ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކުރެއްދޫގެ ބައެއް ބަންދުކޮށް ރިސޯޓް ހުޅުވާލަން މަސައްކަތްކުރަނީ

ރާއްޖޭގައި އެންމެ ފުރަތަމަ ކޮރޯނާ ވައިރަސް ފެނުނު ޅ. ކުރެއްދޫ ރިސޯޓްގައި އެކަހެރިކޮށްފައިވާ މީހުން ވަކި ސަރަހައްދަކަށް ގެންގޮސް އެ ސަރަހައްދު ބަންދު ކުރުމަށްފަހު، ރިސޯޓް ހުޅުވާލުމުގެ މަސައްކަތް ފަށައިފި އެވެ.

ކުރެެއްދޫ ރިސޯޓްގެ ހަތަރު މީހަކު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެއީ އެ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފަކާއި އިޓަލީގެ ދެ ޓޫރިސްޓެކެވެ.

ކޮރޯނާ ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ އޮރެންޖު އެލާޓްގައި މިހާރު އޮތް ކުރެއްދޫގައި ޑޮކްޓަރުންގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެ ރިސޯޓްގައި މި ވަގުތު ރޫމް އައިސޮލޭޝަންގައި ބަޔަކު އެބަތިބި ކަމަށާއި އެމީހުންގެ ކަންކަން ޑޮކްޓަރުން މޮނީޓާ ކުރަމުންދާ ކަމަށެވެ.

މަބުރޫކު ވިދާޅުވީ އައިސޮލޭޝަންގައި ތިބި މީހުންނާމެދު ގޮތްތަކެއް ޑޮކްޓަރުން ނިންމަވައި، އައިސޮލޭޝަންގައި ތިބޭ މީހުން ވަކި ސަރަހައްދަކަށް ގެންގޮސް އެ ސަރަހައްދު ބަންދުކޮށްފައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ސަރަހައްދު އެހެން ބޭއްވުމަށްފަހު ރިސޯޓް އާންމުކޮށް ހުޅުވާލެވޭތޯ ވެސް ބަލަމުންދާ ކަމަށް މަބުރޫކު ވިދާޅުވި އެވެ.

މަބުރޫކު ވިދާޅުވީ ރިސޯޓްގައި ތިބި ޓޫރިސްޓުންގެ ހާލު ވެސް ބަލަމުންދާ ކަމަށާއި ހާލު ރަނގަޅު ޓޫރިސްޓުން އެ ރިސޯޓުން ފުރުވާލެވޭތޯ ވެސް މިހާރު ބަލަމުންދާ ކަމަށެވެ.

މިހާރު ކުރެއްދޫ ރިސޯޓްގައި 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މުވައްޒަފުން އެބަތިއްބެވެ.

ކުރެއްދޫ ރިސޯޓަށް ކޮރޯނާ ވައިރަސް ފެތުރުނީ އެ ރަށުގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އިޓަލީ ޓޫރިސްޓް، ކޮރޯނާ ވައިރަސްގެ އަލާމާތްތައް ހުއްޓައި އޭނާއަށް ރާއްޖެ އެތެރެވެވި އަދި އޭނާ ފުރުނު މައްސަލާގެ ޖިނާއީ ތަހުގީގެއް މިހާރު ވަނީ ފަށާފަ އެވެ. އޭނާ ވަނީ މާލޭގެ މާގިރި ހޮޓެލްގައި ދެ ދުވަހު މަޑުކޮށްފަ އެވެ. އެއީ އޭނާ ފުރަން ދިޔުމުން އޭނާ ހާލަތު ހުރި ގޮތުން ފްލައިޓަށް ނޭރުވުމުންނެވެ. އޭނާ ޓިކެޓް ގަންނަން ދިޔަ އޮފީހުގެ މުވައްޒަފެއްގެ ފަރާތުން ވެސް އަލާމާތްތައް ފެނުނެވެ. ނަމަވެސް އޭނާގެ ނަތީޖާ ނެގަޓިވް އެވެ.