ހަބަރު

މިއަދު ވެސް ރައީސް ޔާމީން ފުލުހަށް

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހަށް ހާޒިރު ކުރަން އަންގާފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ފުލުހުންގެ ތަހުގީގަށް އެމަނިކުފާނު ހާޒިރު ވާން އަންގާފައި ވަނީ މިއަދު މެންދުރުފަހު 1:00 އަށެވެ.

ރާއްޖޭން ކޮރޯނާ ވައިރަސް ފެނިފައިވާއިރު، މިފަދަ ދަނޑިވަޅެއްގައި ވެސް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަަން އެންގުމުން އެމަނިކުފާނު ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

"މުޅި ރާއްޖެއަށް ރޭގައި ލިބުނު ބޮޑު ސިހުމެއް، ނުރައްކާތެރި ރޯގާއެއް ރާއްޖޭން ފެނުނު ހަބަރެއް، އެކަކު އަނެކަކަށް ހަމްދަރުދީ ވާން ވީ ވަގުތު، އެކަމަކު ފުލުހުންގެ މުއައްސަސާއިން އަވަސްވެގަތީ މި ވަގުތު ވެސް ރައީސް ޔާމީން ހާޒިރު ކުރަން، މިއަށްވުރެ މުހިއްމު ކަމެއް ހަމަ ނެތީތޯ،" ޖަމީލުގެ ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލަތަކެއް ފުލުހުން ބަލަމުންދާއިރު، ޔާމީން ގެންދަވަނީ މާފުށީ ޖަލުގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް އެމަނިކުފާނަށް އިއްވީ އެމްއެމްޕީއާރްސީ މެދިވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ލޯންޑާ ކުރެއްވި މައްސަލާގަ އެވެ.

މާފުށީ ޖަލުގައި ރައީސް ޔާމީން ހުކުމް ތަންފީޒު ކުރަން ފެށި ފަހުން ފުލުހުން ތަހުގީގު ކުރަން ފާށާފައިވާ މައްސަލަތަކާ ގުޅޭ ގޮތުން މީގެ ކުރިން ތިން ފަހަރެއްގެ މަތިން އެމަނިކުފާނު ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ. ރައީސް ޔާމީނަށް އަނެއްކާ ވެސް ތުހުމަތު ކޮށްފައި ވަނީ އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ތެރެއިން އިތުރު ފައިސާ ލޯންޑަ ކުރެއްވި މައްސަލަތަކެކެވެ.

މި ގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ގެއްލުނު 77.5 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތެއް ވެސް ރައީސް ޔާމީންގެ މައްޗަށް މިހާރު ކުރެ އެވެ. އަދި ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރްސީއަށް 220.7 މިލިއަން ރުފިޔާ ހޯދުމަށްފަހު އެ ފައިސާ ލޯންޑަ ކުރި ކަމުގެ ތުހުމަތެއް ވެސް ކުރެވެ އެވެ.

މީގެ އިތުރަށް އެމްއެމްޕީއާރްސީއިން އަމިއްލަ ފަރާތްތަަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދޫކޮށް، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ތުހުމަތާއި، އދ. ފުއްގިރި އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވާ ރިޝްވަތުގެ ގޮތުގައި 1،118،000 ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމުގެ ތުހުމަތު ވެސް އެމަނިކުފާނުގެ މައްޗަށް ކޮށްފައިވެ އެވެ.