އެމްޓީސީސީ އަށް ސަރުކާރުން ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ދުވެލި ހަލުވިކޮށް ބޮޑެތި މަސައްކަތް ނިންމުމާ ގާތަށް ޖެހިލައިފި އެވެ.
އެމްޓީސީސީ އިން މިއަދު ވަނީ އެ ކުންފުނިން މަސައްކަތް ކުރާ ހަދ. ހަނިމާދޫ އާއި ހއ. ކެލާ އަދި ހއ. ހޯރަފުށީ ގެ އިތުރުން ހދ. ކުޅުއްފުށީގައި ކުރިއަށްދާ މަސައްކަތްތައް ކުރިއަށްދާ ގޮތް މީޑިޔާ ތަކަށް ދައްކާލާފަ އެވެ. އެ ކުންފުނިން މިހާރު ހިންގަމުންދާ 40 އަކަށް މަޝްރޫއުގެ ތެރޭގައި ހިމެނޭ މި މަސައްކަތްތައް ކުރަމުންދަނީ އެ ކުންފުނީގެ މުވައްޒަފުންނެވެ.
އެ ކުންފުންޏަށް އާ ގިނަ މަޝްރޫއުތަކެއް ސަރުކާރުން ހަވާލު ކުރަމުންދާއިރު، މިހާރުވެސް 40 އަކަށް މަޝްރޫއު އެއްގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ބަނދަރު ހެދުމާއި މަގު ހެދުން އަދި އެއާޕޯޓް އެޅުމުގެ މަޝްރޫއުތައް ވެސް ހިމެނެ އެވެ.
އެމްޓީސީސީ އިން ބޮޑު ތިލަދުންމަތީގައި ކުރާ ބައެއް މަސައްކަތްތައް:
ހއ. ކެލާ ބަނދަރުގެ ދެވަނަ ފިޔަވަހި:
- ސޮއިކުރި ތާރީހް: 30 ޖޫން 2019
- މަަސައްކަތް ފެށި ތާރީހް: 21 ޖުލައި 2019
- މަަސައްކަތުގެ އަގު: 16 މިލިއަން ރުފިޔާ
- މަސައްކަތުގެ މުއްދަތު: 330 ދުވަސް
- މަސަައްކަތް ނިމިފައިވާ މިންވަރު: 52 ޕަސެންޓް
- އަމަލީ މަސައްކަތް ނިމަން ލަފާކުރާ ތާރީހް: 15 ޖޫން 2020
މި މަސައްކަތުގެ ދަށުން 16،264 ކިއުބިކް މީޓަރުގެ ސަރަހައްދެއް ކޮނެ، 31 މީޓަރުގެ ބޭރު ތޮޅިލާފައިވެ އެވެ. މީގެ އިތުރުން 220 މީޓަރުގެ ގޮނޑުދޮއް ހިމާޔަތް ކުރުންވެސް ހިމެނެ އެވެ. އަދި މި މަޝްރޫއުގެ ދަށުން 50 މީޓަރުގެ އެއްގަމު ތޮށިޖެހުމުގެ މަސައްކަތާއި 1،445 އަކަފޫޓުގެ ޕޭވްމަންޓް ހެދުމާއި ބަނދަރުގެ ލައިޓް ޖެހުންވެސް ހިމެނެ އެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ މި މަސައްކަތް ކުރުމުގައި ލަސްވެގެން ގޮސްފައިވަނީ ބައެއް ދަތިތަކާ ކުރިމަތިވެގެން ކަމަށެވެ.
"ޑްރެޖް ކުރަމުންދާއިރު. ޑްރެޖް ކުރާ ތަނަށް ދަނީ ވެލި އެޅެމުން. އެހެންވެ އަޅުގަނޑުމެންގެ އިންޖިއަރުން އެކަމަށް މިދަނީ ހައްލު ތަކެއް ހޯދަމުން. މި މަސައްކަތުގެ ދަށުން ބަނދަރު ފުން ކުރުމުގެ މަސައްކަތް ކުރެވިގެންދާނެ. ބޮޑެތި ފަޅު އޮންނަ ރަށްރަށުގައި ވެލި އެޅުމުގެ މައްސަލަ ދިމާވެ،" އާޒިމް ވިދާޅުވި އެވެ.
ހަނިމާދޫ ބަނދަރުގެ މަޝްރޫއު
- ސޮއިކުރި ތާރީހް: 24 ސެޕްޓެމްބަރު 2019
- މަަސައްކަތުގެ އަގު: 57 މިލިއަން ރުފިޔާ
- މަސައްކަތުގެ މުއްދަތު: 425 ދުވަސް
- މަސަައްކަތް ނުފެށޭ
- ނުފެށި ލަސްވަނީ އީއައިއޭގެ މަސައްކަތް ނުނިމޭތީ
މި މަޝްރޫއުގެ ދަށުން 85،097.50 ކިއުބިކް މީޓަރުގެ ސަރަހައްދެއް ކޮނުމާއި 355 މީޓަރުގެ ބޭރު ތޮށިލުމުގެ އިތުރުން 50 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ޖަހާނެ އެވެ. މީގެ އިތުރުން 2،583 އަކަފޫޓުގެ ބަނދަރުގެ ޕޭވްމަންޓް ހަދައި ލައިޓްތައް ޖަހާނެ އެވެ.
ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއު
ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް ނިމިދިޔަ ސަރުކާރުން ވެސް ކޮށްފައިވެ އެވެ. ކުރީގެ ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން ވަނީ މިރަށުގެ ބައެއް މަގުތަކުގައި ޕޭވްމަންޓުވެސް ހަދާފަ އެވެ. ނަމަވެސް ގިނަ އަދަދެއްގެ މަގުތަކެއްގެ މަސައްކަތް އަދި ވެސް ނުނިމި އެބައޮތެވެ.
- ސޮއިކުރި ތާރީހް: 25 މެއި 2019
- މަަސައްކަތް ފެށި ތާރީހް: 12 ޖޫން 2019
- މަަސައްކަތުގެ އަގު: 46 މިލިއަން ރުފިޔާ
- މަސައްކަތުގެ މުއްދަތު: 240 ދުވަސް
- މަސަައްކަތް ނިމިފައިވާ މިންވަރު: 38 ޕަސެންޓް
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ މި މަސައްކަތް އޮގަސްޓް މަހު ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
"އަށާރަ މަގެއްގައި ޕޭމަންޓް ހަދައި ތާރު އަޅައި ނިމިގެންދާނެ. އިރާދުކުރެއްވިއްޔާ ތާރީހަށް ނިންމޭނެ. އަދި ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭ ނިމިގެންދާނެ. މި ބަނދަރު ވެގެންދާނީ ހިތްގައިމު ބަނދަރަކަށް،" އާޒިމް ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި ރާއްޖޭގެ އެންމެ ފުޅާ ބަނދަރު
ބޭރުގެ އެހީ އާއި ދައުލަތުގެ ބަޖެޓުން ހަވާލުކޮށްގެން ކުޅުދުއްފުށީ ސިޓީގައި ހިތްގައިމު ބަނދަރެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ބަނދަރަކީ ތަފާތު ޑިޒައިނަކަށް ހަދާ ތަނެކެވެ.
- ސޮއިކުރި ތާރީހް: 12 ޑިސްމެބަރު 2018
- މަަސައްކަތް ފެށި ތާރީހް: 26 ޑިސެމްބަރު 2018
- މަަސައްކަތުގެ އަގު: 126 މިލިއަން ރުފިޔާ
- މަސައްކަތުގެ މުއްދަތު: 549 ދުވަސް
- މަސަައްކަތް ނިމިފައިވާ މިންވަރު: 85 ޕަސެންޓް
- މަސައްކަތް ނިމޭނެ ތާރީހް: މި އަހަރުގެ ޖޫން
އެމްޓީސީސީއަށް ސަރުކާރުން 40 މަޝްރޫއެއް ވަނީ ހަވާލުކޮށްފަ އެވެ. މި މަޝްރޫއުތަކުގެ އަގު ދެ ބިލިއަން ރުފިޔާ އަށް އަރަ އެވެ. އެ ކުންފުނީގެ އަމާޒަކީ މި މަސައްކަތްތައް ނިންމައި މި އަހަރު އެ ކުންފުންޏަށް 150 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދުމެވެ.