ވިޔަފާރި

މިދިޔަ މަހު މުއާސަލާތީ ދާއިރާއިން އަގު އުފުލުނު

މިދިޔަ މަހު އެންމެ ބޮޑަށް އަގުތައް އުފުލިފައި ވަނީ މުއާސަލާތީ ހިދުމަތުގެ ދާއިރާ އިން ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއޯއެސް) އިން ބުނެފި އެވެ.

މުދަލާއި ހިދުމަތުގެ އަގުތަކުގެ މައްޗަށް ބިނާކޮށް، އެންބީއޯއެސް އިން ނެރުނު ކޮންސިއުމާ ޕްރައިޒް އިންޑެސްކް (ސީޕީއައި) ގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު މައިގަނޑު ގޮތެއްގައި އަގުތައް މައްޗަށްގޮސްފައިވާ ބައިތަކުގެ ތެރޭގައި ހިމެނޭ މުވާސަލާތީ ހިދުމަތުގެ ބައިގެ އަގުތައް ވަނީ 8.83 ޕަސެންޓް އުފުލިފަ އެވެ.

އަގު އުފުލިފައިވާ އެހެން ކަންކަން

  • މަހުގެ ބައިން (3.60+)
  • މޭވާގެ ބައިން (5.89+)
  • މޮޓޯ ސައިކަލްގެ ބައިން (0.91+)
  • އެއްގަމު މަހުގެ ބައިން (1.01+)
  • އެހެނިހެން ހެދުމުގެ ބައިން (6.24+)

މިދިޔަ މަހު އަގުތައް އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ ތަރުކާރީންނެވެ. ތަރުކާރީގެ އަގުތައް ވަނީ 9.41 ޕަސެންޓް ދަށްވެފަ އެވެ.

އަގުތައް ދަށަށް ދިޔަ ބާވަތްތައް

  • ބޫޓާއި ފައިވާނުގެ ބައިން (0.97-)
  • ދުފުމުގެ ބައިން (1.89-)
  • އަންނައުނުގެ ބައިން (0.30-)

ޖެނުއަރީ މަހު އިންފްލޭޝަން 0.51 ޕަސެންޓަށް އުފުލުނު

މުޅި ރާއްޖޭގެ އިންފްލޭޝަން މިދިއަ ޖެނުއަރީ މަހު ޖުމްލަ ގޮތެއްގައި 0.51 ޕަސެންޓް މަތިވެފަ އެވެ. ނަމަވެސް ޑިސެމްބަރު މަހު އިންފްލޭޝަން ރޭޓް އުފުލިފައި ވަނީ 0.48 ޕަސެންޓަށެވެ. އަދި މަހުގެ އަގު ތަކަށް އައި ބަދަލު ނުލާ ބަލައިފިނަމަ މިދިޔަ މަހު އިންފްލޭޝަން ރޭޓް އުޅެނީ 0.38 ޕަސެންޓް މަތީގަ އެވެ. ނަމަވެސް ޑިސެމްބަރު މަހު މި އަދަދު ހުރީ 0.55 ޕަސެންޓުގަ އެވެ.

އަހަރު ދުވަހުން 1.89 އުފުލުމެއް

އަހަރު ދުވަހުން އިންފްލޭޝަނަށް އައިސްފައިވާ ބަދަލަށް ބަލާނަމަ މިދިޔަ އަހަރުގެ ޖެނުއަރީން މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އިންފްލޭޝަން ރޭޓް ވަނީ 1.89 ޕަސެންޓް މަތިވެފަ އެވެ އަދި ޑިސެމްބަރު މަހާ ހަމަ އަށް ބަލާނަމަ މި އަދަދު އުޅެނީ 1.29 ޕަސެންޓުގަ އެވެ.

މާލެ އާއި އަތޮޅުތަކުގައި މުދަލާއި ހިދުމަތުގެ އަގު ތަަކަށް ވަކިން ބަލާއިރު ޖެނުއަރީ މަހު މާލޭގެ ޖުމްލަ އިންފްލޭޝަން ރޭޓް ހުރީ 0.47 ޕަސެންޓުގަ އެވެ. އަދި އަތޮޅުތަކުގައި އިންފްލޭޝަން ރޭޓް ހުރީ 0.55 ޕަސެންޓުގަ އެވެ.