ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ފެބްރުއަރީ މަހުގެ ގްރީން ޓެކްސް 3.5 ޕަސެންޓް މަދުވެއްޖެ

މި އަހަރުގެ ފެބްރުއަރީ މަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު 3.5 ޕަސެންޓް މަދުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ "ގްރީން ފަންޑު" ގެ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ފެބްރުއަރީ މަހު ގްރީން ފަންޑަށް ލިބިފައި ވަނީ 77 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިބުނީ 79 މިލިއަން ރުފިޔާ އެވެ. މިއީ ގާތްގަނޑަކަށް 3.5 ޕަސެންޓުގެ ދަށްވުމެކެވެ.

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ޖަމާ ކުރާ ގްރީން ފަންޑު ހިސާބުތައް ދައްކާ ގޮތުގައި ފެބްރުއަރީ މަހު ސަފާރީ ބޯޓުތަކުން ގްރީން ޓެކުހުގެ ގޮތުގައި 2.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިދިޔަ މަސް ނިމުނުއިރު ގްރީން ފަންޑުގައި ޖުމްލަ 918 މިލިއަން ރުފިޔާ އެބަހުއްޓެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހު މި ފަންޑުން 26 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ. ގްރީން ޓެކްސް ނަގަން ފެށީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތް ތަކަށް ފައިސާ ހޯދާށެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ޓޫރިސްޓުން އައުން ހުއްޓާލާފައިވާތީ ގްރީން ޓެކުސް ލިބުން އެއްކޮށް މިހާރު ވަނީ ހުއްޓިފަ އެވެ.