ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކައުންސިލްތަކުން ރަށްރަށަށް އެރުން މަނާ ނުކުރަން އެލްޖީއޭއިން އަންގައިފި

ކޮވިޑް-19 އާ ގުޅިގެން ރަށްރަށަށް މީހުން އަރައި ފޭބުން ކައުންސިލްތަކުން މަނާ ނުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ(އެލްޖީއޭ) އިން ކައުންސިލްތަކަށް އަންގައިފި އެެވެ.

އެލްޖީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވައިރަހާ ގުޅުވައިގެން ރަށްރަށް މީހުން އަރައި ފޭބުން މަނާ ކުރާ ކަމުގެ ޝަކުވާ އެކި ފަރާތްތަކުން ހުށަހަޅާ ކަމަށެވެ. އަދި އެހެންކަމުން އެކަން އެގޮތަށް ނުކުރުމަށް ކައުންސިލްތަކަށް ސާކިއުލާއަކުން އަންގައިފައިވާނެ ކަމަށެވެ.

ރާއްގޭން ފުރައިގެން ދިއުމާއި، އެނބުރި އައުމާއި ރާއްޖޭގައި ހުރުމާއި އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީގެ 41 ވަނަ މާއްދާ އިން ކަށަވަރު ކޮށްދޭ ކަމަކަށް ވާއިރު، އެ ހައްގުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ރައްޔތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވެ އެވެ. އަދި އެއްގަމު މަގުންނާއި ކަނޑުމަގުންނާއި ވައިގެމަގުން ދަތުރުކުރުން ހުއްޓުވުން ނުވަތަ ކޮންޓްރޯލް ކުރުން އެފަދައިން ދަތުރު ކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަކީ، ގާނޫނު ނަންބަރު: 7/2012 (އާއްމު ސިއްހަތުގެ ގާނޫނު)ގެ 33 ވަނަ މާއްދާގެ ދަށުން އިއުލާން ކުރާ ކުއްލި ނުރައްކަލުގެ ހާލަތުގައި އެ މާއްދާގެ 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަސްއޫލިއްޔަތެކެވެ.

"ސިއްހީ ނުރައްކަލުގެ ހާލަތުގައި ނިންމުންތައް ނިންމުމަށް، ގާނޫނީ ގޮތުން ބާރުލިބިދީފައިވާ ފަރާތުން އެއްވެސް ރަށަކަށް މީހުން އަރައި ފޭބުން މަނާ ކުރުން ފަދަ އެއްވެސް ނިންމުމެއް ނުނިންމާހާ ހިނދަކު، ކައުންސިލްތަކުން އަމިއްލަ އަށް އެފަދަ ނިންމުންތައް ނުނިންމެވުމަށް ދަންނަވަން،" ބަޔާނުގައި ވެ އެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ. އެޗްޕީއޭއިން އިއްޔެ ވަނީ މުހިންމު ހަތަރު ފިޔަވަޅެއް އަޅާފަ އެވެ.

އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ. އަދި، ޔޫރަޕްގެ ސްޕެއިން، ޖާމަނީ އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކުން މީހުން ރާއްޖެ އައުން މަނާކޮށްފަ އެވެ.