ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

ސަފާރީން އެކަހެރިކުރި ދެ މީހުން ޕޮޒިޓިވްވެއްޖެ

އައިލެންޑް ސަފާރީގައި ތިއްބައި ކޮވިޑް-19އަށް ޝައްކުވާ އަލާމާތްތަކެއް ފެނިގެން އެކަހެރިކުރި ދެ މީހުން އެ ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ. އެ ސަފާރީ އޮތީ ފުވައްމުލައް ސިޓީ ކައިރީގަ އެވެ. ޕޮޒިޓިވްވި ދެ މީހުންނަކީ ކޮން ގައުމެއްގެ ބައެއް ކަމެއް ނުބުނެ އެވެ.

އެ ސަފާރީގައި ތިބި އެ ދެ ޓޫރިސްޓްގެ ފަރާތުން އަލާމާތްތައް ފެނުމުން ސަފާރީ އުޅަނދު މޮނީޓަރިން ހާލަތަކަށް ގެނަ އެވެ. ސާމްޕަލްގެ ނަތީޖާ މިއަދު ލިބުނުއިރު އެ ދެ މީހުން ވެސް ޕޮޒިޓިވްކަން ދެންމެ ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.

މިއީ ސަފާރީއަކުން މި ބަލި ޖެހިފައިވާ މީހެއް ރާއްޖެއިން ފެނުނު ފުރަތަމަ ފަހަރެވެ. މީގެކުރިން މުޅިން ވެސް ބަލި ޖެހިފައިވާ މީހުން ފެނުނީ ރިސޯޓްތަކުންނެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

މީގެކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަންނަތަރާ ދިގު ރިސޯޓްގެ ދެ މީހެކެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ. އެޗްޕީއޭއިން އިއްޔެ ވަނީ މުހިންމު ހަތަރު ފިޔަވަޅެއް އަޅާފަ އެވެ.

އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ. އަދި، ޔޫރަޕްގެ ސްޕެއިން، ޖާމަނީ އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކުން މީހުން ރާއްޖެ އައުން މަނާކޮށްފަ އެވެ.

އޭގެއިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.