ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިތުރު ދެ ފަތުރުވެރިޔަކު ކަރަންޓީނަށް، ރިސޯޓް ލޮކްޑައުންކޮށްފި

ސަމާ އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ދެ ޓޫރިސްޓަކު ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭތީ އެ ދެ މީހުން ކަރަންޓީނު ކުރުމުގެ މަސައްކަތް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިިން ފަށައިފި އެވެ.

އެޗްފީއޭއިން ބުނި ގޮތުގައި އެ ދެ މީހުންނަކީ ފްރާންސްގެ ދެ މީހުންނެވެ. ދެ މީހުން ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެ ރިސޯޓަށް އަރާ ފޭބުން ވެސް ވަނީ މަނާކޮށްފަ އެވެ.

ސަމާ އައިލެންޑަށް މީހުން ނޭރޭ ގޮތަށް މަނާކޮށްފައިވަނީ މިހާރު އަމަލު ކުރަމުންދާ އުސޫލުގެ މަތިންނެވެ. މިހާރު އެޗްޕީއޭއިން އަމަލު ކުރަނީ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ މީހަކު ފެންނަ ރަށެއް ލޮކްޑައުން ކުރުމެވެ. އެއީ ޝައްކުވާ މީހުންގެ ނަތީޖާ ލިބެންދެނެވެ.

މިހާރު ވެސް ވ. ތިނަދޫ އާއި ކުރެއްދޫ އައިލެންޑް ރިސޯޓް ވަނީ ލޮކްޑައުންކޮށްފަ އެވެ. ތިނަދޫ ލޮކްޑައުން ކުރީ އެ ރަށުގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ އިޓަލީގެ ޓޫރިސްޓެއްގެ ފަރާތުން ކޮރޯނާ ވައިރަހުގެ އަލާމަތްތައް ފެނިފައިވާތީ އެވެ. އޭނާ މިހާރު ވަނީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ. އޭނާގެ ޓެސްޓްތައް ހަދާފައިވާއިރު ނަތީޖާ އަދި ނުލިބެ އެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓް ލޮކްޑައުން ކޮށްފައިވަނީ އެ ރިސޯޓުގައި ހުރި ޓޫރިސްޓަކު އަނބުރާ އިޓަލީއަށް ދިޔުމަށް ފަހު އޭނާ ކޮރޯނާ ވައިރަހަށް ވަނީ ޕޮޒިޓިވްވެފައިވާތީ އެވެ. އެ ރިސޯޓް ޑޮކްޓަރުގެ ފަރާތުން ވެސް ވަނީ ކޮރޯނާގެ އަލާމަތްތައް ފެނިފަ އެވެ. އެހެންވެ އޭނާ ވެސް މިހާރު ވަނީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ.

ކޮރޯނާއަށް ޕޮޒިޓިވްވެފައިވާ ޓޫރިސްޓް، ކުރެއްދޫގައި ކޮންޓެކްޓްވި މީހުން ހޯދައި އިތުރަށް ބަލަން ޖެހޭ ކަންކަން ދަނީ ކުރަމުންނެވެ. އެ ރަށް ހުޅުވާލާނީ އޭގެ ފަހުންނެވެ.

އިޓަލީއިން ރާއްޖެއަށް މީހުން އައުން މިހާރު ސަރުކާރުން ވަނީ މަނާކޮށްފަ އެވެ. އޭޝިއާއިން ބޭރުގައި އެންމެ ބާރަށް ކޮރޯނާ ވައިރަސް ފެތުރެމުންދާ ގައުމަކީ އިޓަލީ އެވެ. އެ ގައުމުގައި ކޮރޯނާގެ ބިރު ބޮޑުވެ، ސްކޫލްތައް ބަންދު ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. ކޮރޯނާ ވައިރަހާ ގުޅިގެން އެ ގައުމުން 80 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.