ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވިލިމާލޭ މީހާ ކަރަންޓީނަށް ދާން ދެކޮޅުހެދި، މައްސަލަ ފުލުހަށް

ސައުތު ކޮރެއާއިން ރާއްޖެ އައި ފަހުން ކޮވިޑް-19ގެ އަލާމާތްތައް ފެނުނު މީހާ ކަރަންޓީނުވުމަށް ފަރުކޮޅުފުއްޓަށް ދާން އެއްބާރުލުންނުދީ، ހުރަސްއެޅި ކަމަށާއި އެ މައްސަލަ ފުލުހުން ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އޭނާއަށް ގޭގައި މަޑުކުރުމަށް އަންގާފައިވަނިކޮށް އެކަމަށް އެއްބާރުލުން ނުދީ، އަންގާފައިވާ ގޮތަށް އަމަލުކޮށްފައިނުވާ މައްސަލަ ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން މިއަދު ހުށަހަޅާފަ ކަމަށެވެ.

އެ މައްސަލަ ފުލުހަށް ހުށަހެޅުން ފުލުހުން ވަނީ ވިލިމާލެއަށް ގޮސް އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެޗްޕީއޭއާ މިއަދު މެންދުރުގެ ވަގުތެއްގައި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކަރަންޓީނަށް ދިޔުމަށް ދެކޮޅު ހެދި މައްސަލަ ގާނޫނުލްއުގޫބާތުގެ 121 ވަނަ މާއްދާގެ ދަށުން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އޭނާ ކޮށްފައިވަނީ އެ މާއްދާގެ ދަށުން ކުށެކެވެ.

ފުލުހުން ބުނީ އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފަށް އަމަލު ކުރާ މީހުންގެ މައްސަލަ ފުލުހުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ރިސޯޓްތަކުން މީހުން ފާބައި މީހުން ދިރިއުޅޭ ރަށްރަށަށް އެރުން މަނާކޮށްފައިވަނިކޮށް މީހަކު ވަނީ ފަތާފައި އައްޑޫއަށް އަރާފަ އެވެ. އެމީހާ ހައްޔަރުކޮށް މިހާރު ވަނީ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

ވިލިމާލެއިން ޝައްކުވާ މީހާއަކީ ސައުތު ކޮރެއާއިން އައި މީހެކެވެ. އޭނާގެ ފަރާތުން އަލާމާތްތައް ފެނިފައިވާތީ އޭނާއާ ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ. އެމީހާގެ ޓެސްޓްގެ ނަތީޖާތަކެއް އަދި ނުލިބެ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރު ކުރިއަށް އޮތް ދެ ހަފުތާ ބަންދުވާނެ އެވެ. އަދި ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން ވަނީ ނިންމާފަ އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމްދޭ މަރުކަޒެއް ވެސް ދެ ހަފުތާއަށް ވަނީ ބަންދުކޮށްފަ އެވެ. ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފަ އެވެ. ސިނާމާތައް ވެސް ބަންދުކުރަން އެންގި އެވެ.

އޭގެއިތުރުން ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން ވަނީ މަނާކޮށްފަ އެވެ. އާންމުން ދަތުރުކުރާ ފެރީތަކުގައި ބިދޭސީން ދަތުރު ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. މާލެ ސަރަހައްދުތަކުގެ ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ.