މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނޯ (އެމްޓީސީސީ)އަށް މި އަހަރު ފައިދާގެ ގޮތުގައި 150 މިލިއަން ރުފިޔާ ހޯދުމަކީ އަމާޒެއް ކަމަށް އާ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އެމްޓީސީސީއިން ބޮޑު ތިލަދުންމަތީގެ ހަތަރު ރަށެއްގައި ހިންގަމުން ގެންދާ މަޝްރޫއުތައް ކުރިއަށް ދާގޮތް ބައްލަވައިލުމަށްޓަކައި ހަނިމާދޫ އާއި ކެލާ، ހޯރަފުށި އަދި ކުޅުދުއްފުއްޓަށް މިއަދު ކުރެއްވި ދަތުރުފުޅުގެ ތެރެއިން އަވަސް އަށް ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ މިހާރު އެ ކުންފުނިން 40 މަޝްރޫއެއްގެ މަސައްކަތް މުޅި ރާއްޖޭގައި ކުރަމުންދާ ކަމަށެވެ.
އެ ކުންފުނީގެ މިހާރުގެ އަމާޒަކީ މި މަޝްރޫއުތައް ނިންމަން ދީފައިވާ ތާރީހަށް ވުރެ އަވަހަށް މަސައްކަތް ނިންމުން ކަމަށާ، އެކަމަށްޓަކައި ގިނަ މަސައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި މިއާއެކު އަބަދު ގެއްލުންވަމުންދާ އެމްޓީސީސީއަކީ ފައިދާ ނެރެވޭނެ ކުންފުންޏެއްގެ ގޮތުގައި ހެދުމަކީ ވެސް މުހިންމު އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި އަހަރު 150 މިލިއަން ރުފިޔާ ފައިދާ ނެރުމަކީ ނުކުރެވޭނެ ކަމެއް ނޫން. އެމްޓީސީސީގައި އޮތް ޓީމާއެކު އެކަމަށް އަޅުގަނޑު މަސައްކަތް ކުރާނަން. އިރާދުކުރެއްވިއްޔާ ވާނެ،" އާޒިމް ވިދާޅުވި އެވެ.
ދެ ބިލިއަން ރުފިޔާގެ މަސައްކަތް
އާޒިމް ވިދާޅުވީ އެމްޓީސީސީގެ އަތުގައި މިހާރުވެސް ދެ ބިލިއަނެއްހާ ރުފިޔާގެ މަސައްކަތް އެބަހުރި ކަމަށެވެ.
"އަޅުގަނޑުމެންގެ އަތުގައި ހުރި ރިސޯސް އާއި ހުރި ތަޖުރިބާކާރު މީހުންނާ، އިކްއިޕްމަންޓް ބޭނުންކޮށްގެން މި މަސައްކަތްތައް ކުރެވޭނެ. އެހެންވެ އަޅުގަނޑުމެން ގަސްދެއް ނުކުރަން އެއްވެސް މަސައްކަތެއް ސަބް ކޮންޓްރެކްޓް ކުރާކަން. އިރާދުކުރެއްވިއްޔާ މި މެނޭޖުމަންޓުން މި މަސައްކަތްތައް ނިންމޭނެ،" އާޒިމް ވިދާޅުވި އެވެ.
ރާއްޖޭގައި ހިންގާ ބިން ހިއްކުމާއި ފަޅު ފުން ކުރުމުގެ ގިނަ މަޝްރޫއުތަކެއް ހިންގާ އެމްޓީސީސީ އަށް ވެސް 33 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވެ އެވެ. މިދިޔަ އަހަރު ނިމުނުއިރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ މިދިޔަ އަހަރު ނިމުނު އިރު އާމްދަނީ 1.1 ބިލިއަނަށް ރުފިޔާ އެވެ.