ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ދައްކަވާ ވާހަކަތައް ސަރުކާރުން އަޑުއަހާ ކަމަށް ގާނޫނީ ވަކީލުންގެ ޓީމުން ތުހުމަތު ކޮށްފި އެވެ.
ވަކީލުންގެ ޓީމުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވަކީލާއި މުވައްކިލުންގެ ބައްދަލްވުންތަކާއި ފޯނު ކޯލުތަކަކީ ގާނޫނީ ގޮތުން ރައްކާތެރިކުރެވިފައިވާ މުއާމަލާތްތަކެއް ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ކުރައްވާފައިވާ މުއާމަލާތައް އެހެން އެއްވެސް ފަރާތަކާއި ހިއްސާކޮށްފައިނުވާ ބައެއް ވާހަކަތަކަށް އުނި އިތުރު ގެނެސްގެން ސަރުކާރަށް ތާއީދު ކުރާ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
"...މިކަން ހިނގާދިޔަ ގޮތަށް ބަލާއިރު އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ މުވައްކިލާއި ދެމެދު ދެކެވޭ ވާހަކަތައް އަޑުއެހުމުގެ ފިނޑި އަމަލު ސަރުކާރުން ހިންގާ ކަމުގެ ތުހުމަތު ވަރަށް ބޮޑަށް ކުރެވޭތީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވަސް ކަރެކްޝަނަލް ސާވިސްއަށް އިލްތިމާސްކުރަން،" ވަކީލުންގެ ބަޔާނުގަައިވެއެވެ.
މީގެ އިތުރުން ކޮވިޑްގެ ނުރައްކާތެރި މި ހާލަަތުގައި މި މަހުގެ ދެވަނަ ދުވަހު ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށް ހިންގި ތަހުގީގުގެ ބަޔާނުގައި ސޮއިކުރަން މިއަދު މާފުށީ ޖަލަށް ހާޒިރުވުމަށް ކަރެކްޝަނުން ވަކީލުންނަށް އަންގާފައިވާތީވެސް ވަނީ ކަންބޮޑުން ފާޅުކޮށްފައެވެ. މިއީ ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅަށް ނުރައްކާ ވެދާނެ ކަމެއް ކަމަށްވެސް ވަކީލުންގެ ބަޔާނުގައިވެއެވެ.