އިޓަލީއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފި އެވެ. މި ނިންމުން ނިންމީ އިޓަލީގައި ކޮރޯނާ ވައިރަސް ފެތުރެމުންދާތީ އެވެ.
ސަރުކާރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މާދަމާ ރޭ ދަންވަރު 12:00 ޖަހާއިރުން ފެށިގެން އިޓަލީން ރާއްޖެއަށް ވަގުތީ ގޮތުން ފަތުރުވެރިންނަށް ނާދެވޭ ގޮތަށް ސަރުކާރުން ދާދި ނިންމާފައިވާ ކަމަށެވެ.
"ޑައިރެކްޓް ފްލައިޓަކަށް ވެސް ޓްރާންސިޓް ފްލައިޓަކަށް ވެސް ރާއްޖެއަށް ވަގުތީ ގޮތުން އިޓަލީވިލާތުން އެއްވެސް ފަތުރުވެރިއަކަށް ނާދެވޭނެ. މި ނިންމުން އަޅުގަނޑުމެން މިހާ ހިސާބަށް އައި ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ނަގަމުން ދިޔަ ފިިޔަވަޅުތަކާ އެއްގޮތަށް ރާއްޖެއަށް އެކަމުގެ ނުރައްކާ އޮތް މިންވަރު ބެލުމަށް ފަހު އަޅުގަނޑުމެން ވާނީ ދުނިޔޭގެ އެންމެ ކުރީ ބައިގަ ނެގި އެއް ގައުމަކަށް ވެފައި،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭޝިއާއިން ބޭރުގައި އެންމެ ބާރަށް ކޮރޯނާ ވައިރަސް ފެތުރެމުންދާ ގައުމަކީ އިޓަލީ އެވެ. އެ ގައުމުގައި ކޮރޯނާގެ ބިރު ބޮޑުވެ، ސްކޫލްތައް ބަންދު ކުރުމަށް ނިންމާފައިވާއިރު ކޮރޯނާ ވައިރަހާ ގުޅިގެން އެ ގައުމުން 80 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އަންނާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ފަހުގައި ކަމަށާއި އެކަމަށްޓަކައި ނިންމަން ޖެހޭ ނިންމުމެއް ނިންމާނެ ކަމަށެވެ. އިޓަލީގެ އެންމެ ގަދައަށް ފެތުރޭ ސަރަހައްދުތައް ބަންދުކޮށްފައިވީ ނަމަވެސް ރާއްޖެއިން ވެސް އެ މީހުން އައުން ބަންދު ކުރީ ޔޫރަޕުގެ އެހެން ގައުމުތަކުން ވެސް އަންނަ އިޓަލީގެ މީހުންނަށް ނާދެވޭ ގޮތް ހެދުމަށް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.