ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އައްޑޫއަށް ފަތާފައި ދިޔަ މީހާގެ ބަންދަށް 15 ދުވަސް

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުން މަނާ ކޮށްފައި ވަނިކޮށް ރިސޯޓެއްގެ މުވައްޒަފަކު ފަތާފައި ގޮސް އައްޑޫ ސިޓީގެ މީދޫއަށް އެރުމާ ގުޅިގެން، އެ މުވައްޒަފުގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ފަތާފައި ގޮސް މީދޫއަށް އެރީ އެ އަތޮޅުގައި އޮންނަ ސައުތު ޕާމް ބީޗް ރިސޯޓްގެ މުވައްޒަފެކެވެ. އިއްޔެ މެންދުރުފަހު އެމީހާ މީދޫއަށް އެރިކަން އެނގުމުން ހައްޔަރުކުރީ ހެލްތު ސެންޓަރަށް ގެންގޮސް ނުރައްކަލެއް ނެތްކަން ޑޮކްޓަރު އެންގުމުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު ބުނީ، މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް މިއަދު ގެންދުމުން އައްޑޫ ސިޓީ މީދޫ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައި ކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު މިހާތަނަށް ރާއްޖޭން ފެނިފައިވެ އެވެ. އެއީ ހަތަރު ރިސޯޓެއްގައި ތިބި ޓޫރިސްޓުންނާއި ބިދޭސީންގެ އިތުރުން ސަފާރީއެއްގައި ތިބި ބިދޭސީންތަކެކެވެ. އެކަމާ ގުޅިގެން ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުން ވަނީ މަނާކޮށްފަ އެވެ. އަދި ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ.