ވިޔަފާރި

ގްރީން ފަންޑުން 584 މިލިއަން ރުފިޔާ ހޭދަކޮށްފި

ގްރީން ޓެކުހުގެ ފައިސާއިން މިދިޔަ މަހުގެ ނިޔަލަށް 584 މިލިއަން ރުފިޔާ ހޭދަ ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ "ގްރީން ފަންޑު" ގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ ޖެނުއަރީ މަސް ނިމުނުއިރު ގްރީން ފަންޑުން 584,8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

މި ފައިސާ ހޭދަ ކޮށްފައި ވަނީ އަބޫދާބީ ފަންޑުގެ އެހީގައި ޒޯން އަތެއް ހިމެނޭ ރަށްރަށުގައި ހިންގާ ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއަކަށް ހޭދަ ކުރި 214,7 މިލިއަން ރުފިޔާ އާއި ޒޯން އެކެއް ހިމެނޭ ރަށްރަށުގެ ކުނި ނައްތާލުމުގެ މަޝްރޫ އަކަށް ބޭނުންވާ ސާމާނު ހޯދުމަށް ހޭދަ ކުރި 174 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން ހިމެނެނީ އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ހިންގާ ކުނި މެނޭޖު ކުރުމުގެ މަޝްރޫއަށް ހަރަދު ކުރި 195 މިލިއަން ރުފިޔާ އެވެ.

ގްރީން ފަންޑަށް މިދިޔަ މަހު 84 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. މިދިޔަ މަހު ގްރީން ފަންޑަށް ރިސޯޓުތަކާއި ހޮޓާ އަދި ގެސްޓް ހައުސް ތަކުން ޖުމްލަ 82 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ސަފާރީ އުޅަނދު ފަހަރުން މިދިޔަ މަހު ގްރީން ޓެކުހުގެ ގޮތުގައި ލިބުނީ 2.3 މިލިއަން ރުފިޔާ އެވެ. މިދިޔަ މަހުގެ ނިޔަލަށް ގްރީން ފަންޑުގައި ޖުމްލަ 782 މިލިއަން ރުފިޔާ ބާކީ އެބަހުއްޓެވެ.

ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ. ގްރީން ޓެކްސް ނަގަން ފެށީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތް ތަކަށް ފައިސާ ހޯދާށެވެ.