ފުލުހުން ބަލަމުން ގެންދާ މައްސަލަތަތަކަކާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރުކުރަނީ މާދަމާ މެންދުރު ދޭއް ޖަހާއިރު ކަމަށާ އެމަނިކުފާނުގެ ދެ މައްސަލައެެއް ބަލަމުންދާ ކަމަށް ފުލުހުން އަންގާފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނެފި އެވެ.
އަވަސްއާ ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ތަހުގީގު ކުރަމުންދާ މައްސަލަތަކަކާ ގުޅިގެން ރައީސް ޔާމީންގެ ބަޔާން ނަގަން ފުލުހުންގެ އިދާރާއަށް މާދަމާ މެންދުރު ފަހު 2:00 ޖަހާއިރު ހާޒިރުކުރާ ކަމަށް އަންގާފައިވާ ކަމަށެވެ.
ޖަމީލް ވިދާޅުވީ ފުލުހުންގެ މުއައްސަސާ ސިޔާސީ ތަނަކަށް ބަދަލުވެފައިވާ ކަމަށެވެ. އަދި ފުލުހުން މިއަދު މަސައްކަތް ކުރަމުންދަނީ ސަރުކާރުން އަންގާހާ ގޮތަކަށް ކަމަށް ވިދާޅުވިއެވެ.
"ދިވެހި ގައުމަށް ގާނޫނު އަސާސީގެ ދަށުން މިނިވަން މުއައްސަސާތައް ލިބޭނީ ކޮން ދުވަހަކުންބާ." ޖަމީލް ސުވާލު ކުރައްވާފައިވެއެވެ.
ޖަމީލް ވިދާޅުވީ އިތުރު މައްސަލަތަކެއް ތަހުގީގު ކުރަން ފެށީ، މިހާރު އެމަނިކުފާނުގެ މައްޗަށް އޮތް ދައުވާއަކީ ސިޔާސީ ދައުވާއެއްކަން އިސްތިއުނާފު މަރުހަލާގައި ހައިކޯޓުގައި ގާއިމްކޮށް ދެވިފައިވާތީ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް މިހާތަނަށް ދައުވާ އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން އެސްއޯއެފްއަށް ލިބުނު ފައިސާތަކެއް އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވި މައްސަލާގަ އެވެ. އެ މައްސަލާގައި އެމަނިކުފާނާ ދެކޮޅަށް އެ ކޮރަޕްޝަންގައި އެންމެ ބޮޑަށް ތުހުމަތުވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހެކި ބަސް ދެއްވި އެވެ.
ރައީސް ޔާމީނާ ގުޅޭ މައްސަލަތަކެއް އޭސީސީން ވެސް ބަލަމުން ދިޔަ އެވެ. އޭގެ ތެރޭގައި ބައެއް މަޝްރޫއުތަކަށް ލިބެންޖެހޭ ފައިސާ، އަމިއްލަ އެކައުންޓަށް ޖަމާވި މައްސަލަތަކެއް ވެސް ހިމެނެ އެވެ.
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެެފަ އެވެ.