ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސަމާ ރިސޯޓުގެ ހަތަރުވަނަ މީހަކު ކަރަންޓީން ކޮށްފި

ސަމާ އައިލެންޑް ރިސޯޓްގެ އިތުރު މީހަކު ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން ކަރަންޓީނު ކުރަން ފަރުކޮޅުފުއްޓަށް ގެންގޮސްފި އެވެ.

އެ ރިސޯޓްގެ ހަތަރު ވަނަ މީހެއްގެ ޓެސްޓްތައް ހަދަމުންދާކަން ހާމަ ކުރެއްވީ މިރޭ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ. އެ ރިސޯޓް މިހާރު އޮތީ މީހުން އެރުމާއި ފޭބުން މަނާކޮށް ލޮކްޑައުން ކޮށްފަ އެވެ.

އެ ރަށް ލޮކްޑައުންއަށް ގެނައީ އެ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފްރާންސްގެ ދެ ޓޫރިސްޓަކު ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭތީ އެ ދެ މީހުން ކަރަންޓީނު ކުރުމަށްފަހު އެވެ.

އޭގެ ފަހުން އެ ރިސޯޓްގެ ޑޮކްޓަރު ވެސް ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭތީ ވަނީ ކަރަންޓީނުކޮށްފަ އެވެ. ސަމާ ރިސޯޓުން މިއަދު ބުނީ އެ ރިސޯޓްގެ ހަ މުވައްޒަފަކު ވަރަށް ބޮޑަށް ކެއްސައި ހުން ގަދަ ވެފައިވާތީ އެޗްޕީއޭއިން އިރުޝާދު ދިން ގޮތަށް އެ މީހުން ވެސް އެ ރިސޯޓުގެ ކޮޓަރިތަކެއްގައި މި ވަގުތަށް އެކަހެރި ކޮށްފައިވާ ކަމަށެވެ.

މިއަދު ރާއްޖެއިން ވަނީ ކޮރޯނާ ވައިރަހަށް ދެ މީހަކު ޕޮޒިޓިވްވެފަ އެވެ. އެއީ ކުރެެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފެކެވެ. ޕޮޒިޓްވެފައި ވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފުންނެވެ. އެ ދެ މީހުންނަކީ ވެސް ބިދޭސީންނެވެ. ނަމަވެސް އެމީހުންގެ ގައުމެއް ހާމައެއް ނުކުރެ އެވެ.

ރާއްޖެއިން ދެ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. އެ ރަށަށް އަރާ ފޭބުން އޮތީ ހުއްޓުވާފަ އެވެ. މުޅި ރާއްޖެއަށް އޮތީ މިހާރު ޔެލޯ އެލާޓެވެ.

ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކޮށް ދިޔަ އިޓަލީ މީހާގެ ފަރާތުން ކޮރޯނާ ފެނުމާ ގުޅިގެން ސަރުކާރުން ވަނީ އިޓަލީއިން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފަ އެވެ. އިޓަލީ މީހުން ރާއްޖެއިން ފުރުވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ވ. ތިނަދޫގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީ މީހެއްގެ ފަރާތުން ވެސް ކޮރޯނާގެ އަލާމާތްތައް ފެނުނެވެ. އެމީހާގެ ޓެސްޓްގެ ނަތީޖާ މިހާރު ލިބިފައިވާއިރު އޭނާ ވައިރަހަށް ނެގަޓިވް އެވެ. އޭނާ އަދިވެސް ހުރީ ކަރަންޓީނުކޮށްފަ އެވެ. އޭނާގެ ފަރާތުން އަލާމާތް އަދިވެސް ފެންނާތީ 24 ގަޑިއިރު ފަހުން އިތުރު ޓެސްޓް ހެދުމަށް ވަނީ ނިންމާފަ އެވެ.