ހަބަރު

ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފި

Feb 27, 2020
5

އާ ތަހުގީގަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހަށް ހާޒިރު ކޮށްފި އެވެ. ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރީ މިއަދު 2:00 އަށެވެ.

ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރު ކުރިއިރު އެ މަނިކުފާނުގެ ވަކީލެއްގެ ގޮތުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ފުލުހަށް ވަޑައިގެންނެވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ފުލުހުން ތަހުގީގު ކުރަމުން ގެންދަނީ ރައީސް ޔާމީންގެ ދެ މައްސަލައެކެވެ. ނަމަވެސް އެ ދެ މައްސަލައާ ގުޅޭ ތަފްސީލެއް ނުލިބެ އެވެ.

ރައީސް ޔާމީންގެ މައްޗަށް މިހާތަނަށް ދައުވާ އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން އެސްއޯއެފްއަށް ލިބުނު ފައިސާތަކެއް އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވި މައްސަލާގަ އެވެ. އެ މައްސަލާގައި އެމަނިކުފާނާ ދެކޮޅަށް އެ ކޮރަޕްޝަންގައި އެންމެ ބޮޑަށް ތުހުމަތުވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހެކި ބަސް ދެއްވި އެވެ.

ރައީސް ޔާމީނާ ގުޅޭ މައްސަލަތަކެއް އޭސީސީން ވެސް ބަލަމުން ދިޔަ އެވެ. އޭގެ ތެރޭގައި ބައެއް މަޝްރޫއުތަކަށް ލިބެންޖެހޭ ފައިސާ، އަމިއްލަ އެކައުންޓަށް ޖަމާވި މައްސަލަތަކެއް ވެސް ހިމެނެ އެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެެފަ އެވެ.