ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ކޮވިޑް- 19: އެއާލައިން ތަކަށް ބިލިއަން ޑޮލަރުގެ ގެއްލުމެއް

ކޮވިޑް-19 ވައިރަހުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ވަމުންދާ ދާއިރާއަކީ އެއާލައިން އިންޑަސްޓްރީ އެވެ. މި ވައިރަސް ދުނިޔެއަށް ފެތުރެން ފެށުމާއެކު ގިނަ ބަޔަކު ވަނީ ދަތުރު ކުރުން ހުއްޓާލާފަ އެވެ. މިއާއެކު އެއާލައިން ތަކަށް ފަސިންޖަރުން ނުލިބި، އެތަށް ބިލިއަން ޑޮލަރެއްގެ ގެއްލުމާ ވަނީ ކުރިމަތިވެފަ އެވެ.

ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ޖަމިއްޔާ، އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އިން ބުނެފައިވާ ގޮތުގައި ކޮރޯނާ ވައިރަސްގެ ސަބަބުން އެއާލައިން ތަކަށް މިހާތަނަށް ލިބުނު ގެއްލުން 113 ބިލިއަން ޑޮލަރަށް އަރަ އެވެ.

ކޮވިޑް-19 ގެ ސަބަބުން އޭޝިއާ އާއި ޔޫރަޕު އަދި މެދުއިރުމަތީގެ ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ވަނީ މަދުކޮށްފަ އެވެ. އަދި ގިނަ އެއާލައިން ތަކެއް ގްރައުންޑް ރަމުން ދިއުމުގެ ނަތީޖާއަކީ މި ދާއިރާއަށް ލިބޭނެ ކަމަށް މިހާރު އަންދާޒާކޮށްފައިވާ ގެއްލުން ބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް ވެސް އަޔާޓާއިން ބުނެ އެވެ.

ރާއްޖެ އަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އުފުލާ އެއާލައިނެއް ކަމަށްވާ ލުފްތަންސާ އެއާލައިން އިން ވަނީ ޔޫރަޕުގެ ތެރޭގެ ގިނަ ފްލައިޓްތަކެއް ކެންސަލްކޮށްފަ އެވެ. އެ އެއާލައިންގެ 150 ފްލައިޓެއް މިހާތަނަށް ގްރައުންޑް ކޮށްފައި ވެއެވެ.

ދުނިޔޭގައި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު އެއް ލައްކަ އާ ގާތްކޮށްފައިވާއިރު މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު އުޅެނީ 3,300 އަށްވުރެ މަތީގަ އެވެ. މި ބަލި ދުނިޔޭގެ ގިނަ ގައުމު ތަކަށް ދަނީ ފަތުރެމުންނެވެ. ހާއްސަކޮށް ޔޫރަޕުގެ ބޮޑެތި އިގްތިސޯދުތައް ކަމަށްވާ އިޓަލީ އާއި އިނގިރޭސިވިލާތުން މި ބަލިމަޑުކަން ފެނުމުގެ ނަތީޖާއަކީ ދުނިޔެއަށް މިކަމުން ކުރާނެ އަސަރު ބޮޑު ވެގެގެން ދިއުމެވެ.

ކުދި އެއާލައިންތައް ބަނގުރޫޓު ވުމުގެ ބިރު

ކޮވިޑް-19 ގެ ސަބަބުން އެއާލައިން ސިނާއަތަށް ލިބެމުންދާ ގެއްލުމަށް ކެތް ނުކުރެވި ބައެއް އެއާލައިންތައް ވަނީ ބަނގުރޫޓު ވާން ފަށާފަ އެވެ. މިގޮތުން ބަނގުރޫޓުވިކަން އެންމެ ފަހުން އިއުލާނު ކުރި އެއާލައިނަކީ ޔޫރަޕުގެ އެތެރޭގައި މީހުން އުފުލާ ބަޖެޓް އެއާލައިންއެއް ކަމަށްވާ ފްލައިބޭ އެވެ.

ނަވާރަ ސަތޭކަ ހަތް ދިހަ ނުވަ ވަނަ އަހަރުން ފެށިގެން ޔޫރަޕުގެ އެތެރޭގައި ދަތުރު ކުރަމުން ގެންދާ އިނގިރޭސިވިލާތުގެ ފްލައިބޭ އެއާލައިން ޔޫރަޕުގެ 200 މަންޒިލަކަށް އުދުހޭއިރު އަހަރަކު އަށް މިލިއަން މީހުން އުފުލައިދެ އެވެ.

ވައިގެ ދަތުރުފަތުރުގެ މާހިރުން ބުނަމުންދާ ގޮތުގައި މިހާރު އެއާލައިންތަކަށް ލިބެމުންދާ ގެއްލުމަކީ 9/11 ގެ ހަމަލާއާ ގުޅިގެން އެއާލައިން ސިނާއަތަށް ލިބުނު ގެއްލުމަށް ވުރެ ވެސް ބޮޑު ވަރެކެވެ. އަދި މިއީ 2008 ގައި ދުނިޔެ އަށް ކުރިމަތިލި އިގްތިސޯދީ ހީނަރުކަމަށް ފަހު އެއާލައިން ސިނާއަތަށް މި ފަދަ ބޮޑު ގެއްލުމަކާ ކުރިމަތިވި ފަހަރަށް ވާނެ އެވެ.