ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހުކުރު ހުތުބާ އާއި ވަގުތު ކުރު ކުރަން އެދެފި

ކޮރޯނާ ވައިރަސް އާ ގުޅިގެން، ހުކުރު ނަމާދަށް ހޭދަ ކުރާ ވަގުތާއި ހުތުބާ ކުރު ކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ، މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހު މިއަދު ވިދާޅުވީ ނަމާދަށް ހޭދަ ކުރާ ވަގުތު ކުރު ކުރަން އަންގާފައި ވަނީ، ކޮރޯނާ ވައިރަސް އިން ރައްކާތެރިވާން އަޅާ ފިޔަވަޅެއްގެ ދަށުން އެއްވެ އުޅޭ ވަގުތު ކުޑަ ކުރުމަށް ކަމަށެވެ.

އެގޮތުން ހުކުރު ނަމާދުގެ ހުތުބާގެ ވަގުތާއި އެހެން ނަމާދުތަކުގައި ވެސް ކުރު ސޫރަތްތައް ކިޔެވުމަށް އަންގާފައި ވާނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. މި ގޮތަށް ނިންމާފައި ވަނީ މުއްދަތެއް ނެތް ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ހާލަތަށް ބެލުމަށްފަހު މި އެންގުމަށް ބަދަލު ގެންނާނެ ކަމަށެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވާން، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް އެދެމުންނެވެ. އެގޮތުން، ރާއްޖޭގެ ސްކޫލްތައް އެއް ހަފްތާއަށް ބަންދު ކުރުމަށްވެސް މިހާރު ވަނީ ނިންމާފަ އެވެ. އަދި، ކުންފުނިތައްވެސް ހިމެނޭ ގޮތަށް ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދެމުން ގެންދާ އޮންލައިން ހިދުމަތްތައް ބޭނުން ކުރުމަށް އެ ކުންފުނިތަކުން ވަނީ އެދިފަ އެވެ.