މި ވަގުތުގެ ހާލަތަކީ ކޮންމެ ގެއެއްގައި ކާޑު ގުދަނާއި ކަންމަތީ ފިހާރަ ހަދަން ޖެހޭ ފަދަ ހާލަތެއް ނޫން ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
އަމްރު ވިދާޅުވީ ރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށާއި ކާޑާއި އެހެން ވެސް ކާނާ ހުސް ނުވެ ލިބެން ހުންނާނެ ކަމަށެވެ.
ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފަކު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެހެންވެ، ރާއްޖޭގެ ލެވެލް ވަނީ ޔެލޯ އެލާޓަށް މަތިކޮށްފަ އެވެ.
އެކަމާ ގުޅިގެން މިރޭ އެސްޓީއޯ އާއި ސަލާމަތީ ބާރުތަކުން ބޭއްވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ހުސް ނުވެ، ރާއްޖޭގެ ހުރިހާ ރައްޔިތުން ބޭނުން ކުރާނެ ކާޑު އެސްޓީއޯގައި އެބަހުރި ކަމަށެވެ. އެކަމާ އެއްގޮތަކަށް ވެސް ހާސްވެ ކަންބޮޑުވާން ނުޖެހޭނެ ކަމަށެވެ.
"މިވަގުތަކީ ކޮންމެ ގެއެއްގެ ސިޓިންރޫމް ކާޑު ގުދަނަކަށް ހަދަންވީ ވަގުތެއް ނޫން، އަދި ކޮންމެ ގެއެއްގެ ކޮޓަރި ކަންމަތީ ފިހާރައަކަށް ހަދަންވީ ވަގުތެއް ވެސް ނޫން،" އަމްރު ވިދާޅުވި އެވެ.
އަމްރު ވަނީ އެސްޓީއޯގައި ހޭންޑް ސެނެޓައިޒާ އާއި ފޭސް މާސްކު ވެސް ބޭނުންވާ މިންވަރަށް ހުރިކަން ފާހަގަ ކުރައްވާފަ އެވެ. ނަމަވެސް އެ އާންމުކޮށް ވިއްކުން ވަނީ ލިމިޓް ކޮށްފަ އެވެ.
އެ ގޮތަށް އެސްޓީއޯއިން އަމަލު ކުރަން ނިންމާފައިވާއިރު ޑޮކްޓަރުން ވެސް ވަނީ އެންމެން މާސްކު އެޅުން މުހިންމު ނޫން ކަމަށް ބުނެފަ އެވެ. ޑޮކްޓަރުން ބުނީ މާސްކު އަޅަން ޖެހޭނީ ހުން އަންނަ މީހުން ކަމަށާއި ހުރިހާ މާސްކެއް ހުސްކޮށް ނުލާ ބޭނުންވާ މީހުންނަށް ބެހެއްޓުން ރަނގަޅު ވާނެ ކަމަށެވެ.
އަމްރު ވިދާޅުވީ އެސްޓީއޯއިން ވިއްކާ ހޭންޑް ސެނެޓައިޒާއަކީ ވެސް ހޮސްޕިޓަލް ފަދަ ތަންތަނުގައި ބޭނުން ކުރުމަށް ހުންނަ އެއްޗެއް ކަމަށާއި ގޭގައި ބޭނުން ކުރުމަށް އެ ސެނެޓައިޒާ ގަތުން މުހިންމު ނޫން ކަމަށެވެ. ގޭގައި ސައިބޯނި ލައިގެން އަތް ދޮވެ، ސެނެޓައިޒާ، ހޮސްޕިޓަލްތަކަށް ބެހެއްޓުން މުހިންމު ކަމަށެވެ.
ބޭހާ ގުޅޭ ގޮތުން ވެސް އަމްރު ވާހަކަ ދެއްކެވި އެވެ. އަމްރު ވިދާޅުވީ ބޭސް ވެސް އެސްޓީއޯގައި އެބަހުރި ކަމަށެވެ. ނަމަވެސް އެހެން ގައުމުތަކުން ބޭސް ހުސްވެއްޖެނަމަ ރާއްޖެއިން ވެސް ކުރާނެ ކަމެއް ނެތް ކަމަށެވެ. އިންޑިއާއިން ވެސް ވަނީ ބޭސް އެކްސްޕޯޓް ކުރުން ލިމިޓްކޮށްފަ އެވެ. އަމްރު ވިދާޅުވީ އިންޑިއާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި ރާއްޖެއަށް ބޭސް ލިމިޓް ކުރާނެ ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ.
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކޮރޯނާއަށް ޕޮޒިޓިވްވި، ޓޫރިސްޓް ކޮންޓެކްޓްވި އެންމެން ހޯދައި ބަލަން ޖެހޭ ބެލުންތައް ބަލަމުންދާ ކަމަށެވެ. އެ ޓޫރިސްޓް ބައްދަލުވި މީހުންގެ ތެރެއިން ކޮރޯނާގެ އަލާމާތްތައް ފެންނަ މީހުން ޓެސްޓް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ކޮރޯނާ ވައިރަހުގެ އަލާމާތް ކަމަށް ބެލެވޭ އެއްވެސް ކަމެއް ފެނިއްޖެނަމަ އެ މީހަކު ގޭގައި މަޑުކުރުމަށްފަހު އިދާރާތަކަށް އެންގުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އޭރުން އެ މީހެއްގެ ގާތަށް އިދާރާތަކުން ދާނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުރެެއްދޫ ރިސޯޓްގައި ތިބި މުވައްޒަފުންގެ އާއިލާތައް ވެސް ބިރު ގަންނަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ. ކުރެއްދޫގައި މިހާރު ތިބި މީހުންނާމެދު އަމަލު ކުރާ ގޮތްތައް ވެސް އާންމު ކުރަމުންދާނެ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ މިރޭ ކެބިނެޓް ބައްދަލުވުމެއް ވެސް ބާއްވާނެ ކަމަށާއި ގޮތްތަކެއް ވެސް ނިންމާނެ ކަމަށެވެ. ރައްޔިތުން ކަންބޮޑުވާން ޖެހޭނެ އެއްވެސް ކަމެއް ނެތް ކަމުގެ ޔަގީންކަން ވެސް އަރުވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. ހެލްތް މިނިސްޓަރު ވިދާޅުވީ ރައްޔިތުން އަމަލު ކުރަންވީ ގޮތް ސަރުކާރުން އަންގަމުންދާނެ ކަމަށާއި އިރުޝާދާ ހިލާފަށް ޕެނިކްގައި އަމަލު ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.