ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސްޕައިންއިން އައި ދިވެހި މީހާއާ ކޮންޓެކްޓްވި 12 މީހަކު އެކަހެރިކޮށްފި

ގަތަރު އެއާލައިން މިއަދު ސްޕެއިނުން މާލެ އައި ދިވެއްސަކު ކޮވިޑް-19އަށް ޝައްކު ކުރެވޭތީ އެ ބޯޓުގައި އޭނާއާއެކު އައި 12 މީހަކު އެކަހެރިކޮށްފި އެވެ.

މިއަދު ހަވީރު 3:15 ހާއިރު އައި އެ ބޯޓު ވެލާނާ އެއާޕޯޓްގައި މޮނީޓަރިންގެ ހާލަތަށް ގެނަ އެވެ. އެއަށްފަހު ސްޕެއިނުން އައި ދިވެހި މީހާ ފަރުކޮޅުފުއްޓަށް ގެންގޮސް ޓެސްޓްތައް ހެދި އެވެ. އެމީހާގެ ނަތީޖާތައް އަދި ނުލިބެ އެވެ.

ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަުބުރޫކު އަޒީޒު މިރޭ ވިދާޅުވީ އެ ދިވެހި މީހާއާ ކޮންޓެކްޓްވި މީހުން ހޯދުމަށްފަހު 12 މީހަކު އެކަހެރިކޮށް ތިބުމަށް އަންގާފައިވާ ކަމަށެވެ. އަދި ބޯޓުގައި ދެން ތިބި އެހެން މީހުން ދޫކޮށްލާފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

އެއީ އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ. އެޗްޕީއޭއިން އިއްޔެ ވަނީ މުހިންމު ހަތަރު ފިޔަވަޅެއް އަޅާފަ އެވެ.

އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ. އަދި، ޔޫރަޕްގެ ސްޕެއިން، ޖާމަނީ އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކުން މީހުން ރާއްޖެ އައުން މަނާކޮށްފަ އެވެ.

އޭގެއިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.