ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވިލަމެންދޫ މުވައްޒަފުގެ ނަތީޖާ ނެގެޓިވް، ރިސޯޓް ހުޅުވާލައިފި

ވިލަމެންދޫ ރިސޯޓްގައި ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން ޓެސްޓް ކުރި މީހާގެ ނަތީޖާ ނެގަޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނެފި އެވެ. އެ ރިސޯޓަށް އަރާ ފޭބުމުގައި މިހާރު ހުރަހެއް ނެތް ކަމަށް ވެސް ބުންޏެވެ.

އެޗްޕީއޭއިން މިއަދު ބުނީ ވިލަމެންދޫގެ ލޮކްޑައުން އުވާލީ ޓެސްޓްގެ ނަތީޖާ ލިބި، ކޮންޓެކްޓް ޓްރޭސިން ނިމުމާ ގުޅިގެން ކަމަށެވެ.

ވިލަމެންދޫއިން ކޮރޯނާ ވައިރަހުގެ އަލާމާތްތައް ފެނުނީ އެ ރިސޯޓްގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފެއްގެ ފަރާތުންނެވެ. އޭނާ ވަނީ މިފަހުން ކުރެއްދޫ ރިސޯޓަށް ޗުއްޓީއަކަށް ގޮސްފަ އެވެ. އަލާމާތްތައް ފެނުނީ އޭގެ ފަހުންނެވެ.

ކުރެއްދޫ ރިސޯޓުން ވަނީ ހަތަރު މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި ޓޫރިސްޓަކު އެނބުރި އިޓަލީއަށް ދިޔަ ފަހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވެ އޭގެ ފަހުން އެ ޓޫރިސްޓްގެ ފަރާތުން ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފަކަށް ކޮރޯނާ ވައިރަސް ވަނީ ފެތުރިފަ އެވެ.

އޭގެ އިތުރުން އެ ރިސޯޓްގެ ދެ ޓޫރިސްޓަކު ވެސް ކޮރޯނާ ވައިރަހަށް މިހާރު ވަނީ ޕޮޒިޓިވްވެފަ އެވެ. ރިސޯޓް މިހާރު އޮތީ މީހުންނަށް އެރުމާއި ފޭބުން މަނާކޮށްފަ އެވެ. އެ ރިސޯޓްގައި ބަޔަކު އެކަހެރިކޮށްފައިވެސްވެ އެވެ.

ރާއްޖޭގައި ދެން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ ބަތަލާ ރިސޯޓްގައި ތިބި ދެ ޓޫރިސްޓުންނެވެ. އެއީ ވެސް އިޓަލީގެ ދެ މީހުންނެެވެ. އެ ދެ މީހުން އިތުރަށް މޮނީޓާ ކުރުމަށް މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.