ހަބަރު

ޖަލުގެ ހަމަނުޖެހުންތައް ފުލުހުން ބަލަން ފަށައިފި

ކޮވިޑް-19 އާ ގުޅިގެން މާފުށީ ޖަލުގައި ފިޔަވަޅުތައް އަޅާތީ އިއްޔެ އެ ޖަލުގައި ހިނގި ހަމަނުޖެހުންތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަން ފަށައިފި އެވެ.

މާފުށީ ޖަލު ބަލަހައްޓާ ކަރެކްޝަނުން ވަނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވުމުން އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތައް މެދުކަނޑާލައި ގައިދީންނަށް ފޯނު ކޯލް އިތުރުކޮށްފަ އެވެ. އަދި ރައްކާތެރި ކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އިއްޔެ ވަނީ މައި ޖަލު ޑިސްއިންފެކްޓް ކުރަން ފަށާފަ އެވެ. އެ ހަރަކާތުގައި ޖަލުގެ ގޮޅިތަކާއި ފާހާނާތަކާއި ކޮރިޑޯތަކުގެ އިތުރުން ގައިދީން ބޭނުންކުރާ ތަންތަންވެސް ސާފުކޮށް ޑިސްއިންފެކްޓްކުރާނެ އެވެ.

މި ފިޔަވަޅުތަކާ ގުޅިގެން ޖަލުގައި އިއްޔެ ވަނީ ހަމަނުޖެހުން ހިންގާފަ އެވެ. މި ހަމަނުޖެހުންތަކުގައި ދެ ގައިދީއަކަށް އަނިޔާވެފައި ވެ އެވެ. ފުލުހުން މިއަދު ބުނީ، މާފުށީ ޖަލުގައި ކަރެކްޝަންސްގެ ބައެއް މުވައްޒަފުންނާއި މުދަލަށާއި އަދި އިމާރާތްތަކަށް ދީފައިވާ ހަމަލާގެ މައްސަލަ ފލުހުން ދަނީ ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ބަލަމުން ކަމަށެވެ.

ޖަލުގައި ހިންގި ހަމަނުޖެހުންތަކަށްފަހު، ޖަލު އޮފިސަރުންނަށްވެސް އިންޒާރު ދެމުން އަންނަ ކަމަށް ކަރެކްޝަންސް އިން މިއަދު ވަނީ ބުނެފަ އެވެ. ޖަލު އޮފިސަރުންގެ ވާޖިބަށް ހުރަސް އަޅާ ކުރިމަތިލާން މަސައްކަތް ކުރުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި ފަސް ގައިދީއަކަށާއި ފަސް އޮފިސަރަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

ކޮވިޑް-19 ރާއްޖެ އަށްވެސް ފެތުރިފައިވާއިރު ރާއްޖޭން ވަނީ 13 މީހެއް މި ބައްޔަށް ޕޮސިޓިވް ވެފަ އެވެ. މި ބަލި ފެތުރުނަ ނުދިނުމަށް ކަމާބެހޭ އިދާރާތަކުންވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާއިރު އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެެވެ.