ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޓިއުޝަން، ގުރުއާން ކްލާސްތައް އަދި ސިނަމާތައް ނުހިންގަން އަންގައިފި

ސިނަމާތަކާއި ޓިއުޝަން ކްލާސްތަކާއި ވަކި މާއްދާތައް ކިޔަވައިދޭ ކްލާސްތަކުގެ އިތުރުން ގުރުއާން ކްލާސްތައް ނުހިންގުމަށް އަންގައިފި އެވެ.

ޓިއުޝަން ކްލާސްތަކާއި ގުރުއާން ކްލާސްތައް މެދުކަނޑާލުމަށް އެޑިއުކޭޝަނުން މިއަދު ވަނީ ސާކިއުލާއެއް ނެރެފަ އެވެ.

އެ ސާކިއުލާއެއްގައި ބުނީ، ކޮވިޑް-19 ފެތުރެމުންދާތީ ބަލިން ރައްކާތެރިވެ ތިބުމަށް މީހުން އެއްވެ އުޅޭތަންތަނަށް ނުދިއުމަށް އަންގާފައިވާތީ އަދި، ސްކޫލްތައްވެސް ބަންދުކޮށްފައިވާތީ ޓިއުޝަން ކްލާސްތަކާއި ވަކި މާއްދާތައް ކިޔަވައިދޭ ކްލާސްތަކުގެ އިތުރުން ގުރުއާން ކްލާސްތައްވެސް ދަރިވަރުން ނުފޮނުއްވުމަށް ބެލެނިވެރިންނަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި މި މުއްދަތުގައި މުދައްރިސުންވެސް ފޭސްޓުފޭސްކޮށް ކްލާސްތައް ނުނެގުމަށް އެޑިއުކޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ވައިރަހާ ގުޅިގެން ސްކޫލްތައް އިތުރު ހަފްތާ އަކަށް ވަނީ ބަންދު ކޮށްފަ އެވެ. ސްކޫލްތަކުގެ ފިލާވަޅުތައްވެސް އޮންލައިންކޮށް އަދި ޓީވީ މެދުވެރިކޮށް އެޑިއުކޭޝަނުން ދަނީ ގެންދަމުންނެވެ. ގްރޭޑް 10ގެ އިތުރުން ދަށު ގްރޭޑްތަކަށް ވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް އެޑިއުކޭޝަނުން ދަނީ ތައްޔާރުވަމުންނެވެ. އެހެންވެ، އިންޓަނެޓާއި ޓީވީ ނުލިބޭ ދަރިވަރުން ހޯދުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި މިހާރު އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ހާލަތުގެ ދަށުން، ރާއްޖޭގައި ހިންގާ އެންމެހައި ސިނެމާތަކާއި ތިއޭޓަރުތައް މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައި ޝްވެކުން ދެ ސިނެމާ ހިންގާއިރު، މާލޭގައި ހުންނަ އޮލިމްޕަސް ސިނެމާގެ އިތުރުން، ހދ. ކުޅުދުއްފުށީގައި ތިލަ-ދެކުނު ސިނެމާ ހިންގަ އެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އެކި ފިޔަވަޅުތައް އަޅަމުންދާއިރު މިހާތަނަށް 13 މީހަކު ވަނީ ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

އެއީ އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ. އަދި، ޔޫރަޕްގެ ސްޕެއިން، ޖާމަނީ އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކުން މީހުން ރާއްޖެ އައުން މަނާކޮށްފަ އެވެ.

އޭގެއިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން ދެ ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.

އަދި މާލޭ ސަރަހައްދުގައި ހުރި ކުޅިވަރު ކުޅޭ އެންމެހައި ތަންތަން ބަންދުކުރަންވެސް ވަނީ އަންގައިފަ އެވެ.