ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ލޯނު އިންޓްރެސްޓް ކުޑަކޮށް ސިޔާސީ މީހުންގެ މުސާރަ ކުޑަކުރަންޖެހޭ: ތޯރިގު

އިގްތިސޯދަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށް ބެލެވޭ މި ދަނޑިވަޅުގައި ރައްޔިތުންނަށް ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ފަސް ޕަސެންޓަށް ކުޑަ ކުރަން ޖެހޭ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިއަދު ވަނީ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖެ ތައްޔާރުވުމަށް ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އެ މައްސަލައަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ ކޮރޯނާ ވައިރަހުގެ ހާލަތު މިހާރު ވަނީ ޑަބްލިއުއެޗްއޯއިން ވެސް އުއްމީދު ނުކުރާ ލެވެލަށް ގޮސްފައި ކަމަށާއި ގައުމުތަކުން ތައްޔާރުވަމުންދާ ކަމަށެވެ.

އެހެންކަމުން ރާއްޖެ އެކަމަށް ތައްޔާރު ނުވެ، އަތް އުރާލައިގެން ތިބުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ. ތޯރިގު ވިދާޅުވީ އަދި ރާއްޖެއަށް ކުރިއާލައި، ކާޑު އެތެރެކޮށްފައި ބެހެއްޓުމަށް ގޮވާލުމަކީ ސަރުކާރަށް ޖެއްސުން ކުރުން ނޫން ކަމަށެވެ.

ތޯރިގު ވިދާޅުވީ ކޮރޯނާ ވައިރަހާ ގުޅިގެން ޓޫރިޒަމަށް ބޮޑު އަސަރެއްކޮށް އިގުތިސޯދަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ. ކުރިއަށް އޮތް ހަ މަހު، އިގުތިސޯދު ދަށަށް ދާނެ ކަމަށް ބެލެވޭއިރު އެހެން ގައުމުތަކުން ތާއަރަފް ކުރާ ފަދަ އިގްްތިސޯދީ ޕެކޭޖްތައް ރާއްޖެއަށް ވެސް ތައާރަފް ކުރަން ޖެހިފައިވާ ކަމަށެވެ. މެލޭޝިއާ އާއި ސިންގަޕޫރް ފަދަ ގައުމުތަކުން އެފަދަ ފިޔަވަޅުތައް މިހާރު ވެސް އަޅާފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑު އެދެނީ އެހެން ގައުމުތަކުގެ އިގްތިސޯދަށް އެ ކުރާ އަސަރަށް ބަލާ ކުރާ ކަންތައްތައް ބަލައިގެން އަޅުގަނޑުމެން ވެސް ކަންކަން ކުރުމަށް، މި ވަގުތު ފަސް ޕަސެންޓަށްވުރެ މަތީ އިންޓްރެސްޓްގައި ލުއި ލޯނު ދޫކޮށް ނުވާނެ، ސަރުކާރުގެ ކޮންޓްރޯލް ވެސް ބޭންކް އޮފް މޯލްޑިވްސްގައި އޮންނަން ވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ، 18 ޕަސެންޓަކީ ވަރަށް ބޮޑު އަދަދެއް،" ތޯރިގު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ ހެލްތް ދާއިރާ އާއި އިމިގްރޭޝަންގެ ފްރޮންޓް ލައިންގައި މަސައްކަތް ކުރާ މުވައްޒަފުންގެ ރިސްކް އެލަވެންސް ބޮޑުކުރަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ މުވައްޒަފުންނާއި މަޖިލިސް މެންބަރުންގެ މުސާރައިން ވަކި ބައެއް އުނި ކުރުމަށް ތާއިދު ކުރައްވާ ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ. އިގްތިސޯދަށް އަންނާނެ ބަދަލުތަކަށް ތައްޔާރުވެ ތިބެއްޖެނަމަ ގެއްލުންވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާ އިން އުފަންވެގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވި މިނުގައި ފެތުރެމުންދާ އެ ވައިރަސް ރާއްޖޭން ފެނިފައިނުވި ނަމަވެސް، ބައެއް ދިވެހިން ވަނީ އެ ބައްޔަށް ޓެސްޓުކޮށްފަ އެވެ. އަދި މިހާތަނަށް ހުރިހާ ޓެސްޓެއް ވަނީ ނެގެޓިވްވެފަ އެވެ.

ސަރުކާރުން ވަނީ އެ ވައިރަހުން ރައްކާތެރިވުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އަދި އެ ފިޔަވަޅުތައް އިތުރަށް ފުޅާކޮށް، އެޗްޕީއޭ އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ގައުމީ ފެންވަރުގައި ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފަ އެވެ.

ވައިރަސް ޖެހިގެން ދުނިޔޭގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އެ ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން ގޮސް މިހާރު އެ ވައިރަސް ވަނީ 61 ގައުމަކުން ފެނިފަ އެވެ. އަދި 85،000 އަށްވުރެ ގިނަ މީހުނަށް އެ ވަައިރަސްއަށް ޕޮޒިޓިވް ވެފައިވެ އެވެ.