ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސަރަހައްދުގެ ކާފިއު

ކާފިއު ޓެސްޓުން ދިވެހިން ފެއިލް ވެދާނެ!

ކާފިއު ގަޑީގަައި މާލޭގެ މަގުތަކުގެ ފޮޓޯތައް ނަގާލީމެވެ. ގަޑިއިން ފަހެއް ޖަހަން މިނެޓަކަށްވީއިރު ވެސް މަގުތަކުގައި މީހުން ގިނަ އެވެ. ފަހެއް ޖެހިއިރު ގިނަ މީހުނަށް ގެއަކަށް ނުވަދެވެ އެވެ. އޭރުވެސް ހަމަ ފިނި ބުރަށް ދުއްވާ މީހުން ގިނަ އެވެ. އެމީހުންނަށް ގެއަށް ވަދެވޭވަރު ވަނީ ފުލުހުން އިނގިލި ދިއްކޮށް ލޯ އަޅާލުމުންނެވެ.

އެހާއިރުން ފެށިގެން ރޭގަނޑު އަށެއް ޖަހަން ދެތިން މިނެޓަށްވާންދެން މާލޭގެ މަގުތައް ވަރަށް ހިމޭނެވެ. ބައެއް ސަރަހައްދުތަކުގައި ދެތިން މީހުން ހިފަހައްޓައިގެން ފުލުހުން އުޅުނަސް ކާފިއުއަށް މީހުން ބޯލަނބަ އެވެ. އެކަމަކު، ގަޑިއިން 7:59 ގައި މީހުންތައް ހޮރުހޮރުން ނުކުންނަން ފަށަ އެވެ. ހީވަނީ މަޖުބޫރު ބަންދަކުން ބަޔަކު މިނިވަންކުރުމުން ވީއްލިގެން އަވަސް އަވަހަށް މަގުމައްޗަށް ދެމިގަންނަ ހެނެވެ. ގަޑިން އަށެއް ޖަޖާއިރު މަޖީދީ މަގު ވެސް ފުރާލަ އެވެ. ފިހާރަތަކުގެ ދޮރުތައް ރަނގަޅަށް ނުހުޅުވެނީސް އެތަންތަން ވެސް ފުރާލަ އެވެ. ސިނގިރޭޓާއި ކޮފީ ދަޅުތައް ގަންނަން އެންމެން އަވަސްވެ ގަނެވެ.

މިއީ މިދިއަ ތިން ދުވަހުގެ ކާފިއުގައި ވެސް ފެނުނު އާންމު މަންޒަރެވެ. މި މަންޒަރު މިހެން ފެންނަނަމަ، އެންމެން ގޭގައި ބޭތިއްބުމަށް ސަރުކާރުން ހިންގާ ކާފިއުގެ ބޭނުމެއް ނެތެވެ. އެއީ ބޭކާރު ކާފިއުއެކެވެ.

ހަވީރު ފަހަކުން ރޭގަނޑު އަށަކަށް ކާފިއު ހިންގަން ޖެހުނީ ވެސް އެ ވަގުތުތަކުގައި މީހުން ހާއްސަ ބޭނުމެއް ނެތި މަގުމަތީގައި އުޅޭ މިންވަރު އިތުރު ވެގެނެވެ. އަދި، ގޯސް ހާލަތަކަށް ގޮސްފިނަމަ ކާފިއުއަށް ތައްޔާރު ވެސް ވުމަށެވެ.

ކާފިއުގެ ވަގުތު ބޭރަށް ނުކުންނަ މީހުންނަށް ބޮޑު ޖޫރިމަނާއެއް ކަނޑައަޅާފައި އޮތް އިރު ވެސް ފުރަތަމަ ތިން ދުވަހު ވެސް 400 އަށްވުރެ ގިނަ މީހުން މަގުތަކުގައި އުޅުނެވެ. އެއީ މަދު އަދަދެކޭ ނުބުނެވޭނެ އެވެ. އެމީހުންނަށް ވެސް ނަސޭހަތްދީ ފޮނުވާލީ އެވެ.

މިއީ މަޖުބޫރެއްވެގެން ތިބޭ ތިބުމެއްގެ ބަދަލުގައި ފަރުދީ ޒިންމާ އަދާކޮށް ރާއްޖެއަށް އަންނަން އޮތް ބިރުވެރިކަމެއް އަޔަ ނުދީ ހިފެހެއްޓުމަށް ކުރާ ކަމެއްގެ ގޮތުގައި ހަދަން ޖެހެ އެވެ. ވީހާވެސް ބޮޑަށް ގޭގައި ތިބެން އެބަ ޖެހެ އެވެ.

"މި ގަޑި ނަގަންވީ މަޖުބޫރު ކަމެއްގެ ގޮތަކު ނޫން، މިއީ އަޅުގަނޑުމެންނަށް ބަލިން ރައްކާތެރިވުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ބަލަންވީ، އަޅުގަނޑުމެންގެ ނަސީބު ރަނގަޅުކަމުން 24 ގަޑިއިރު މިފަދަ ބަންދަކަށް ނުދެވި މިއޮތީ ވެސް، އެހެން ނަމަވެސް އަޅުގަނޑުމެންނަށް ކުރެވޭ ކަމެއްގެ ސަބަބުން އެފަދަ ހާލަތަކަށް ދިޔުމަކީ ވެސް އެކަށީގެންވާ ކަމެއް،" ޑރ. މޫސާ މުރާދު ވިދާޅުވި އެވެ.

އެންމެ މީހަކު ކުރާ ކަމަކުން ވެސް މުޅި ގައުމު ނުރަައްކަލުގެ ތެރެއަށް ވެއްޓިދާނެ އެވެ. ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ބޯލެނބުމަކީ ކޮންމެ މީހަކު ވެސް ކުރަން ޖެހޭ ކަމެކެވެ. ފަރުވާކުޑަވެ، އަލާމާތްތަކަށް އަޅައިނުލައި ހުއްޓާ މުޅި ގައުމަށް ނުރައްކާ ފެތުރިގެން ހިނގައިދާނެ އެވެ.

ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވި ގޮތުގައި ކާފިއުގެ ވަގުތު ފެށުމުގެ ކުރި އާއި ނިމުމުން ފެންނަ މަންޒަރުތަކާ ގުޅިގެން ދެން އަޅާނެ ފިޔަވަޅެއް މަޝްވަރާ ކުރާނެ އެވެ. އަދި، މިހާރު އޮތް ފިޔަވަޅުން ނަތީޖާއެއް ނުނުކުންނަ ނަމަ، ކާފިއުގެ ވަގުތު އިތުރު ކުރަން ވިސްނާނެ އެވެ.

ކާފިއުގެ އިތުރުން މިހާރު މާލޭގެ މަގުމަތީގައި ތިން މީހުންނަށްވުރެ އިތުރަށް އެކީގައި އެއްވެ އުޅުމަކީ މަނާ ކަމެކެވެ. އެކަމަކު، މިކަން އެއްވެސް މީހަކު ހަނދާނެއް ނެތެވެ. ތިން މީހުންނަށްވުރެ އިތުރަށް ވެސް އެކީގައި މަގު މައްޗަށް ނުކުމެ އުޅެ އެވެ. ސައިކަލްތަކުގައި ބުރު ވެސް ޖަހަ އެވެ.

މިކަމުގައި ވަކި ކުރާނީ ހެއްޔެވެ؟ އެންމެން ގެންގޮސް ޖަލަށްލާންވީ ހެއްޔެވެ؟ ނޫނީ މިފަދަ ދަނޑިވަޅެއްގައި ޖޫރިމަނާތަކެއް ބޮލުގައި ބޭކާރު ގޮތުގައި އަޅާނީ ހެއްޔެވެ؟

އިސްކަން ދޭންވީ ހަތަރު ވަނަ މީހާ ގެންގޮސް ލަށްލާނީތޯއެއް ނޫނެވެ. ފިޔަވަޅު އެޅިޔަސް ނޭޅިޔަސް ސަރުކާރުން މިކަމުގައި އަންގާ އެންގުންތަކަށް ވިސްނައި، އަމަލު ކުރަން ވީއެވެ. މި ވަގުތަކީ ފަރުދީ ޒިންމާގެ ވަގުތެކެވެ.

އެންމެ ފުރަތަމަ ކާފިއު ހިންގި ދުވަހުގެ ތިން ގަޑިއިރަށް ބެލުމަށްފަހު "ދިވެހިންނަކީ ހަގީގަތުގައި ވެސް ބަސް އަހާ، އެއްބާރުލުންދޭ އެކުވެރި އޯގާތެރި ބައެއް،" ކަމަށް ވަޒީރަކު ވިދާޅުވި އެވެ. ހަގީގަތުގައި ވެސް ދިވެހިން އެފަދަ ބަޔަކަށް ވާން އެބަ ޖެހެ އެވެ. އެކަމަކު ހަމައެކަނި ތިން ގަޑިއިރަކަށް ނޫނެކެވެ.

މިހާރު ބަލަންވީ ހަވީރު ފަހެއް ޖަހާއިރަށް ގެއަށް ވަންނަ ގޮތަށް ނުނުކުމެ ތިބެވޭތޯ ބަލާށެވެ. މަދު މީހަކު ނޫނިއްޔާ އޭގެ ފަހުން އޮފީހުގެ ކަމެއް ވެސް ނޯންނާނެ އެވެ. މަސައްކަތެއް ވެސް ނޯންނާނެ އެވެ. ކޮންމެ ދާން ޖެހިގެން ނޫނީ ފިހާރަތަކަށް ވެސް ކާފިއު ހަމަ ނިމޭއިރަށް ނުދާންވީ އެވެ. ދާން ޖެހުނަސް މީހުން މަދު ވާނެ ވަގުތު ބަލާފައި ދިޔުން ރަނގަޅެވެ. ދުވާލު ގަޑީގައި ވިޔަފާރި ވެސް ކޮށް ނިންމާލަންވީ އެވެ. ފިހާރަތަކުގައި ތޮއްޖެހުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ.

ޑރ. ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި ރައްޔިތުން އަޑު ނާހާ، ބޭނުންހާ ގޮތަކަށް އުޅޭނަމަ ސިއްހީ ހިދުމަތްތެރިންނާއި އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުން ކުރާ މަސައްކަތްތަކުގެ އެއްވެސް ބޭނުމެއް ނޯންނާނެ އެވެ. ސަރުކާރުން މިހާރު ވެސް ރައްޔިތުން ގޭގައި ބައިތިއްބުމަށް އެހީތަކެއް ވެދީފި އެވެ. ފެނާއި ކަރަންޓު ބިލުން ބައެއް ދައްކައިދެ އެވެ. ސަރުކާރާއި ސްކޫލްތައް ވެސް ބަންދުކުރީ އެވެ. ގޭގައި ތިބެގެން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެ ގޮތާއި އޮފީސްތަކަށް ލިޔުންތައް ހުށަހެޅޭނެ ގޮތް އޮންލައިންކޮށް ވެސް ހަދައިދީފި އެވެ.

ސަރުކާރުން އެ ހުރިހާ ކަމެއް ވެސް ކޮށްދެނީ ރައްޔިތުން ގޭގައި ތިބޭތޯ އެވެ. އެހެންވުމުން ގޭގައި ތިބެންވީ އެވެ. ކާފިއުއަކީ ބޭކާރު އެއްޗަކަށް ނަހަދަންވީ އެވެ. ކާފިއުގައު އުނދަގޫވާނެ އެވެ. ދަތި ވެސް ވާނެ އެވެ. އެކަމަކު، މި ވަގުތު ކެތްތެރިވުން ނޫން ގޮތެއް ނެތެވެ. ނޫންނަމަ، މިހާރު ތިން ގަޑިއިރަށް ބަންދުވެފައި ތިބެންޖެހޭ ފަދައިން 24 ގަޑިިއިރަށް ވެސް ދާން ޖެހިދާނެ އެވެ. ޑޮކްޓަރުން އިންޒާރު ދެއްވަނީ އެހެން ވެގެނެވެ. އޭރަށް ކުރާނީ ކީއް ހެއްޔެވެ؟ ބޭރަށް ނުކުމެވޭނެ ހެއްޔެވެ؟ މިކަމުގައި ދިވެހިން ފެއިލްވެގެން ވާކަށް ނެތެވެ.