ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރުމަށް ހުށަހެޅި މީހެއްގެ ކެންޑިޑެސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން އިލެކްޝަން ކޮމިޝަންގެ މައްޗަށް ހުކުމް ކޮށްފި އެވެ.
އިލެކްޝަން ކޮމިޝަނުން ބަލައިނުގަތުމަށް މީގެކުރިން ނިންމާފައި އޮތީ ހއ. އިހަވަންދޫ ކައުންސިލަށް ވާދަ ކުރުމަށް ހުށަހެޅި މީހެއްގެ އެވެ. އެމީހާގެ ކެންޑިޑެސީ ބާތިލް ކުރަން ކޮމިޝަނުން ނިންމީ އޭނާގެ ދަރަންޏެއް ހުކުމަކާ އެއްގޮތަށް ދައްކަމުން ނުދާ ކަމަށް ކުށުގެ ރިކޯޑްގައި އޮތުމުންނެވެ.
ނަމަވެސް އެއީ ކޯޓަށް އެރި އިދާރީ އޮޅުމެއް ކަމަށާއި އެ ފައިސާ ކޯޓަށް ލިބިފައިވާ ކަމަށް ފަހުން ކޯޓުން ވަނީ އަންގާފަ އެވެ. އެ އެންގުން ކޯޓުން އެންގިއިރު އިންތިހާބަށް މީހުން ކުރިމަތިލުމުގެ މުއްދަތު ވަނީ ހަމަވެފަ އެވެ. އެހެންވެ، އެ ކޮމިޝަނުން ބުނެފައިވަނީ މުއްދަތު ހަމަވުމަށްފަހު ކެންޑިޑެސީއާމެދު އެހެން ގޮތެއް ނިންމުމުގެ ބާރެއް ކޮމިޝަނަށް ނެތް ކަމަށެވެ.
އެހެންވެ އެ މައްސަލަ އެ މީހާ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. މައްސަލާގައި ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނީ އެމީހާއަކީ ދަރަންޏެއް ނެތް މީހެއް ކަމަށް ކޯޓުން ލިޔުން ދީފައި އޮތުމަކީ އެމީހާގެ ޝަރުތު ފުރިހަމަވާ ކަމެއް ކަމަށާއި އެމީހާއަށް ވާދަ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެންވެ އޭނާގެ ކެންޑިޑެސީ ބަލައިގަތުމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވި އެވެ.
އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ. މިއީ ކައުންސިލް އިންތިހާބާ ގުޅިގެން މިގޮތަށް އައި ފުރަތަމަ ހުކުމެވެ. އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު އެވެ.