ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މެލޭޝިއާއިން އައި ދިވެހި މީހާގެ ނަތީޖާ ނެގަޓިވް

މެލޭޝިއާއިން ރާއްޖެ އައި ފަހުން ކޮރޯނާ ވައިރަހުގެ އަލާމާތްތައް ފެނިގެން ޓެސްޓްކުރި ދިވެހި މީހާގެ ނަތީޖާ ނެގަޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާ އެއް އިމާރާތެއްގައި ދިރިއުޅުމަށް ފަހު މެލޭޝިއާއިން ރާއްޖެ އައި ދިވެހި މީހެއް ކަމަށެވެ. އޭނާގެ ސާމްޕަލް ނެގީ ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްގެނެވެ.

މެލޭޝިއާއިން ވަނީ ކޮރޯނާ ވައިރަހުގެ ކޭސްތަކެއް ފެނިފަ އެވެ. އަދި އެ ގައުމުން ދަނީ ރައްކާތެރިވުމަށް ފިޔަވަޅުތައް ވެސް އަޅަމުންނެވެ.

ރާއްޖެއިން މިހާރު އަމަލު ކުރަމުންދާ އުސޫލަކީ ރާއްޖެއަށް އައުން މަނާ ކޮށްފައިވާ ގައުމަކުން ދިވެއްސަކު އަންނަ ނަމަ އަލާމާތްތައް ނުފެނު ނަމަވެސް 14 ދުވަހަށް ކަރަންޓީނު ކުރުމެވެ.

އެގޮތުން އިޓަލީއިން އައި ދެ ދިވެއްސަކާއި ޗައިނާއިން އައި ދިވެއްސަކު އިއްޔެ ވަނީ ކަރަންޓީނުކޮށްފަ އެވެ. އެ ދެ ގައުމުން ވެސް ރާއްޖެއަށް މީހުން އެތެރެވުން މަނާ ކޮށްފައިވެ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާ އިން ފެތުރެން ފެށި، ކޮރޯނާ ވައިރަސް މިހާރު ވަނީ 100 އަށް ވުރެ ގިނަ ގައުމަށް ފެތުރިފަ އެވެ. އެގޮތުން، މުޅި ދުނިޔޭގައި އެ ބަލި 118،000 މީހުނަށް ޖެހިފައިވާއިރު، އޭގެ ތެރެއިން 4،200 މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ.