. އެކަމަކު ކަށުނަމާދުގެ އިއުލާނުގައި ހިމެނޭ ބައިގެންދާ ކުދިން ވެސް،" އަސީލް ވިދާޅުވި އެވެ.

އެހެންނަމަވެސް 28 ހަފްތާ ނުވެ ވިހާ ކުދިންނާއި 500 ގްރާމަށްވުރެ ބަރުދަން ދަށް ކުދިންގެ ސަވައިވަލް ކޭސްތައް ރާއްޖޭގައި ގިނަ ކަމަށް އަސީލް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ވިހެއުމުގެ ކުރިން ނުވަތަ ވިހެއުމަށްފަހު މަރުވާ ތުއްތުކުދިންގެ މައްސަލަ ހެލްތު މިނިސްޓްރީއާ ގުޅިގެން އެ ހޮސްޕިޓަލުން އަބަދުވެސް ތަހްގީގު ކުރާ ކަމަށެވެ.

"ކަނޑައެޅިގެން ސަބަބު އެނގުމަކީ މުހިއްމު ކަމަކަށް ވާނަމަ، އަދި ސިއްހީ ވުޒާރާ އެއްގެ ޕޮލިސީ ލެވެލް އަކުން ބޭނުންވާ ނަމަ އޮންނާނީ އޮޓޮޕްސީ ހެދުން. އެއީ، އަދި ދިޔަ ހިސާބެއް ނޫން. އެހިސާބަށް އަޅުގަނޑުމެން ނުގޮސް އޮތީ ރޭޓްސް އަށް ބަލާއިރު، ރޭޓަށް ނުފެތޭތީވެ،" އަސީލް ވިދާޅުވި އެވެ.

އައިޖީއެމްއެޗުގެ ޑޮކްޓަރު، ޔޫސުފް ޝާން ވެސް ވަނީ ކަށު ނަމާދު ޕޭޖުގައި މަރުވި ގޮތުގައި ގޮތުގެ ތަފްސީލް ހާމަ ނުކުރާކަން ފާހަގަ ކޮށްފަ އެވެ. އަދި މަރުވާ ހޮސްޕިޓަލުގެ ތަފްސީލެއް ވެސް ނުހުންނަ ކަމަށް ޝާން ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ހޮސްޕިޓަލާ މެދު އާއްމުންގެ އިތުބާރު ގެއްލޭ ކަމަށް ޝާން ވިދާޅުވި އެވެ.

ޝާން ވިދާޅުވީ އެއްވެސް ރަށެއްގައި ކޮމްޕްލިކޭޓެޑް ކޭސް އެއް އަތުވެއްޖެ ނަމަ ގެންނަނީ އައިޖީއެމްއެޗަށް ކަމަށާއި މަރުވެގެން ފޯމުގައި ޖަހާ "ޑެތު އޮފް ޕްލޭސް" އަކަށް ވާނީ އައިޖީއެމްއެޗް ކަމަށެވެ. އަދި މިކަހަލަ ކޮމްޕްލިކޭޓެޑް ކޭސްތައް ހޭންޑަލް ކުރަނީ އައިޖީއެމްއެޗުން ކަމުން އެ ހޮސްޕިޓަލުގައި ގިނަ ކޭސްތައް ހިނގާނެ ކަމަށް ފާހަގަ ކުރެއްވި އެވެ. އެހެންނަމަވެސް މިހާރު ދިމާވާ މައްސަލަތައް ކުޑަ ކުރުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ކޮމިޓީ ބައްދަލުވުމުގައި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ، މަރުގެ މައްސަލަތައް ދިމާވެ ސޯޝަލް މީޑިއާގައި ވާހަކަތައް ފެތުރޭ އިރު އެއީ ހޮސްޕިޓަލުގެ އިހުމާލުން ވާ ކަމެއް ނޫންކަން އާއްމުންނަށް އެންގުމަށެވެ. ހޮސްޕިޓަލުގެ ކޮމިއުނިކޭޝަންސް ސްޓްރެޓަޖީ ބަދަލު ކުރުމަށްވެސް ނާޒިމް ވަނީ ހޮސްޕިޓަލުގެ ވެރިންނަށް ލަފާ ދެއްވާފަ އެވެ.