ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ގްރޭޑް 10ގެ ކުދިންނަށް "ޓެލިކިލާސް" ތައް ފަށައިފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ "ޔެސް" ޓީވީ މެދުވެރިކޮށް ގްރޭޑް 10 އެއްގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށައިފި އެވެ.

ކޮރޯނާ ވައިރަހުގެ ބަލާއާފާތް ރާއްޖެއަށް ވެއް ޖެހިފައިވާތީ ސްކޫލްތަކުގެ ކިޔެވުން ބަންދު ކޮށްފައިވާއިރު، މިއަދު ވަނީ ޔެސް ޓީވީ މެދުވެރިކޮށް ކިޔަވައިދޭން ފަށާފަ އެވެ. އެޑިއުކޭޝަނުން ކުރިއަށްގެންދާ "ޓެލިކިލާސް" ތައް ކުރިއަށްގެންދާ ގަޑިތައް އެޑިއުކޭޝަނުން އިއްޔެ ވަނީ އިއުލާން ވެސް ކޮށްފަ އެވެ.

މި ކްލާސްތައް ހެނދުނު 8:00 އިން ފަށައި މެންދުރު 12:00 އަށް ކުރިއަށް ގެންދެ އެވެ. މި ގަޑިތަކަކީ، ދިވެހި އިސްލާމް އިނގިރޭސި ހިސާބު އަދި ކޮމްޕިއުޓާ ސައިންސްގެ ގަޑިއެވެ. އެއަށްފަހު އިސްލާމް މާއްދާގެ ސަބްޖެކްޓް ފޯރަމް އެއް ކުރިއަށްގެންދެ އެވެ.

އެ ގަޑިތަކުގައި ކިޔަވައިދޭނެ ފިލާވަޅުތަކާއި އެ ފިލާވަޅުތައް ނަގައިދޭނެ ޓީޗަރުން ވެސް އެޑިއުކޭޝަނުން ގެންދަނީ ޓްވިޓާ މެދުވެރިކޮށް ހިއްސާ ކުރަމުންނެވެ. އަދި ކޮންމެ ދުވަހެއްގެ ޓައިމް ޓޭބަލް ވެސް އެއް ދުވަސް ކުރިން ދެއެވެ.

ގްރޭޑް 10 އެއްގެ ކްލާސްތަކުގެ އިތުރުން، އެހެން ގްރޭޑްތަކަށް ވެސް ކްލާސްތައް ނަގައިދޭން ވެސް އެޑިއުކޭޝަނުން ދަނީ ތައްޔާރުވަމުންނެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖޭގެ ސްކޫލްތައް އެއް ހަފުތާ އަށް ބަންދުކޮށްފައި ވަނީ ކުރިން އޮތް ހާލަތަށް ބެލުމަށްފަހު އެވެ. ނަމަވެސް މިހާރު ހާލަތު ބަދަލުވެ ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ. އެ ހާލަތު އިއުލާން ކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަށެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާ ފިޔަވަޅެއްގެ ގޮތުން ސްކޫލްތައް ބަންދުކުރަން ޖެހެ އެވެ.