އިއްޔެ ރައްޔިތުންގެ މަޖިލީހުގައި "އިދިކޮޅަށް ކޮރޯނާ ވައިރަސް ޖައްސާނެ" ކަމަށް މެންބަރަކު ވިދާޅުވުމުން އެކަމަށް ބޮޑު ސަމާލު ކަމެއް ލިބިގެން ދިޔައެވެ. ފަހުން އޭނާ މާފަށް އެދިވަޑައިގެންނެވި އެވެ. އެއީ ރާއްޖޭގައި ބައެއް ކަންކަން އޮންނަ ގޮތެވެ. އެ ހަމައިގެ ތެރެއިން އެކަން ވެސް އެ ނިމުނީ އެވެ. އިއްޔެ މަޖިލީހުގެ ޖަލްސާގައި އެއަށްވުރެ ވެސް ސީރިއަސްކަަން ބޮޑު އެހެން ވާހަކައެއް އެހެން މެންބަރަކު ވިދާޅުވެފައި ވެއެވެ. އެ ވާހަކަ ދެއްކެވީ ވަރަށް ތަޖުރިބާކާރު ސިޔާސީ ބޭފުޅެއް ކަމަށްވާ، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
ހަސަން އަފީފަކީ އާންމުކޮށް ވަރަށް މަޑުމައިތިރި ކަމާއެކު ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ. ސިޔާސީ ގޮތުން ވެސް މީހުންނާއި ދިމާ ކުރައްވާ ބޭފުޅަކަށް އޭނާ ވެވަޑައި ނުގަންނަވަ އެވެ. ކޮންމެ ބަހުސެއްގައި ވެސް އޮއްޓަރު ހުރި ވާހަކަތައް ވިދާޅުވެދެއްވާފައި އަފީފު އިންނަވަނީ މަޑުމައިތިރި ކަމާއެކު އެވެ. މަޖިލީހުގެ ރިޔާސަތު ވެސް ބަލަހައްޓަވާ އަފީފު ބޭކާރު ގޮތުގައި މީހުންނަށް ބަދުބަސް ވިދާޅުވެ ތުހުމަތުތައްކޮށް ޖޯކު ޖައްސަވައި ހައްދައި ވެސް ނޫޅުއްވަ އެވެ. އޭގެ ސަބަބުން އެ ބޭފުޅާއަށް އޮންނަ އިތުބާރާއި އިހްތިރާމު ވެސް ބޮޑެވެ.
އަފީފަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވަރަށް ގާތް ބޭފުޅެކެވެ. ކުރީގެ ވަޒީރަކެވެ. އަދި ކުރީގެ ޕޮލިޓިކަލް އެޑްވައިޒަރެއް ވެސް މެއެވެ.
އިއްޔެ މަޖިލީހުގައި އަފީފު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިހެނެވެ:
"މި ކަމަށް [ކޮރޯނާ ވައިރަހަށް ތައްޔާރުވުމަށް] އަންނަ ހަމައެކަނި ދައްޗަކީ ހެލްތު މިނިސްޓްރީން އަންނަ ދަައްޗެއް، އެއީ ޖުމްހޫރީ ޕާޓީގެ ވަޒީރަކު [މިނިސްޓަރު އަބްދުﷲ އަމީން] އެ ތަނުގައި އިންނަވައިގެނ ޖެއްސުން ކުރަނީ، އެހެންވެ ވާ ގޮތެއް އެއީ، ސާފުވެއްޖެ ދެއްތޯ؟"
އަފީފުގެ ފަރާތްޕުޅުން މިއައީ ވަރަށް ބޮޑު ވާހަކައެކެވެ؛ ސަބަބަކީ މިއީ ސީދާ ރައްޔިތުންނާ ގުޅިފައި އޮތް ވާހަކައަކަށް ވުމެވެ. ކޮރޯނާ ވައިރަހުގެ ބިރުވެރިކަން މުޅި ދުނިޔެއަށް ބޮޑުވެ އޭގެ ނުތަނަވަސް ކަމުގައި ދިވެހި ރައްޔިތުން ތިއްބާ އެކަމާ ޒިންމާ ވެގެން ހުންނެވި މިނިސްޓަރު އެކަމަށް ޖެއްސުން ކުރައްވާ ކަމަށް އަފީފު ފަދަ އެންމެ ސިނިއާ ޕޮލިޓީޝަަނަކު ވިދާޅުވުމަކީ އާދައިގެ ވާހަކައަކަށް ވާނެ ގޮތެއް ނެތެވެ. އެއީ ބައިވަރު ސުވާލުތައް އުފެދޭ ކަމެކެވެ.
މިހާ ބޮޑު ވާހަކައެއް އަފީފު ވިދާޅުވީ ކީއްވެގެންތޯ އެވެ؟ މިނިސްޓަރު އަމީން ހަމަ ޖެއްސުން ކުރައްވަނީތޯ އެވެ؟ ނޫނީ އެއީ އަފީފު ސިޔާސީ ފައިދާއަކަށް ދެއްކެވި ވާހަކައެއްތޯ އެވެ؟ ޖުމްހޫރީ ޕާޓީ ސަރުކާރުން ބޭރުކުރަން ބޭނުންފުޅުވާލެއް ބޮޑު ކަމުން އިހުތިޔާރާ ނުލައި ވާހަކައެއް ވިދާޅުވެވުނީ ހެއްޔެވެ؟ އެހެން ގާތް އެެހެން މީހަކަށް މިނިސްޓަރުކަން ހޯއްދަވައި ދެއްވަން ލޮބީ ކުރެއްވީ ހެއްޔެވެ؟
ކޮރޯނާއާ ގުޅިގެން ވަމުންދާ ތައްޔާރީތަކާއި އަޅާ ފިޔަވަޅުތަކަށް އަމީން ޖެއްސުން ކުރައްވާނަމަ މިހާރު ކޮރޯނާ ވައިރަހަށް ރަނގަޅަށް ތައްޔާރުވިފައި އޮންނާނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ އެކަން ހަވާލުވެފައި އޮތީ އޭނާއަށެވެ.
މި މުހިންމު މައްސަލައަށް އަމީން ޖެއްސުން ކުރައްވާނަމަ ވަޒީރު ކަމުގެ މަގާމުގައި އެންމެ ދުވަހަކަށް ވިޔަސް އަމީން ބަހައްޓަވައިގެނެއް ނުވާނެ އެވެ. އަދި އެހެން އެކަން އޮތްނަމަ ސާފު މެޖޯރިޓީއަކުން އަމީން ބޭރު ނުކޮށް އެމްޑީޕީގެ ޕީޖީ ގްރޫޕް އޮތީ ކީއްވެގެން ހެއްޔެވެ؟ އަދި މުތުލަގު ބާރުން ރައީސް ސޯލިހު ވެސް އަމީން މަގާމް ދުރު ނުކޮށް ހުންނެވީ ކީއްވެގެން ހެއްޔެވެ؟
އަފީފަކީ ރައީސަށް އެންމެ އިތުބާރު ކުރެއްވޭތީ މަޖިލީހުގެ ރައީސް ކަމަށް ގެންނަވަން ބޭނުންފުޅުވެ ވަޑައިގެންނެވި ފަރާތެވެ. އަފީފު އާދައިގެ ވާހަކައެއް ނުދައްކަވާނެ އެވެ. އޭގެ ހަގީގަތް ސާފުވާން ޖެހޭނެ އެވެ.
ދެއްކެވި ވާހަކައިން އުފެދިފައިވާ ސުވާލުތަކަށް އަފީފުގެ ފަރާތްޕުޅުން ޖަވާބެއް ދެއްވަން ޖެހި ވަޑައިގަންނަވާނެ އެވެ. ސަރުކާރުން ވެސް ޖަވާބު ދޭން ޖެހޭނެ އެވެ. މިނިސްޓަރު އަމީން ވެސް ވާހަކަފުޅު ދައްކަވައި މިކަން ސާފުކޮށް ދެއްވާން ޖެހިވަޑައިގަންނަވާނެ އެވެ.
އަމީނަށް މިފަދަ ތުހުމަތެއް ކުރެއްވި މިއީ ދެވަނަ ބޭފުޅާ އެވެ. މީގެ ކުރިން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ "އަމީންގެ ކަމަކީ ހެދިކާ ކައިގެން ދެކޮޅަށް ފޮޓޯގްރާފުން ލައިގެން ހިނގުން" ކަމަށް ވިދާޅުވެފަ އެވެ.
އެހެންވީއިރު ދިވެހިން އެންމެ ބޮޑަށް ކަންބޮޑުވާ ސިއްހީ ނިޒާމްގެ ހުންގާނު މި ހުންނެވީ އެންމެ ގާބިލު ބޭފުޅެއް ހެއްޔެވެ؟ އެ ދާއިރާގެ މިސްރާބު މިހާރު ހުރީ ރަނގަށް ހެއްޔެވެ؟ ބޭނުންވި ބަދަލު މި އަމީނާއެކު ގެނެސްދެވޭނެ ހެއްޔެވެ؟ ހާއްސަކޮށް ކޮރޯނާ ވައިރަހުން އަހަރެމެން ރައްކާތެރިކޮށް ދެވޭނެ ހެއްޔެވެ؟ އަދި ކޮރޯނާ ވައިރަހުގެ ބަލާ މުސީބާތް ރާއްޖޭގެ ގޮނޑުދޮށަށް ބީއްސާލައި ލައްވާލައިފިއްޔާ، މިފަދަ ޖެންސުން ކުރައްވާ މިނިސްޓަރަކާއެކު ރާއްޖެއަށް ވެގެން ދާނީ ކޮން ގޮތެއް ހެއްޔެވެ؟
ކޮރޯނާ ވައިރަހަށް ތައްޔާރުވުމާއި އަޅާ ފިޔަވަޅުތައް ސާފުކޮށް ހެލްތު މިނިސްޓްރީން ދަނީ ހާމަ ކުރަމުންނެވެ. މިނިސްޓަރު އަމީން އަމަލީ ގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވެސް އޭގެތެރެއިން ފެނެ އެވެ.
އެހެންވީއިރު އަމީނަށް މި ސަރުކާރު އިސް ބޭފުޅުންނާއި ޕާޓީގެ އިސް ވެރިން ތުހުމަތު ކުރާ ސަބަބެއް އެނގެން ޖެހޭނެ އެވެ. ސާފު މެޖޯރިޓީއެއް އޮތީ އެމްޑީޕީއަށެވެ. އަމީނަކީ ދިވެހިންގެ ސިއްހީ ނިޒާމް ފެއިލް ކޮށްލައްވާ ބޭފުޅެއްނަމަ، ބަހައްޓައިގެން އަދި ބަލަހައްޓައިގެން ތިބެނީ ކީއްވެ ހެއްޔެވެ؟
މި ކަމުގައި ރައީސް ސޯލިހުގެ ބަސްފުޅަކީ ކޮބައި ހެއްޔެވެ؟ މިނިސްޓަރު އަލީ ވަހީދު، ޖިންސީ ފުރައްސާރަކޮށް އެހެން ވަޒީރުންނަށް "ހެއްދެވި ނުހެއްދެވި" އަށް ގޮވައި ކޮރަޕްޝަނަށް މަގުފަހިވާ ވާހަކަ އާއި ދީނާއި ހިލާފު ވާހަކަ ދެއްކެވީމާ ވެސް އަޅައި ނުލެއްވި ގޮތަށް މިކަމުގައި ވެސް އެއްޗެއް ވިދާޅު ނުވަނީ ހެއްޔެވެ؟ ކޯލިޝަނަށްޓަކައި ދިވެހިންގެ ސިއްހަތު ގުރުބާން ވިޔަސް ހެޔޮވީ ބާވަ އެވެ؟ ނޫނީ މިނިސްޓަރު ރަނގަޅުވެފައި އަފީފު ކެމެރާއަށް ބަލައިގެން ސިޔާސީ ޑްރާމާ ކުޅުއްވީ ހެއްޔެވެ؟
ސަރުކާރަށް މި ވާހަކަ ބޮޑު ނުވިޔަސް ރައްޔިތުންނަށް މިކަން ކަންބޮޑުވެ އެވެ، ޖަވާބެއް ބޭނުން ވަނީ އެހެން ވެގެނެވެ.