ހަބަރު

ޔާމީން ހާޒިރު ކުރީ އިތުރު މައްސަލައެއް އޮވެގެނެއް ނޫން: ވަކީލުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ އިތުރު އެއްވެސް އާ މައްސަލައެއް އޮވެގެން ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ފުލުހުން ސުވާލު ކޮށްފައި ވަނީ މިހާރު ވެސް ޝަރީއަތުގައި ހިނގަމުންދާ މައްސަލައިގެ ހަވާސާތަކުގެ ތެރެއިން ކަމަށް އެމަނިކުފާނުގެ ގަނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ވަނީ މިއަދު މެންދުރުފަހު 2:00 ހާއިރު މާލެ ގެނެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފަ އެވެ. ފުލުހުންގެ އިދާރާގެ ތެރޭގައި ގާތްގަނޑަކަށް ތިން ގަޑިއިރު ވަން ދެން ސުވާލު ކުރެއްވުމަށް ފަހު އެމަނިކުފާނު އަނބުރާ މާފުށީ ޖަލަށް ގެންދަން ކަރެކްޝަންސްގެ އޮފިސަރުންގެ ބެލުމުގެ ދަށުން ލޯންޗުގައި ފުރައިގެން ދިޔައީ އިރުއޮއްސި ހައެއް ޖަހަނިކޮށެވެ.

އޭގެ ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނުގެ ގަނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވީ އެމަނިކުފާނު ހާޒިރު ކުރީ އިތުރު އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށެވެ.

މިއަދު ވެސް ފުލުހަށް ހާޒިރުކޮށް ރައީސް ޔާމީނާ ސުވާލު ކުރެއްވީ މިހާރު ވެސް ދައުލަތުން އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލާފައިވާ އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ފައިސާ ލޯންޑަ ކުރެއްވި ކަމުގެ ތުހުމަތު ކުރައްވާ މައްސަލައިގެ ހަވާސާގެ ތެރެއިން ކަމަށް ޖަމީލު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް މިހާތަނަށް ދައުވާ އުފުލީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް އެކައުންޓުން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވި މައްސަލާގަ އެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، މިހާރު ހައި ކޯޓުގައި ވަނީ އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާގެ ޝަރީއަތްތައް ފަށައިފަ އެވެ.

ޑރ. ޖަމީލު ވިދާޅުވީ، ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކޮށް ކުރި ތަހުގީގަކީ އޭގެ ޒާތުގައި އިތުރު މައްސަަލައެއް އޮތުމުގެ ބަދަލުގައި އެމްއެމްޕީއާރުސީ ހިޔާނާތުގެ މައިގަނޑު މައްސަލަ އޮއްބާލަން ކުރާ މަސައްކަތުގެ ތެރެއިން ހިންގި ތަހުގީގެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކަމަށެވެ.

"އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފަހަތުގައިވާ އެ މައްސަލާގައި ހަގީގަތުގައި ވެސް ތިބި މީހުންތައް އޮއްބާލައި އޭތި ފުރޮޅާލުމަށްޓަކައި ކުރެވުނު މަސައްކަތެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަ ކުރެވިގެން ދިޔައީ،" ޖަމީލު ވިދާޅުވި އެވެ.

މި މައްސަލާގައި އެންމެ ބޮޑު ތުހުމަތުތަކެއް ކުރެވިފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތު މި ވަގުތު ގޭބަންދުގައި ހުރިއިރު އެ މީހުންގެ މައްސަލަތައް މިހާރު ބެލެމުން ނުދާ ކަމަށް ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައަކީ ސީދާ މައްސަލަ ކަމުގައިވާ ނަމަ އެ މައްސަލާގައި ތުހުމަތު ކުރެވޭ އެންމެންގެ މައްސަލަތައް ބަލަން ޖެހޭ ކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި ބައެއް މެންބަރުން ދެއްކި ވާހަކަތަކަށް އިޝާރާތް ކުރައްވައި ވިދާޅުވީ، އެމްޑީޕީގެ ބައެއް މެންބަރުންނާއި އޭރު އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލިޑަރުގެ ގޮތުގައި ހުންނެވި މިހާާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އޭގެ ބައެއް ތުހުމަތު ކުރެވޭއިރު އެއިން މައްސަލައެއް ބަލަމުންދާ ތަން ނުފެންނަ ކަމަށެވެ.

ފުލުހުންގެ މުއައްސަސާގެ އަމަލުތައް ހުރީ އެމްއެމްޕީއާރުސީގެ ހަގީގީ މައްސަލަ ތަހުގީގު ކުރުމަށްވުރެ އޭގެ އަސްލު މައްސަލަ އޮއްބާލުމަށްޓަކައި ވަކި މީހަކަށް އަމާޒުކޮށްގެން މަސައްކަތް ކުރަމުންދާ ގޮތަކަށް ކަމަށް ޖަމީލު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ މިއީ މިހާރު އޮތް މައްސަލަތަކުގެ ފޯކަސް ގެއްލުވާލައި، އެމްއެމްޕީއާރުސީގެ އަސްލު މައްސަލަ އޮއްބާލަން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ސިޔާސީ ގޮތުން ހަލަބޮލި ކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އަޅުގަނޑު ސިފަ ކުރައްވަނީ،" ޖަމީލު ވިދާޅުވި އެވެ.