ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހަމަނުޖެހުމަށްފަހު ޖަލު އޮފިސަރުންނަށް ދަނީ އިންޒާރުދެމުން: ކަރެކްޝަންސް

Mar 15, 2020
2

ބަލާއާފާތެއްގެ ގޮތު ދުނިޔެއިން އިއުލާން ކޮށްފައިވާ ކޮވިޑް-19 އާ ގުޅިގެން މާފުށީ ޖަލުގައި ފިޔަވަޅުތައް އަޅާތީ އެ ޖަލުގައި ހިނގި ހަމަނުޖެހުންތަކަށްފަހު، ބައެއް ޖަލު އޮފިސަރުންނާއި މުވައްޒަފުންނަށް އިންޒާރުދީ ހަމަލާދެމުން ގެންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

މާފުށީ ޖަލު ބަލަހައްޓާ ކަރެކްޝަނުން ވަނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވުމުން އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތައް މެދުކަނޑާލައި ގައިދީންނަށް ފޯނު ކޯލް އިތުރުކޮށްފަ އެވެ.

އަދި ރައްކާތެރި ކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އިއްޔެ ވަނީ މައި ޖަލު ޑިސްއިންފެކްޓް ކުރަން ފަށާފަ އެވެ. އެ ހަރަކާތުގައި ޖަލުގެ ގޮޅިތަކާއި ފާހާނާތަކާއި ކޮރިޑޯތަކުގެ އިތުރުން ގައިދީން ބޭނުންކުރާ ތަންތަންވެސް ސާފުކޮށް ޑިސްއިންފެކްޓްކުރާނެ އެވެ.

ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ މަސައްކަތަށް އެއްބާރުލުން ނުދީ، ޖަލު އޮފިސަރުންގެ ވާޖިބަށް ހުރަސް އަޅައި ކުރިމަތިލާން މަސައްކަތް ކުރުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި ފަސް ގައިދީއަކަށާއި ފަސް އޮފިސަރަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.

ފުލުހުންގެ އެހީތެރިކަމާއެކު އެ ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް އަނިޔާވި މީހުނަށް ސިއްހީ ފަރުވާދީފައިވާ ކަމަށް ވެސް ކަރެކްޝަނުން ބުނެފައި ވެއެވެ. އޭގެ އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބެ އެވެ.

ކަރެކްޝަނުން ބުނި ގޮތުގައި، ރޭ ހިނގި ހަމަނުޖެހުންތަކަށްފަހު، އެ ސާވިސްގެ އެކި އޮފިސަރުންނާއި މުވައްޒަފުންނަށް އިންޒާރުތައް ލިބެމުންދެ އެވެ.

"ރޭގެ ވަގުތެއްގައި މި ސާވިސްގެ އޮފިސަރަކަށް މަގުމަތިން ވަނީ މަރުތޭލަކުން ހަމަލާދީފައި،" އެ ބަޔާނުގައި ބުންޏެވެ. އަދި ކަރެކްޝަނުގެ ބައެއް ވެހިކަލްގެ ބިއްލޫރިތައް ތަޅާލައި އިމާރާތްތަކަށް ވެސް ގެއްލުންދީފައިވާ ކަމަށާއި، އެކަން މިހާރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ކަރެކްޝަނުން ބުންޏެވެ.