ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކުރެއްދޫ ރިސޯޓުން ޓޫރިސްޓުން ފުރަން ފަށައިފި

ކުރެއްދޫ އައިލެންޑް ރިސޯޓް ލޮކްޑައުން ކޮށްފައި އޮތުމުން އެ ރަށުން ނުފޭބިފައި ތިބި ޓޫރިސްޓުން ފުރަން ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ވަނީ ކުރެއްދޫ ރިސޯޓުގެ ވަކި ސަރަހައްދެއް ބަންދު ކުރުމަށްފަހު އެ ރިސޯޓަށް އަރާ ފޭބުމަށް ހުޅުވާލާފަ އެވެ. އަދި އެޗްޕީއޭގެ މެޑިކަލް ޓީމެއް ރިސޯޓްގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ކުރެއްދޫ ރިސޯޓުން މިއަދު ބުނި ގޮތުގައި ރިސޯޓު އަލުން ހުޅުވާލުމުން ޓޫރިސްޓުން ފޭބުމަށް ހުއްދަދީ، އެކަމުގެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށެވެ. އެ ރިސޯޓުން ޓޫރިސްޓުންނަށް ފޭބޭނީ މެޑިކަލް ސްކްރީން ހެދުމަށްފަހު އެ މީހުންގެ ހާލު ރަނގަޅު ނަމަ ކަމަށެވެ.

އެ ރިސޯޓުން ބުނި ގޮތުގައި ޓޫރިސްޓުންނަށް ފޭބުމުގެ ހުއްދަ ދިން ނަމަވެސް މި ވަގުތަށް އެ ރިސޯޓަށް އާ ޓޫރިސްޓުން ނުގެންނާނެ އެވެ. އެ ރިސޯޓަށް އާ ބުކިން ނުނަގަން ނިންމާފައިވާއިރު ބުކިން ހަދާފައިވާ ޓޫރިސްޓުންނަށް ކްރައުންޑް އެންޑް ޗަމްޕާގެ އެހެން ރިސޯޓްތަކުން ޗުއްޓީ ދެމުންދާނެ ކަމަށް ކުރެއްދޫ ރިސޯޓުން ބުނެފައިވެ އެވެ.

މިހާރު ކުރެއްދޫ ރިސޯޓްގައި 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މުވައްޒަފުން އެބަތިއްބެވެ.

ކުރެއްދޫ ރިސޯޓަށް ކޮރޯނާ ވައިރަސް ފެތުރުނީ އެ ރަށުގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އިޓަލީ ޓޫރިސްޓް، ކޮރޯނާ ވައިރަސްގެ އަލާމާތްތައް ހުއްޓައި އޭނާއަށް ރާއްޖެ އެތެރެވެވި އަދި އޭނާ ފުރުނު މައްސަލާގެ ޖިނާއީ ތަހުގީގެއް މިހާރު ވަނީ ފަށާފަ އެވެ. އޭނާ ވަނީ މާލޭގެ މާގިރި ހޮޓެލްގައި ދެ ދުވަހު މަޑުކޮށްފަ އެވެ. އެއީ އޭނާ ފުރަން ދިޔުމުން އޭނާ ހާލަތު ހުރި ގޮތުން ފްލައިޓަށް ނޭރުވުމުންނެވެ. އޭނާ ޓިކެޓް ގަންނަން ދިޔަ އޮފީހުގެ މުވައްޒަފެއްގެ ފަރާތުން ވެސް އަލާމާތްތައް ފެނުނެވެ. ނަމަވެސް އޭނާގެ ނަތީޖާ ނެގަޓިވް އެވެ.

އެ ޓޫރިސްޓުގެ ފަރާތުން ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފަކަށް ކޮރޯނާ ވައިރަސް ފެތުރިފައިވެ އެވެ. އަދި އޭގެ ފަހުން އެ ރިސޯޓްގައި ތިބި އިޓަލީގެ ދެ ޓޫރިސްޓެއްގެ ފަރާތުން ވެސް ކޮރޯނާ ވައިރަސް ވަނީ ފެނިފަ އެވެ.