ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވިލިމާލެއިން މީހަކަށް ޝައްކުވާތީ ޓެސްޓްކުރަނީ

ވިލިމާލެއިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނިފައިވާތީ އެ މީހާގެ ޓެސްޓްތައް ހަދައި އޭނާ އެކަހެރިކުރުމަށް ފަރުކޮޅުފުއްޓަށް ގެންދިޔުމުގެ މަސައްކަތް ފަށައިފި އެވެ.

ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިއަދު ވިދާޅުވީ ވިލިމާލެއިން އަލާމާތްތައް ފެނުނު މީހާއަކީ ސައުތު ކޮރެއާއަށް ދަތުރު ކުރުމަށްފަހު އެނބުރި ރާއްޖެ އައި މީހެއް ކަމަށެވެ.

އޭނާގެ ފަރާތުން އަލާމާތްތައް ފެންނާތީ އޭނާ ފަރުކޮޅުފުއްޓަށް ގެންދިޔުމަށް ނިންމާފައިވާއިރު އޭނާއާ ކޮންޓެކްޓްވި މީހުން އެކަހެރިކޮށް ތިބުމަށް އަންގާފައިވާ ކަމަށް މަބުރޫކު ވިދާޅުވި އެވެ.

ސައުތު ކޮރެއާގެ ދެ ޕްރޮވިންސްއަކުން ރާއްޖެއަށް މީހުން އައުން މަނާކޮށްފައިވީ ނަމަވެސް ވިލިމާލޭގައި ހުރި މީހާއަކީ ސައުތު ކޮރެއާގެ އެހެން ޕްރޮވިންސްއަކުން ރާއްޖެ އައި މީހެއް ކަމަށް މަބުރޫކު ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ.

ރާއްޖެއިން ވަނީ އިޓަލީއިން މީހުން ރާއްޖެ އައުން މަނާކޮށްފަ އެވެ. އޭގެ އިތުރަށް ޔޫރަޕްގެ ޖާމަނީ، ފްރާންސް އަދި ސްޕެއިން ވެސް މީހުން އައުން މިފަހުން ވަނީ މަނާކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރު ކުރިއަށް އޮތް ދެ ހަފުތާ ބަންދުވާނެ އެވެ. އަދި ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން ވަނީ ނިންމާފަ އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމްދޭ މަރުކަޒެއް ވެސް ދެ ހަފުތާއަށް ވަނީ ބަންދުކޮށްފަ އެވެ. ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފަ އެވެ. ސިނާމާތައް ވެސް ބަންދުކުރަން އެންގި އެވެ.

އޭގެއިތުރުން ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން ވަނީ މަނާކޮށްފަ އެވެ. އާންމުން ދަތުރުކުރާ ފެރީތަކުގައި ބިދޭސީން ދަތުރު ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. މާލެ ސަރަހައްދުތަކުގެ ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ.