ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންތިހާބު ފަސްކުރުމަށް ހައިކޯޓަށް އީސީއިން ހުށަހަޅައިފި

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިިލް އިންތިހާބު ފަސްކުރުމަށާއި އެހެން ތާރީހެއް ހޯދުމަށް ހައިކޯޓަށް ދުސްތޫރީ މައްސަލައެއް އިލެކްޝަން ކޮމިޝަން (އީސީ)އިން ހުށަހަޅައިފި އެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވި ގޮތުގައި ކޮވިޑް19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު އިންތިހާބު ބޭއްވޭނެ ހާލަތެއް މިވަގުތު ނެތް ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން މީގެކުރިން ވަނީ އިންތިހާބުގައި ވޯޓުލުން ހަތަރުވަނަ ދުވަހުން 18 ވަނަ ދުވަހަށް ބަދަލުކޮށްފަ އެވެ. އެއީ އިލެކްޝަން ކޮމިޝަނަށް އިންތިހާބު ފަސްކުރެވެން އޮތް އެންމެ ލަސް ތާރީހެވެ. އިތުރަށް ފަސްކުރާނަމަ، ކޯޓު އަމުރެއް އިލެކްޝަން ކޮމިޝަނަށް ބޭނުންވެ އެވެ.

އެހެންވެ، މިއަދު އިލެކްޝަން ކޮމިޝަނުން ދުަސްތޫރީ މައްސަލައެއް ހައިކޯޓަށް ހުށަހެޅީ އެވެ. ޝަރީފް ވިދާޅުވި ގޮތުގައި ހައިކޯޓުގައި އެދިފައިވާނީ ކޮވިޑް19އާ ގުޅިގެން ގައުމު އޮތް ހާލަތު ރަނގަޅުވެ، އާންމު ހާލަތަކަށް ރުޖޫއަވެއްޖެކަން ސަރުކާރުން ހާމަކުރުމުން އިންތިހާބު ބޭއްވުމުގެ އަމުރެއް ނެރެދިނުމަށެވެ. އަދި އޭގެ ފަހުން އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ދިނުމެވެ.

މުއްދަތެއް ނެތް ގޮތަށް އިންތިހާބުގައި ވޯޓުލުން ފަސްކުރުމަށް އިލެކްޝަން ކޮމިޝަނުން އެދިފައިވީ ނަމަވެސް ޝަރީފް ވިދާޅުވި ގޮތުގައި މީގެކުރިން އިންތިހާބާ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ އެއްވެސް މަރުހަލާއެއް ބާތިލެއް ނުވާނެ އެވެ. އަދި އެ މަރުހަލާތައް އަލުން އިންތިހާބާ ގުޅިގެން ކުރިއަށް ގެންދަން ވެސް ނިންމާފައެއް ނުވެ އެވެ. އޭރަށް އިތުރު ހަރަދުތަކެއް ނުހިނގާނެކަން ޝަރީފް ފާހަގަ ކުރެއްވި އެވެ.

ޝަރީފް ވިދާޅުވީ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރަން އެދެން ޖެހުނު ސަބަބަކީ ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ ހާލަތު ވެސް އަދި ދުނިޔޭގެ ހާލަތު ވެސް އަންދާޒާ ކުރަން ނޭނގޭ ގޮތަށް ބަދަލުވަމުންދާތީ ކަމަށެވެ. އަދި މީހުން އެއްވެ ނޫޅުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ވެސް އަންގާފައިވާތީ ކަމަށެވެ. އަންނަ މަހުގެ 18 ވަނަ ދުވަހު އިންތިހާބު ބާއްވާނަމަވެސް ކުއްލި ހާލަތުގެ މި މުއްދަތުގެ ތެރޭގައި މީހުން އެއްވެ، ގިނަ ކަންތައްތަކެއް އިލެކްޝަން ކޮމިޝަނުން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ މިހާރު އޮތް ހާލަތަކީ ކެމްޕެއިން ކުރުމަށް ވެސް އެކަށީގެންވާ މާހައުލެއް ނޫން ކަމަށެވެ. އިންތިހާބެއް ބާއްވާނަމަ ކެމްޕެއިން ކުރުމަށް އެކަށީގެންވާ މާހައުލެއް އޮންނަން ޖެހޭނެކަން އަކްރަމް ފާހަގަ ކުރެއްވި އެވެ. އަކްރަމް ވަނީ އިންތިހާބު ފަސްކުރުމުގައި ސިޔާސީ ޕާޓީތަކުން ވެސް ގައުމީ ފިކުރަށް އިސްކަންދީ، ސިޔާސީ ވަކިވަކި ފިކުރުތަކާއި ހިޔާލުތައް އެއް ފަރާތް ކުރުމަށް ގޮވާލައްވާފަ އެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ. އެޗްޕީއޭއިން އިއްޔެ ވަނީ މުހިންމު ހަތަރު ފިޔަވަޅެއް އަޅާފަ އެވެ.

އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ. އަދި، ޔޫރަޕްގެ ސްޕެއިން، ޖާމަނީ އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކުން މީހުން ރާއްޖެ އައުން މަނާކޮށްފަ އެވެ.

އޭގެއިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.