ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންތިހާބު ކާމިޔާބު ކުރާނީ އިދިކޮޅަށް ކޮރޯނާ ޖައްސާފައި: މުޣުނީ

ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީއިން ކާމިޔާބު ކުރާނީ އިދިކޮޅު މެންބަރުން ކޮރޯނާ ވައިރަސްގައި ޖައްސާފައި ބައިތިއްބައިގެން ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުއް މުޣުނީ ވިދާޅުވެއްޖެ އެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިއަދު ވަނީ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖެ ތައްޔާރުވުމަށް ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އެ މައްސަލަ ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން މުގުނީ ވިދާޅުވީ ރާއްޖެ އޮތީ ތައްޔާރަށް ކަމަށާއި ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށެވެ.

މުގުނީ ވިދާޅުވީ އިދިކޮޅު މެންބަރުން އުޅެނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި ކޮރޯނާ ވައިރަސް ޖައްސައިގެން ކުރިއަށް ދާން ކަމަށެވެ. އެ ފުރުސަތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މުގުނީ ވިދާޅުވީ އެމްޑީޕީއިން ކެމްޕެއިންގެ ދަތުރު ފަށަނީ ވައިރަހާ ގުޅޭ މައުލޫމާތައި ފަރުވާ ހިފައިގެން ކަމަށެވެ.

"އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބު ކުރާނީ ތިޔަބޭފުޅުން ކޮރޯނާ ވައިރަސްގައި ޖައްސާފައި ބައިތިއްބާފަ،" މުގުނީ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އެފަދަ އެއްޗެއް އެހާ ފާޅުކަން ބޮޑުކޮށް ވިދާޅުވެ، ކޮރޯނާގެ ވައިރަސް އެ މެންބަރުގެ އަތުގައި އެބަހުރި ކަމަށް ވިދާޅުވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ހުސެއިން ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ހުށަހެޅި މައްސަލާގައި އެމްޑީޕީގެ މެންބަރުންނާއި އިދިކޮޅު މެންބަރުންނާމެދު ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފަ އެވެ. އެމްޑީޕީ މެންބަރުން ތުހުމަތު ކުރައްވަނީ އެއީ އިދިކޮޅު މެންބަރުން އިންތިހާބަށް ހުރަސް އަޅަން ކުރާނެ ކަމެއްގެ ގޮތުގަ އެވެ.

ނަމަވެސް އިދިކޮޅު މެންބަރުން ވިދާޅުވަމުން ގެންދަވަނީ ރާއްޖެ ކޮރޯނާ ވައިރަހަށް ތައްޔާރުވެފައި ނުވާ ކަމަށާއި އެކަމުގެ ކަންބޮޑުވުން ފާޅު ކުރުމަކީ ސަރުކާރަށް ޖެއްސުން ކުރުން ނޫން ކަމަށެވެ.

މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާހަކަ ދެއްކެވި އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ކޮރޯނާ ވައިރަސް ނާންނާނޭ ބުނާ ބުނުން ހިތްތަކަށް ވައްދަން މަސައްކަތް ކުރުމަކީ ގަބޫލު ކުރަން ދަތި ކަމެއް ކަމަށާއި ރާއްޖެއަށް ކޮރޯނާ ވައިރަސް އަންނާނެ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖެއަށް ކޮރޯނާ ވައިރަސް އަންނާނެ. އެއީކީ ނުވެދާނެ ކަމެއް ގޮތުގައި ދެކެން ވަރަށް އުނދަގޫ ރާއްޖެއަށް ވަކި ނާންނަ އެއްވެސް ބައްޔެއް ދުނިޔެއަކު ނޫޅޭ. ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ނުދާ އެއްވެސް ބައްޔެއް ދުނިޔޭގަ ވެސް ނޫޅޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރުނަސް ސިއްހީ ނިޒާމް އޮތީ އެފަދަ ކަންކަމަށް ވަރަށް ފަރިތަ ގޮތަކަށް ކަމަށާއި 1940 އިން ފެށިގެން ދުނިޔޭގެ ސިއްހީ ޖަމިއްޔާއާއެކީގައި ޕަބްލިކް ހެލްތުގެ މަސައްކަތް އިންތިހާއަށް ކުރިޔަށް ގޮސްފައިވާ ކަމަށެވެ. ކޮރޯނާއަށް ވެސް ކުރަން ޖެހޭނެ ކަމަކީ ސާފުތާހިރުކޮށް އުޅުން ފަދަ އާދައިގެ އާންމު ކަންތައްތަކެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.