ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސިއްހީ ކުއްލި ހާލަތަށް 212 މިލިއަން ރުފިޔާގެ ބަޖެޓެއް

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ، އެކަމަށް 212 މިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ކޮރޯނާ ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވި 212 މިލިއަން ރުފިޔާ، ކުއްލި ހާލަތާ ގުޅިގެން ވަނީ ކޮންޓިންޖެންސީ ބަޖެޓެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ކަނޑައަޅާފަ ކަމަށެވެ. މި އަދަދަކީ ކުރިންވެސް ބަޖެޓުކޮށްފައި އޮތް އިރު ކޮންޓިންޖެންސީގެ ގޮތުގައި ޖެހިފަ އޮންނަ ކޯޑުގެ ތެރެއިން ނެގޭ ރުފިޔާއެއް ކަމަށެވެ.

އަދި، މި ރުފިޔާގެ ތެރޭގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ލިބޭ އަދަދުތައް މި 212 މިލިއަން ރުފިޔާގެ ތެރޭގައި ނުހިމެނޭ ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.

އިގުތިސޯދަށް އަންނާނެ ހީނަރުކަމަށް އެހީގެ ފެހި ސިގުނަލްތައް ދަނީ ލިބެމުން ކަމަށް ކޮރޯނާ ވައިރަހާ ގުޅިގެން ގައުމާ މުހާތަބު ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ހަފްތާގައި ވަނީ ވިދާޅުވެފަ އެވެ. ބޭރުގެ އެކި ގައުމުތަކުން ރާއްޖެ އަށް އެހިވުމަށް މަޝްވަރާތައް މިހާރު ދަނީ ކުރަމުންނެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖޭގައިވެސް ފެތުރެން ފެށުމާ ގުޅިގެން މިހާރު ރާއްޖޭގައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިއުލާން ކޮށްފަ އެވެ. ރާއްޖޭގައި ހުރި 13 މީހަކު ވައިރަސްއަށް ޕޮސިޓިވްވެފައިވާއިރު އެއީ ހުސް ބިދޭސީންނެވެ.