ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފްރޯޑް މައްސަލަތައް އިތުރުވާތީ، އޮންލައިންކޮށް ތަކެތި ގަންނައިރު ސަމާލުވާން އެދިއްޖެ

Mar 16, 2020

ކޯވިޑް-19 އާ ގުޅުވައިގެން ފައިނޭންޝަލް ފްރޯޑްގެ މަސައްކަތްތަކެއް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ ކަމަށާއި، އޮންލައިންކޮށް ތަކެތި ގަންނައިރު، ސަމާލުވާން ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ކޯވިޑް-19 އާ ގުޅިގެން ރައްޔިތުންގެ އެތައް ބަޔަކު ކަންބޮޑުވުމެއްގައި އުޅެމުންދާ ދަނޑިވަޅެއްގައި ބައެއް ކުށްވެރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް އެކިގޮތްގޮތަށް އިންޓަނެޓް މެދުވެރިކޮށް ސްކޭމްތައް ހިންގަމުންދާކަމަށް އިންޓަޕޯލްއިން އަންގާފައިވާ ކަމަށެވެ.

އެގޮތުން، ސާޖިކަލް މާސްކް އާއި އެހެނިހެން ބޭސްފަރުވާގެ ޑިމާންޑް ބޮޑުވެ މި ތަކެތި ފިހާރަތަކުން ލިބުމުގައި ދަތި ދުވަސްވަރެއްގައި، އިންޓަނެޓް މެދުވެރިކޮށް ފޭކް ފިހާރަތަކާއި، ވެބްސައިޓްތަކާއި، ސޯޝަލް މީޑިއާ އެކައުންޓްތަކާއި އަދި މިފަދަ ތަކެތި ވިއްކާކަމަށް ދައުވާކުރާ އީ-މެއިލް އެޑްރެސްތައް މިދުވަސްވަރު އިތުރުވެފައިވާކަން އިންޓާޕޯލްއިން އިން އަންގާފައިވާކަމަށް ފުލުހުން ބުންޏެވެ.

"އަދި އާއްމުން އޮންލައިންކޮށް ގަންނަ މާސްކް އާއި އެހެނިހެން މެޑިކަލް ސަޕްލައިތައް ނުލިބި އެމީހުންގެ ފައިސާތައް އޮންލައިންކޮށް ކުށްވެރިންނަށް ގެއްލޭ މިންވަރު އިތުރުވެފައިވާކަން ފާހަގަކޮށްފައިވޭ،" ފުލުހުން އިތުރަށް ބުނެފައިވެ އެވެ.

ކޮވިޑް-19 ފްރޯޑް ސްކީމް ތަކަކީ:

  • ފޯނު ފްރޯޑް: ކްލިނިކް ނުވަތަ ހޮސްޕިޓަލް އޮފިޝަލުންގެ ނަމުގައި ކުށްވެރިން މީހުންނަށް ފޯނުކޮށް އެމީހުންގެ އާއިލާ މެމްބަރެއް މި ބަލީގެ ޝިކާރައަކަށްވެފައިވާކަމަށް ބުނެ އެމީހުންނަށް ފަރުވާކުރުމަށް ޕޭމަންޓް ހެދުމަށް ބުނުން.
  • ފިޝިންގް: ގައުމީ ނުވަތަ ބައިނަލްއަގުވާމީ ސިއްހީ މާހިރުންގެ ނަމުގައި މީހުންނަށް އީ-މެއިލްކޮށް އެ އީ-މެއިލްގެ ޒަރިއްޔާއިން މީހުންގެ ޒާތީ މައުލޫމާތާއި ޕޭމަންޓް ޑީޓެއިލްސް ހޯދުން ނުވަތަ މަލްވެއާ ހިމެނޭ އެޓޭޗްމަންޓެއް ދީފައި އެ އެޓޭޗްމަންޓް ހުޅުވަން ބުނުން.

ސަމާލުކަން ދެންވީ ކަންތައްތައް:

  • އެއްޗެއް އޮންލައިންކޮށް ގަތުމުގެ ކުރިން، އެ ތަކެތި ވިއްކާ ކުންފުނި ނުވަތަ މީހަކީ ސައްހަ ފަރާތެއްތޯ ބެލުން.
  • އެއްޗެއް ގަންނަނީ ސައްހަ ވެބްސައިޓެއް މެދުވެރިކޮށްތޯ ކަށަވަރުކުރުން. (މިސާލަކަށް: abc.com ގެ ބަދަލުގައި abc.org ކުށްވެރިން ބޭނުންކޮށްފައި އެބަހުރި.)
  • އޮންލައިން ރިވިއުތައް ބެލުން. (އެއްވެސް ކަސްޓަމަރަކު ގަތް ތަކެތި ނުލިބިގެން އެ ވާހަކަ ވެބްސައިޓުގައި ލިޔެފައިވާނަމަ އެ ވެބްސައިޓް ބޭނުން ނުކުރުން.)
  • ކުންފުނި ހުރި ގައުމު ނޫން އެހެން ގައުމެއްގައި ހުރި ބޭންކް އެކައުންޓަކަށް ޓްރާންސެކްޝަން ހަދަން ބުނާނަމަ އެ ޕޭމަންޓް ނުހަދައި، ފުލުހުންގެ ސަމާލުކަމަށް ގެނައުން.
  • ފްރޯޑް ވިކްޓިމްއަކަށް ވެއްޖެކަމަށް ގަބޫލު ކުރެވޭނަމަ، ވީ އެންމެ އަވަހަކަށް ބޭންކަށް އެކަން އަންގައި، އެ ޓްރާންސެކްޝަން ހުއްޓުވަން މަސައްކަތް ކުރުން.
  • ގޮތް ނޭނގޭ މީހުންނާއި އެކައުންޓްތަކުން ފޮނުވާފައި ހުންނަ ލިންކްތަކާއި އެޓޭޗްމަންޓްތައް ނުހުޅުވުން.
  • މެޑިކަލް އިކުއިޕްމަންޓްތައް ފޯރުކޮށްދޭކަމަށް ބުނެ ނުވަތަ މެޑިކަލް ޗެކްސް ހަދައިދޭނެކަމަށްބުނެ އީ-މެއިލްގެ ޒަރިއްޔާއިން މީހުންގެ ޒާތީ މައުލޫމާތައް އެދޭނަމަ އެ އީ-މެއިލްތަކަށް އިޖާބަ ނުދިނުން.

އެހެންކަމުން، މި ދުވަސްވަރު އޮންލައިންކޮށް ތަކެތި ގަންނަނަމަ އެ ކުންފުންޏާއި ވެބްސައިޓްތަކަކީ ސައްހަ ވެއިބްސައިޓެއްތޯ ކަށަވަރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.