ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޕެނިކް އުފައްދާ ކަމަށް ބުނެ ޝިޔާމް ހުއްޓުވައިފި

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވާހަކަފުޅު ދައްކަވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޝިޔާމްގެ ވާހަކަތައް ހުއްޓުވައިފި އެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިއަދު ވަނީ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖެ ތައްޔާރުވުމަށް ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އެ މައްސަލައަށް ތާއީދު ކުރައްވައި ވާހަކަފުޅު ދައްކަވަމުން މެންބަރު ޝިޔާމް ވިދާޅުވީ، މި ސަރުކާރަށް މައްސަލަ ބޮޑު ނުވިޔަސް ރައްޔިތުން ތިބީ ކަންބޮޑުވެފައި ކަމަށެވެ.

"އަޅުގަނޑުމެން ނުދަންނަވަން ރާއްޖޭގައި ކޮރޯނާ ވައިރަސް އޮތެކޭ، އެހެން ނަމަވެސް އަޅުގަނޑުމެންނަށް އެބަ އިވޭ ރައްޔިތުންގެ ތެރޭގައި އެ ކަންބޮޑުވުން އޮތް ވާހަކަ، އެކަހަލަ އެތައް ކޭހެއް ފޮރުވައިގެން އުޅޭ ވާހަކަ، އަޅުގަނޑުމެންނަކީ ރައްޔިތުންގެ މަންދޫބުން، އަޅުގަނޑުމެންގެ މަސައްކަތަކީ ރައްޔިތުންގެ އަޑު އިއްވުން،" ޝިޔާމް ވިދާޅުވި އެވެ.

އޭގެ ފަހުން މިއަދު ރައްޔިތުންނަށް އޮޅުވާލުމަށް ވާހަކަ ދައްކަވާ ކަމަށް ވިދާޅުވެ، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ނިޒާމީ ނުކުތާއެއް ނެންގެވި އެވެ. އަދި ޝިޔާމް ހައްދަވަނީ ބުހުތާނު ދޮގެއް ކަމަށް ވިދާޅުވި އެވެ.

އެއާއެކު، ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ވެސް ކޮރޯނާ ވައިރަސް އުޅުން ވަރަށް އެކަށީގެންވާ ކަމަށާއި އެކަމަކާ މާ ކަންބޮޑު ވެގެން އުޅުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެކަމަށް ފަރުވާދެވި ބައްޔަށް ބޭސް ކުރެވިދާނެ ކަމަށެވެ. އަދި އަލުން ޝިޔާމަށް ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވި އެވެ.

ފަހުން ޝިޔާމް ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ ރައްޔިތުން ދައްކާ ވާހަކަ މި ސަރުކާރަށް އަޑު ނީވޭތީ ހައިރާންވެ ވަޑައި ނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރަށް ރައްޔިތުންގެ އަޑު ނީވޭނެ ކަމަށާއި އެހެންވެ އަސާސީ ކާބޯތަކެތި ގަތުމަށް ރައްޔިތުން އަވަސްވެ ގަނެފި ކަމަށެވެ.

"ދިވެހި ރައްޔިތުން އެބަ ދުވޭ އެކި ދިމަދިމާލަށް ކާބޯތަކެތި ހޯދަން މިއިން އެނގޭ އެއްޗަކީ ބޭސް ފިހާރަތަކުގައި އަސާސީ ބޭސް ގުޅައެއް ވެސް ނެތްކަން،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމްގެ ވާހަކަތައް އެހާ ހިސާބުން ރައީސް ނަޝީދު ހުއްޓުވި އެވެ. އަދި ވިދާޅުވީ އެގޮތަށް ވާހަކަ ކުރިއަށް ގެންދަވަން މެންބަރަށް ފުރުސަތު ނުދެއްވޭނެ ކަމަށެވެ.

"މި ދިވެހިރާއްޖޭގެ އެއްވެސް މީހަކު ކާއެއްޗެއް ގަންނާކަށް އެއްތަނުން އަނެއް ތަނަށް ދުވަނިކޮށް އަޅުގަނޑަކު ވެސް ނުދެކެން، މެންބަރަކު ވެސް ނުދެކޭ، އަޅުގަނޑު މިއަދު މަޖިލީހަށް ވެސް މިއައީ ހިނގާފައި، ބާޒަރުމަތިން ލާފައި، ހަމަ އެކަކު ވެސް ނުދުވޭ! ހަމައެކަކު ވެސް ނޫޅޭ ކާ އެއްޗެއް ވެސް އަވަސް އަރުވާލައިގެން ގަންނާކަށް އަދި ބޭސް ގުޅައެއް ގަންނަން މެންބަރު ވެސް ވަޑައިގެންނެވީއެއް ނޫން! ބޭސް ފިހާރައެއްގައި އެހީއެއް ވެސް ނޫން! ބޭސް ނެތިގެން މީހަކު އެއްޗެއް ބުނެފައި އޮތީއެއް ވެސް ނޫން، އެކަމަކު އަޅުގަނޑު މިއަދު ބޭސް ފިހާރައަށް ވެސް ގޮސް ބެލިން، ނޫޅޭ ބޭސް ގުޅައެއް ނުލިބެނެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އަދި ޝިޔާމަށް ފުރުސަތު ދެއްވުމުން ވިދާޅުވީ އޭނާގެ އަނބިކަނބަލުންގެ ރައްޓެހިން ކާބޯތަކެތި ހަމަކުރާ ވާހަކަ، އޭނާ ގާތު ބުނެފައިވާ ކަމަށެވެ. މަޖިލީހުގައި އެކަން ފާހަގަ ކުރެއްވީ އެހެންވެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މެންބަރުންގެ އަނބިކަނބަލުން ކައިރިން ވެސް އެކަން އޮޅުންފިލުއްވާނެ ކަމަށެވެ.

ނިޒާމީ ނުކުތާއެއް ނެންގެވީ ކެލާ ދާއިރާގެ މެންބަރު ވިދާޅުވީ ޔޯލަޔޯލައަށް މަޖިލީހުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށާއި ރާއްޖޭގައި ކާޑު ވެސް ބޭސް އެބަހުރި ކަމަށެވެ. ކެލާ ދާއިރާގެ މެންބަރުގެ ނިޒާމީ ނުކުތާ، ރައީސް ނަޝީދު ބަލައިގެންނެވި އެވެ. އަދި ސައްހަ މައުލޫމާތަށް ބިނާކޮށް ވާހަކަ ދެއްކެވުމަށް ޝިޔާމަށް އެންގެވި އެވެ.

ޝިޔާމް ވިދާޅުވީ، ކޮރޯނާ ވައިރަހަށް ސަރުކާރުން ތައްޔާރުވެ ނެތްކަމީ ހަގީގަތް ކަމަށާއި އެ ވާހަކަ ދެއްކެމުން ހަޖަމު ކުރަން ވެސް ދަސްކުރަން ޖެހޭ ކަމަށެވެ. އެހާ ހިސާބުން އޭނާއަށް ލިބިފައިވާ ވަގުތު ހަމަވި އެވެ.

ޝިޔާމްގެ ވާހަކަތައް ރައީސް ނަޝީދު ހުއްޓުވިއިރު މަޖިލީހުގައި އޭގެ ކުރިން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް ކޮރޯނާ ވައިރަސް ނާންނާނޭ ބުނާ ބުނުން ހިތްތަކަށް ވައްދަން މަސައްކަތް ކުރުމަކީ ގަބޫލު ކުރަން ދަތި ކަމެއް ކަމަށާއި ރާއްޖެއަށް ކޮރޯނާ ވައިރަސް އަންނާނެ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖެއަށް ކޮރޯނާ ވައިރަސް އަންނާނެ. އެއީކީ ނުވެދާނެ ކަމެއް ގޮތުގައި ދެކެން ވަރަށް އުނދަގޫ ރާއްޖެއަށް ވަކި ނާންނަ އެއްވެސް ބައްޔެއް ދުނިޔެއަކު ނޫޅޭ. ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ނުދާ އެއްވެސް ބައްޔެއް ދުނިޔޭގަ ވެސް ނޫޅޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރުނަސް ސިއްހީ ނިޒާމް އޮތީ އެފަދަ ކަންކަމަށް ވަރަށް ފަރިތަ ގޮތަކަށް ކަމަށާއި 1940 އިން ފެށިގެން ދުނިޔޭގެ ސިއްހީ ޖަމިއްޔާއާއެކީގައި ޕަބްލިކް ހެލްތުގެ މަސައްކަތް އިންތިހާއަށް ކުރިޔަށް ގޮސްފައިވާ ކަމަށެވެ. ކޮރޯނާއަށް ވެސް ކުރަން ޖެހޭނެ ކަމަކީ ސާފުތާހިރުކޮށް އުޅުން ފަދަ އާދައިގެ އާންމު ކަންތައްތަކެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.