ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ދެކުނު ކޮރެއާގެ "ޕޭޝަންޓް 31"އިން ދަސްކުރަންވީ ފިލާވަޅު!

ހަލުއި މިނުގައި ދުނިޔޭގެ ގައުމުތަކަށް ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ބަލާއާފާތް މިވަނީ ރާއްޖޭގެ ގޮނޑުދޮށާ ހަމައަށް ވެސް އައިސްފަ އެވެ. ރާއްޖޭގައި މިހާތަނަށް 13 މީހަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، އެ ވައިރަސް ރާއްޖޭގައި ވެސް ފެތުރިގެން ހިނގައިދާނެކަމުގެ ބިރަށް ކޮންމެ ދުވަހަކު ސަރުކާރުން ގެންދަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަމުންނެވެ.

މިހާރުވެސް ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތައް ބަންދެވެ. ރިސޯޓުތަކަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ. ބަލި އެންމެ ބާރަށް ފެތުރޭ ގިނަ ގައުމުތަކުން މީހުން ރާއްޖެ އައުން ވެސް އެވަނީ ހުއްޓުވައިފަ އެވެ. އެ ހުރިހާ ފިޔަވަޅުތަކާއެކު ވެސް ވައިރަސްގެ ބިރު ކުޑައެއް ނުވެ އެވެ. ހާއްސަކޮށް ބޭރުގެ އެކި ގައުމުތަކުން ރާއްޖެ އަންނަ ދިވެއްސަކު އެ ވައިރަސް ހިފައިގެން އަތުވާދާނެތީ އޮތް ކަންބޮޑުވުމެވެ. ނޫނީ، މި ވަގުތު ރާއްޖޭގައި ހުރި ފަތުރުވެރިއްގެ ފަރާތުން އެ ވައިރަސް ދިވެއްސަކަށް ޖެހިދާނެ ކަމުގެ ފުރުސަތު ބޮޑުވުމެވެ.

އެ ހުރިހާ ކަންބޮޑުވުންތަކެއް ބަންޑެލިކޮށްގެން، ސަރުކާރުން ވަނީ އިތުރު ފިޔަވަޅުތަކެއް އަޅައިފަ އެވެ. ދިވެހިން ހިމެނޭ ގޮތަށް ރާއްޖޭން ބޭރުން އަންނަ ކޮންމެ މީހަކު 14 ދުވަހު އެކަހެރިކުރުމުގެ ނިންމުމެއް ވަނީ ނިންމައިފަ އެވެ. ރޯގާގެ އަލާމާތެއް ހުންނަ މީހުން ކިރިޔާވެސް ކޮވިޑް-19 އަށް ޝައްކު ކުރެވޭނަމަ، ސަރުކާރުން ދަނީ އެ މީހަކުވެސް ގޭގައި ނަމަވެސް، އެކަހެރިވެ ތިބުމަށް އަންގަމުންނެވެ.

ނަމަވެސް، އެކަމަށް ސަރުކާރަށް ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. ޝައްކު ކުރެވޭ މީހަކު ފެނިގެން ވަގުތީ ގޮތުން އަރައި ފޭބުން މަނާކުރާ ރަށްރަށުގައި ތިބި ބައެއް މީހުން އެކަމަށް ބޯލަނބާކަށް ބޭނުމެއް ނުވެ އެވެ. ގޭގައި އެކަހެރިވާން އަންގާ މީހުން ވެސް ގެއިން ބޭރަށް ނުކުންނަނީ އެވެ.

އެންމެ ފުރަތަމަ މިކަން ފެށިގެން އައިއިރު ވެސް، އެފަދަ ގިނަ ތުހުމަތުތަކެއް ފެންމަތިވި އެވެ. ނަމަވެސް، މިދިއަ ހަފުތާގެ ތެރޭގައި އޭގެ ދެ މައްސަލައެއް ފެންމަތިވެގެން އެންމެ ފަހުން ފުލުހުން ހައްޔަރުކުރާ ހިސާބަށް ކަންތައް ދިޔަ އެވެ. އަދި ކަރަންޓީނުކުރަން އަންގާ އެންގުތަކަށް ކިޔަމަންނުވާ މީހުން 5،000 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައަޅަން ސަރުކާރަށް މަޖުބޫރުވީ އެވެ.

އެއް ތަނުން އަނެއް ތަނަށް މީހުން ދަތުރުކުރުން ހުއްޓުވައިގެން ނޫނީ ހިފަހައްޓައިގެން މެނުވީ، މި ބަލި ފެތުރުން ނުހުއްޓުވޭނެކަން މުޅި ދުނިޔެއަށް ބަލައިލި ނަމަވެސް އެ އޮތީ ފެންނާށެވެ.

ސަރުކާރުގެ އެންގުންތަކަށް ފުރަގަސްދީފައި، އެހެން މީހުންގެ ތެރެއަށް ނުކުމެ އުޅުނު އެންމެ މީހެއްގެ ފުށުން، އެތަކެއް ހާސް މީހުންގެ ފުރާނަ ނުރައްކަލެއްގެ ތެރެއަށް ވައްޓާލައި، ގައުމެއް ހުއްޓުމަކަށް އައި ކަމީ، ރާއްޖޭގައި ވެސް ބަސްނާހަން ވެގެން އުޅޭ ބަޔަކަށް ވަރުގަދަ މިސާލެކެވެ.

ދެކުނު ކޮރެއާގެ މިސާލު

ޗައިނާގެ ވޫހާން ސިޓީން މިދިޔަ ޑިސެމްބަރު ފެނުނު ކޮވިޑް-19 ވައިރަސް، ޗައިނާ އިން ބޭރުން އެންމެ ފުރަތަމަ ރިޕޯޓުކުރި މަދު ގައުމުތަކުގެ ތެރޭގައި ދެކުނު ކޮރެއާ ހިމެނެ އެވެ.

ރަސްމީކޮށް އެ ވައިރަހުގެ އެންމެ ފުރަތަމަ ކޭސް ރިޕޯޓު ކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ދެކުނު ކޮރެއާގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުން، އެ ގައުމުގައި އެ ވައިރަހަށް އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ޖެނުއަރީ 20 ވަނަ ދުވަހު އިންޝަން އެއާޕޯޓަށް އައި 35 އަހަރުގެ ޗައިނާ ރައްޔިތެއް ކަމަށެވެ. އޭނާ އައިސްފައިވަނީ ސީދާ ވޫހާން ސިޓީން ކަމަށް ބުނެފައިވެ އެވެ.

ފުރަތަމަ ކޭސް ފެނުނު ފަހުން، ޖެހިގެން އައި މަސް ދުވަހުގެ ތެރޭގައި އެ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ 30 މީހުނެވެ. ޕޮޒިޓިވްވި މީހުނާ އެކި ގޮތްގޮތުން ކޮންޓެކްޓުވި މީހުންގެ އަދަދު އެތަކެއް ސަތޭކައަށް އެރިނަމަވެސް، އޭރު ދެކުނު ކޮރެއާގެ ސަރުކާރުން އަޅަމުންދިޔަ ފިޔަވަޅުތަކާއެކު އެ ބަލި އޮތީ ކޮންޓްރޯލް ކުރެވިފަ އެވެ.

ނަމަވެސް، ދެކުނު ކޮރެއާގެ ހާލަތު ކުއްލިއަކަށް ބަދަލުވެގެން ދިޔައީ އެ ވައިރަހަށް ޕޮޒިޓިވްވި 31 ވަނަ މީހާއާ ހަމައިންނެވެ. "ޕޭޝަންޓް 31" އާއެކު ކަފަ ދަނޑެއްގައި ރޯކޮށްލި ފަދައިން، ކޮވިޑް-19 މުޅި ދެކުނު ކޮރެއާގައި އެއްވެސް ހިފެހެއްޓުމެއްނެތި ފެތުރިގެން ދިޔަ އެވެ.

"ޕޭޝަންޓް 31"

ޕޭޝަންޓް 31 ގެ ނަމުން މިހާރު މަޝްހޫރުވެފައިވާ އެ އަންހެން މީހާއަށް އެ ވައިރަސް ޖެހުނު ގޮތެއް އަދިވެސް ސާފެއް ނުވެ އެވެ. ނަމަވެސް، ރޯގާގެ އަލާމާތްތައް ހުންނަ ހުރިހާ މީހުން، މީހުން ގިނަ ސަރަހައްދުތަކަށް ނުދިޔުމަށް އިލްތިމާސް ކުރަމުންދަނިކޮށް، އެ މީހާ އެތައް ދުވަހެއްގެ މަތިން، ވެރިރަށް ސޯލްގެ އިތުރުން ޑެއިގޫގައި މީހުން ގިނަ ސަރަހައްދުތަކަށް ދިޔަކަމަށްވެ އެވެ. ނަމަވެސް، އޭރު އޭނާއަސް އެ ބަލި ޖެހިފައިވާކަމެއް ނޭނގެ އެވެ.

ފެބްރުއަރީ 6 ވަނަ ދުވަހު ހިނގި އެކްސިޑެންޓެއްގައި އޭނާ ޑެއިގޫގައި ހުރި ހޮސްޕިޓަލަކަށް ފަރުވާ ހޯދަން ދިޔަ އެވެ. އަދި ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދިޔައިރުވެސް، އެ އަންހެން މީހާ، ފެބްރުއަރީ 9 ގައި އަދި ފެބްރުއަރީ 16 ގައި އެ ސިޓީގައި ހުރި ޗާޗެއްގައި އޮތް ހަރަކާތެއްގައި ބައިވެރިވިކަމަށްވެ އެވެ.

އެ ޗާޗަށް ދެވަނަ ފަހަރަށް އޭނާ ދިޔުމުގެ އެއް ދުވަސް ކުރިން، ހުން ގަދަވުމުގެ ސަބަބުން ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ޑޮކްޓަރުން ލަފާދިންކަންވެސް އެނގެ އެވެ. ނަމަވެސް، އޭގެ ބަދަލުގައި، ޗާޗަށް ދިޔުމުގެ ކުރިން އެ މީހާ، ރަހުމަތްތެރިޔަކާއެކު ހޮޓަލަކަށް ކާންދިޔަކަންވެސް މިހާރު ވަނީ ހާމަވެފަ އެވެ.

އަދި ދެވަނަ ފަހަރަށް ޗާޗަށް ދިޔުމަށްފަހު އޭނާގެ ހާލު އިތުރަށް ގޯސްވާން ފެށުމުން، ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް އަނެއްކާވެސް ޑޮކްޓަރުން ބާރު އެޅި އެވެ. އެއާއެކު، ކޮވިޑް-19 އަށް ޓެސްޓުކުރުމަށް އޭނާ އެހެން ހޮސްޕިޓަލަކަށް ގޮސްފައިވަނީ ފެބްރުއަރީ 17 ވަނަ ދުވަހެވެ.

ދެކުނު ކޮރެއާގެ ކަމަބެހޭ އިދާރާތަކުން، އެ އަންހެން މީހާއަކީ ދެކުނު ކޮރެއާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި 31 ވަނަ މީހާކަމަށް ރަސްމީކޮށް ބުނީ އޭގެ ޖެހިގެން އައި ދުވަހު އެވެ. އެ މީހާ ޕޮޒިޓިވްވެފައިވާކަން އެންގިތާ މަދު ދުވަސް ކޮޅެއްގެ ތެރޭގައި، ދެކުނު ކޮރެއާއިން އެތަކެއް ސަތޭކަ އިތުރު ކޭސްތަކެއް ރިޕޯޓުކުރި އެވެ. އޭގެ ތެރެއިން ގިނަ ބަޔަކީ، އެ މީހާ ދިޔަ ޗާޗުގެ އިތުރުން އެ ސަރަހައްދުން އަލާމާތްތައް ފެނިގެން ރިޕޯޓުކުރި މީހުނެވެ.

1،100 އަށް ވުރެ ގިނަ މީހުން

އެކަމާ ގުޅިގެން، ދެކުނު ކޮރެއާގެ ކަމާބޭހޭ އިދާރާތަކުން ހޯދި މައުލޫމާތުތަކަށް ބަލާއިރު، ޕޭޝަންޓް 31 ޗާޗަށް ދިޔަ ދެ ދުވަހު، އެ ޗާޗަށް 9،200 މީހުން ދިޔަކަމަށްވެ އެވެ.

އޭގެ ތެރެއިން، 1،200 އަށް ވުރެ ގިނަ މީހުންގެ ފަރާތުން ރޯގާގެ އަލާމާތްތައް ފެނިފައިވާއިރު، އެތަކެއް ސަތޭކަ ބަޔަކު ވަނީ އެ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

އޭގެ އިތުރުން، ޑެއިގޫ ކައިރީގައި ހުންނަ ހޮސްޕިޓަލަކުންވެސް އިތުރު ބަޔަކަށް އެ ވަނީ ބަލިޖެހިފަ އެވެ. އެކަން އަދި ކަށަވަރު ނުވިނަމަވެސް، ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ ގޮތުގައި، އެ ހޮސްޕިޓަލަށް ބަލި ފެތުރުނީ، އެ ތަނުގައި އޮތް ޖަނާޒާއެއްގައި އެ ޗާޗުން ބައެއް މީހުން ބައިވެރިވެފައިވާތީ ކަމަށެވެ.

އެހެންވެއްޖަނަމަ، އެންމެ ގިނައިން ޕޮޒިޓިވްވި މީހުން ފެނިފައިވާ ދެ ސަރަހައްދުގައި ވެސް ޕޭޝަންޓް 31 އާ ގުޅުމެއްވެ އެވެ.

ދެކުނު ކޮރެއާގައި މިހާތަނަށް 8،000 މީހުނަށް އެ ވައިރަސް ޖެހިފައިވާއިރު، 75 މީހުން ވަނީ އެ ބަލީގައި މަރުވެފަ އެވެ. އެގޮތުން، ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދުގެ 80 ޕަސަންޓަކީ ޕޭޝަންޓް 31 އާ ގުޅުން އޮތް ދެ ސަރަހައްދުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުނެވެ.

ކަމާބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި، ދެ ދުވަސް މަތިން ޕޭޝަންޓް 31 ވަނީ އެޗާޗަށް ދިޔަ 1،160 މީހަކާ ޑައިރެކްޓް ކޮންޓެކްޓުވެފަ އެވެ.

މި ބަލާއާފާތާ ގުޅިގެން ޕޭޝަންޓް 31 ނަގާދީފައިވަނީ މުޅި ދުނިޔެއަށްވެސް ފިލާވަޅެކެވެ. މި ބަލި ކޮންޓްރޯކޮށް، ސަލާމަތްވުމަށް ހުރިހާ އެންމެންގެ ޒިންމާއެއްވެއޭ ސިއްހީ އިދާރާތަކުން ތަކުރާރުކޮށް ބުނަމުންދަނީ އެހެންވީމަ އެވެ. އެންމެ މީހެއްގެ ފުށުންވެސް މި ބަލި ފެތުރިގެންގޮސް، ކޮންޓްރޯލުން ނެއްޓިދާނެކަން ދެކުނު ކޮރެއާގެ މިސާލުންވެސް ސާފެވެ.

ގޭގައި ނުވަތަ ރަށު ބަންދުގައި އެކަހެރިކޮށްފައިވާ މީހަކު، އެ އެންގުމާ ހިލާފުވުމުގެ ކުރިން، ތިމަންނާ "ޕޭޝަންޓް 31" އަށް ވެދާނެތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލުން މުހިއްމެވެ.