ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކުރަމަތި ރިސޯޓުގެ ދެ ޓޫރިސްޓަކު ކޮރޯނާއަށް ޕޮޒިޓިވްވެއްޖެ

ރާއްޖޭގައި އިތުރު ދެ މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ދެ ޓޫރިސްޓެކެވެ.

ކުރަމަތި ރިސޯޓްގެ ދެ މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާތީ އެ ރަށަށް މީހުން އަރާއި ފޭބުން މަނާކޮށް އެ ޓޫރިސްޓުންނާ ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ދަނީ އެ ރިސޯޓާއި އެ ދެ ޓޫރިސްޓުންގެ ހާލަތު މޮނީޓާ ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މި ދެ ޓޫރިސްޓުންނާއެކު ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު އަށަކަށް އިތުރުވީ އެވެ. އެ އަށް މީހުންނަކީ ވެސް ބިދޭސީންނެވެ.

އެގޮތުން ކުރެއްދޫ ރިސޯޓުން ވަނީ ހަތަރު މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި ޓޫރިސްޓަކު އެނބުރި އިޓަލީއަށް ދިޔަ ފަހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވެ އޭގެ ފަހުން އެ ޓޫރިސްޓްގެ ފަރާތުން ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފަކަށް ކޮރޯނާ ވައިރަސް ފެތުރުނެވެ. އެ ދެ މީހުން އެކަހެރިކޮށް މޮނީޓާ ކުރަމުންދާއިރު ހާލު ރަނގަޅެވެ.

އިޓަލީ ޓޫރިސްޓް، ކޮރޯނާ ވައިރަސްގެ އަލާމާތްތައް ހުއްޓައި އޭނާއަށް ރާއްޖެ އެތެރެވެވި އަދި އޭނާ ފުރުނު މައްސަލާގެ ޖިނާއީ ތަހުގީގެއް މިހާރު ވަނީ ފަށާފަ އެވެ. އޭނާ ވަނީ މާލޭގެ މާގިރި ހޮޓެލްގައި ދެ ދުވަހު މަޑުކޮށްފަ އެވެ. އެއީ އޭނާ ފުރަން ދިޔުމުން އޭނާ ހާލަތު ހުރި ގޮތުން ފްލައިޓަށް ނޭރުވުމުންނެވެ. އޭނާ ޓިކެޓް ގަންނަން ދިޔަ އޮފީހުގެ މުވައްޒަފެއްގެ ފަރާތުން ވެސް އަލާމާތްތައް ފެނުނެވެ. ނަމަވެސް އޭނާގެ ނަތީޖާ ނެގަޓިވް އެވެ.

މާގިރި ހޮޓާ ވެސް މިހާރު ޑީއިންފެކްޓް ކުރުމަށް ބަންދު ކޮށްފައިވާއިރު އެ ހޮޓާގެ ބައެއް މުވައްޒަފުން ވަނީ އެކަހެރިކޮށްފަ އެވެ.

ކުރެއްދޫ ރިސޯޓްގެ އިޓަލީގެ ދެ ޓޫރިސްޓަކު ވެސް ކޮރޯނާ ވައިރަހަށް މިހާރު ވަނީ ޕޮޒިޓިވްވެފަ އެވެ. ރިސޯޓް މިހާރު އޮތީ މީހުންނަށް އެރުމާއި ފޭބުން މަނާކޮށްފަ އެވެ. އެ ރިސޯޓްގައި ބަޔަކު އެކަހެރިކޮށްފައިވެސްވެ އެވެ.

ރާއްޖޭގައި ދެން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ ބަތަލާ ރިސޯޓްގައި ތިބި ދެ ޓޫރިސްޓުންނެވެ. އެއީ ވެސް އިޓަލީގެ ދެ މީހުންނެެވެ. އެ ދެ މީހުން އިތުރަށް މޮނީޓާ ކުރުމަށް މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.