ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސިވިލް ކޯޓު: ލިޔުން ބަދަލުކުރުން މެއިލަށް، އަޑުއެހުން އޯޑިއޯކޮށް

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ، ސިވިލް ކޯޓުން އަމަލު ކުރާނެ ހާއްސަ އުސޫލެއް އެކުލަވާލައިފި އެވެ. އެ އުސޫލުގައިވާ ގޮތުން ސިވިލް ކޯޓުގެ ލިޔެކިޔުންތައް ބަދަލުކުރުން އެއްކޮށް މެއިލްގެ ޒަރިއްޔާއަށް ވަނީ ބަދަލުކޮށްފަ އެވެ.

ސިވިލް ކޯޓުން އެކުލަވާލި އުސޫލުގައިވާ ގޮތުން އެހެން ގޮތަކަށް އަންގަންދެން، ދެން އެ ކޯޓަށް މައްސަލަތައް ހުށަހަޅާނީ މެއިލް މެދުވެރިކޮށެވެ. އެކިއެކި ލިޔުންތައް ތަސްދީގުކުރުމަށާއި ރަޖިސްޓްރީ ކުރުމަށް ވެސް ދެން ފޮނުވަން ޖެހޭނީ މެއިލަށެވެ. ކޯޓަށް މީހުން ހާޒިރުކޮށްގެން ރަޖިސްޓްރީ ކުރާނީ ކޮންމެހެން މި ހާލަތަށް ރަޖިސްޓްރީކޮށްދޭން ޖެހޭ އެގްރިމެންޓްތަކާއި ލިޔުންތައް ކަމަށް ވެސް އުސޫލުގައިވެ އެވެ.

އުސޫލުގައިވާ ގޮތުން ޝަރުއީ އެކިއެކި ރިޕޯޓްތަކާއި ލިޔުންތައް ވެސް ދެން އެދެން ޖެހޭނީ މެއިލް މެދުވެރިކޮށެވެ. އަދި ބަޔާން ބަދަލުކުރުން ވެސް ކުރިއަށް ދާނީ މެއިލް މެދުވެރިކޮށެވެ. ކޯޓުން ސާފުކުރަން ޖެހޭ ރިކޯޑްތައް ހޯދުމަށް ވެސް ދެން ހުށަހަޅަން ޖެހޭނީ މެއިލް މެދުވެރިކޮށެވެ.

ސިވިލް ކޯޓުން ބުނި ގޮތުގައި މީގެފަހުން ކޯޓަށް ހާޒިރުވުމުގެ އަމުރުތައް ފޮނުވާނީ އެ ފަރާތެއް ކޯޓަށް ދީފައިވާ ނަންބަރުގެ ވައިބާއަށް ނުވަތަ ވަޓްސްއެޕަށް ނުވަތަ ދީފައިވާ މެއިލަށެވެ. ކޯޓަށް ހާޒިރުކުރަން ޖެހޭ މީހުން މަދު ކުރުމަށް ޝަރީއަތުގެ އަޑުއެހުމެއް ބާއްވަން ޖެހޭ މައްސަލަތަކުގައި އަޑުއެހުން ބާއްވާނީ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށް ވެސް އުސޫލުގައިވެ އެވެ. ކޮންމެހެން ހާޒިރުވެގެން އަޑުއެހުމެއް ބާއްވަން ޖެހޭނަމަ އެ އަޑުއެހުމެއް ބާއްވާނީ އެ މައްސަލައެއް ބަައްލަވާ ގާޒީ އަންގަވާ ގޮތަށެވެ.

މި ދުވަސްވަރު ސިވިލް ކޯޓު ހުޅުވާފައި ހުންނާނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހަކު، ހެނދުނު 8:00 ން ހަވީރު 6:00 އަށެވެ. ހޮނިހިރު ދުވަހު ކޯޓު ބަންދުކޮށްފައި ހުންނައިރު، ނުރަސްމީ ގަޑިތަކުގައި ކޯޓާ މުއާމަލާތް ކުރަން ބޭނުންވެއްޖެނަމަ ޓްވިޓާ މެދުވެރިކޮށް ސިވިލް ކޯޓާ މުއާމަލާތް ކުރެވޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.