ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮލެޖްތަކާއި ޔުނިވާސިޓީތައް ބަންދުކުރަން އަންގައިފި

ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖްތައް މިއަދުން ފެށިގެން ބަންދު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން އަންގައިފި އެވެ.

އެޗްޕީއޭއިން މިހެން އެންގީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި އެހެން ތައުލީމްދޭ މަރުކަޒުތައް މިއަދުން ފެށިގެން ދެ ހަފުތާއަށް ބަންދު ކުރުމަށް އަންގާ ކަމަށެވެ.

ރާއްޖޭގައި ދެ ޔުނިވާސިޓީއެއް ހިންގާއިރު ގިނަ އަމިއްލަ ކޮލެޖްތަކެއް ކިޔަވައިދެ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.

މި ފިޔަވަޅު އެޗްޕީއޭއިން އެޅީ ކޮވިޑް19އަށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު 10 އަކަށް އަރާފައިވަނިކޮށެވެ. ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ މުޅިން ވެސް ބިދޭސީންނެވެ.

އެޗްޕީއޭއިން މިއަދު ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ.

ކޮވިޑް19 ފެތުރެމުންދާތީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަކަށެވެ.