ހަބަރު

ކަރަންޓު ބިލު ބޮޑުވެދާނެ، އިސްރާފު ކުޑަ ކުރޭ: ރައީސް

މިއަދާ ހަމައަށްވެސް ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަށް އަސާސީ ހިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ހިދުމަތް ދިނުން ކަމަށާއި އަމާޒަކީ ކަރަންޓަށް ރައްޔިތުން ކުރަން ޖެހޭ ހޭދަ ކުޑަ ކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯ އަށް 70 އަހަރު ފުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކަރަންޓު ބިލް ކުޑަ ކުރުމުގައި ފަރުދީ ޒިންމާވެސް ބޮޑު ކަމަށެވެ. ކޮންމެ އަހަރެއްގެ މި ދުވަސްވަރު ހޫނު ގަދަ ވުމުގެ ސަބަބުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވެ ބިލް ބޮޑުވާއިރު އޭގެ ސަބަބުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ މައްސަލަތައް ވެސް ދިމާވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސްޓެލްކޯއިން މިހާރު ހިންގާ 35 އިންޖީނުގެއިން ކަރަންޓުގެ ހިދުމަތް ދިނުމަށް މަހެއްގެ މައްޗަށް 12 މިލިއަން ލީޓަރުގެ ޑީސަލް ބޭނުންވޭ. އެއީ މަހަކު ގާތްގަނޑަކަށް 92 މިލިއަން ރުފިޔާ. އަދި ކޮންމެ އަހަރެއްގެ ހޫނު ދުވަސްވަރަށް، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން، އިންޖީނުތައް ހިންގަން ބޭނުންވާ ޑީސަލަށް ކުރާ ހޭދަ ނުވަ ޕަސެންޓް އިތުރުވެގެންދޭ." ރައީސް ވިދާޅުވި އެވެ.

އެހެންކަމުން ކަރަންޓު އިސްރާފުވާ މިންވަރު ކުޑަ ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ސަމާލު ވުމަކީ މުހިއްމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ކުރަން ޖެހޭ ކަންކަން ސްޓެލްކޯ އިން އާއްމު ރައްޔިތުންނަށް އަންގާއިރު އެ އިރުޝާދު ތަކަކީ މުހިއްމު ކަމެއް ގޮތުގައި ބެލުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ކަރަންޓުގެ ހިދުމަތް ދިނުމަކީ ސަރުކާރުން އިސްކަން ދޭ ކަމެއް ކަމަށެވެ. އަސާސީ ބޭނުމެއް ފުއްދި ކަމުގައި ވިޔަސް މާހައުލަށް ކުރާނެ އަސަރާ މެދު ވިސްނަން ޖެހޭ ކަމަށާއި ޖަނަރޭޓަރު ތަކާއި އިންޖީނު ތަކުން ބޭރު ކުރާ ދުމުގެ ސަބަބުން ދުނިޔޭގެ ހޫނު މިން މައްޗަށް ގޮސް ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި، އެފަދަ ބަދަލު ތަކުގެ ގެއްލުން މިއަހަރު ރާއްޖެއަށް ތަޖުރިބާ ކުރެވޭކަން ރައީސް ވިދާޅުވި އެވެ.

އަދި ކަރަންޓުގެ ހިދުމަތް ދިނުމުގައިވެސް ސަރުކާރުން ވިސްނާފައިވާނީ ޑީސަލް އަންދަން ޖެހޭ މިންވަރު މަދު ކުރުމަށް ކަމުން، އެކަން ކުރެވެން އޮތް އިޔާދަ ކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރު ކުރުމަށް އަވިން ކަރަންޓު އުފައްދާ ނިޒާމުތައް މާލެ އާއި އެހެން ރަށްރަށުގައި ވެސް އިތުރު ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާރު މުޅި ރާއްޖޭގައި ބޭނުން ކުރާ ކަރަންޓުގެ 5.7 ޕަސެންޓަކީ އަވިން އުފައްދާ ކަރަންޓު. އިތުރު 51 މެގަވޮޓްގެ ކަރަންޓު އުފެއްދުމަށް އިތުރު ރަށްރަށުގައި ސޯލާ ޕެނަލްތައް ހަރު ކުރެވޭނެ" ރައީސް ވިދާޅުވި އެވެ.

މިރޭ ބޭއްވި ޖަލްސާގައި ސްޓެލްކޯގެ "ފެހި ދިރިއުޅުން" މަޝްރޫއު ގްރީން ލައިފް އިނިޝިއޭޓިވް" ވެސް ރައީސް ސޯލިހު ވަނީ އިފްތިތާހުކޮށްދެއްވާފަ އެވެ.