ހަބަރު

އަންޖުމް މަރުގައި ޑްރައިވަރުގެ އިހުމާލު އެބައޮތް: ފުލުހުން

އެމްޓީސީސީ ބަހަކާއި ސައިކަލެއްޖެހި މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އިރު، ބަސް އޮތީ ސައިކަލް ދުއްވުމަށް ހާއްސަ ކޮށްފައިވާ ލޭންގައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިވަނީ މި އެކްސިޑެންޓްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) އަށް ހުށަހެޅުމުން އެ ކޮމިޓީއަށް ދިން މައުލޫމާތުގައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ރޭ 22:35 ހާއިރު، ހުޅުމާލޭ ނިރޮޅުމަގު ހައިވޭއާއި ގުޅޭ ދިމާލުން ހައިވޭއަށް އަރަން ދިޔަ އެމްޓީސީސީގެ ބަހަކާއި އެމަގުން ދުއްވާފައިދިޔަ ސައިކަލްގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ސައިކަލްގެ ފަހަތުގައި އިން 13 އަހަރުގެ އަންޖުމް ޝަފީގް ވަނީ މަރުވެފަ އެވެ.

އެކްސިޑެންޓުގައި އަންޖުމް މަރުވުމާއި ގުޅިގެން އެމްޓީސީސީން ބަހުގެ ހިދުމަތްދިނުމުގައި ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރަމުންދޭތޯ އާއި، އެ މައްސަލައިގައި ކަންހިނގާފައިވާގޮތް ބެލުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ އެސްއޯއީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

އެސްއޯއީ ކޮމިޓީން މިމައްސަލަ ބެލުމަށްފަހު އެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓުގައިވާގޮތުން މި އެކްސިޑެންޓް ހިނގަންމެދުވެރިވީ އެ ވަގުތު ބަސް އޮތީ ސައިކަލަށް ހާއްސަކޮށްފައިވާ ލޭންގައި ކަމަށްވާތީއެވެ. އަދި އެ ގޮތަށް ފުލުހުން އެ ކޮމެޓީއަށް މައުލޫމާތު ދީފައިވާ ކަމަށް ވަނީ ބުނެފައެވެ.

މި އެކްސިޑެންޓާއި ގުޅިގެން ބަސް ދުއްވަން އިން 54 އަހަރުގެ ޑްރައިވަރުގެ ލައިސެންސް ހިފަހައްޓައި މި މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ. އަދި މި ޑްރައިވަރު އެރޭ ހައްޔަރުކޮށް ބަންދަށް ހަތް ދުވަސްވެސް ޖެހި އެވެ. އެހެން ނަމަވެސް ޑްރައިވަރު ބަންދުގައި ބަހައްޓައިގެން ތަހްގީގު ކުރިއަށް ގެންދަން ނުފެންނާތީ އޭނާ ވަނީ ދޫކޮށްލާފަ އެވެ.

މި އެކްސިޑެންޓް ހިނގުމުންވެސް ބަސް މަޑުނުކޮށް ދިޔުމުން ގިނަ ބައެއްގެ ނުރުހުން އެމްޓީސީސީއަށް އަމާޒުވިއެވެ. ނަމަވެސް އެކްސިޑެންޓާއި ގުޅިގެން އެ ކުންފުނިން އޭރު ބުނީ އެކްސިޑެންޓް ހިނގިކަން ބަސް ދުއްވަން އިން ޑްރައިވަރަށް ނޭނގޭ ކަމަށާއި އަދި އެވަގުތު ބަހުގަ ތިބި އެއްވެސް މީހަކަށްވެސް އެކްސިޑެންޓްވި ކަމެއް އެނގިފައިނުވާ ކަމަށެވެ. އަދި ބަހަށްވެސް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

އަންޖުމް މަރުވި ހާދިސާގެ ކުރިންވެސް މިދިޔަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އެމްޓީސީ ބަހަކުން ޖެހި ޔޫކްރެއިންގެ އަންހެން ފަތުރުވެރިޔަކުވެސް މަރުވިއެވެ. މިހާދިސާ ހިނގާދިޔައީ ބަސް ދުއްވަން އިން ޑްރައިވަރަށް ނިދިޖެހިގެންނެވެ.

ރިޕޯޓުގައިވާގޮތުން މިހާދިސާ ހިނގާދިޔައީ ބަސް ޑްރައިވަރަށް ނިދިޖެހި އަޅަންވާ މަގު ނޫން އެހެން މަގަކުން ދާންފެށުމުން ކޮންޑަކްޓަރު ޑްރައިވަރު ގައިގައި ކޮއްޓާލުމުން ސިއްސައިގެން ގޮސް ސްޕީޑަސް ލެވި ޕޭމެންޓް މަތިން ހިނގާފައި ދިޔަ ދެ މީހުންގެ ތެރެއިން ޔޫކްރެއިން އަންހެން މީހާގެ ގައި މައްޗަށް ބަސް އެރުމާއި ގުޅިގެންނެވެ. މިހާދިސާއަށް ފަހު ބަސް ދުއްވަން އިން ޑްރައިވަރުގެ ލައިސެންސް ހިފަހައްޓައި އެމްޓީސީސީގެ ވަޒީފާއިންވެސް ވަކިކުރިއެވެ. އަދި އޭނާގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފަ އެވެ.

މީގެ އިތުރުން މި އެކްސިޑެންޓް ހިނގިތާ މާ ގިނަ ދުވަހެއް ނުވަނީސް އެމްޓީސީސީ ބަހެއްގެ ޑްރައިވަރަށް ނިދިޖެހިގެން ވަނީ ކާރެއްގައި ޖެހި އެކްސިޑެންޓެއް ވެފަ އެވެ. މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާނުވި ނަމަވެސް ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. މި އެކްސިޑެންޓާއި ގުޅިގެން އެޑްރައިވަރުވެސް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.

މިހާދިސާތަކަށްފަހު އެމްޓީސީސީން އެޅި ފިޔަވަޅުތަކާ ގުޅިގެން އައިސްފައިވާ ބަދަލުތައް މޮނިޓާކޮށް ކުންފުންޏަށް އައިސްފައިވާ ބަދަލުތަކުގެ ރިޕޯޓެއް ހަ މަސް ދުވަސްތެރޭގައި އެ ކޮމިޓީއަށް ހުށަހެޅުމަށް ވަނީ އަންގާފަ އެވެ. މި ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން 60 މެމްބަރުންގެ ވޯޓުން ވަނީ މި ރިޕޯޓު ފާސްކޮށްފަ އެވެ.